ކުޑަ އަންހެންކުއްޖަކާ މެދު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި މީހަކު 11 އަހަރަށް ޖަލަށްލުމަށް މުލަކު އަތޮޅު މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފި އެވެ.

އެ މައްސަލާގައި ކުށް ސާބިތުވެގެން މިދިޔަ މަހުގެ 29ގައި ޖަލަށް ލުމަށް މުލަކު އަތޮޅު މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފައި ވަނީ މ. މުލައް، އިނާސާހައުސް، އަލީ ޝިވާ 18، ގެ މައްޗަށެވެ.

އަލީ ޝިވާގެ މައްޗަށް މުލަކު އަތޮޅު މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފައި ވަނީ 2013 ޖެނުއަރީ 22 ވަނަ ދުވަހުގެ ވަގުތެއްގައި ގެއަކަށް ވަދެ އެގޭތެރޭގައި ހުރި 18 އަހަރުން ދަށުގެ އަންހެންކުއްޖާއާ މެދު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގައި އެކުއްޖާގައި ތަޅައި މާރާމާރީ ހިންގާފައިވާ މައްސަލައާ ގުޅިގެންނެވެ.

އެ މައްސަލާގައި މުލަކު އަތޮޅު މެޖިސްޓްރޭޓް ކޯޓުން ކޮށްފައިވާ ހުކުމުގައި ބަޔާންކޮށްފައި ވަނީ އަލީ ޝިވާ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގިކަން ދައަލަތުން ހުށަހެޅި ހެއްކާއި ގަރީނާތަކުން ޝަރީއަތަށް ޝާބިތުވާ ކަމަށެވެ. އެހެންކަމުން އެކުށުގެ އުގޫބާތެއްގެ ގޮތުން ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ (ހ)ގެ ދަށުން އަލީ ޝިވާ ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި އަލީ ޝިވާ 11 އަހަރަށް ޖަލަށްލުމަށް ހުކުމްކުރީ ކަމަށެވެ.

އެ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ވަނީ މިދިޔަ ފެބްރުއަރީ މަހު ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.