09 Jun 2013, 11:44
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ ފުރަތަމަ އިންޓަ ކޮލެޖް/ޔުނިވާސިޓީ ވޮލީބޯލް ޗެމްޕިއަންޝިޕްގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ވިލާ ކޮލެޖުން ހޯދައިފި އެވެ.
މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ވިލާ ކޮލެޖުން ހޯދީ ރޭ ޒުވާނުންގެ މަރުކަޒުގައި ކުޅުނު ފައިނަލް މެޗުގައި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އަތުން 3-2 ސެޓުން މޮޅުވެގެން ނެވެ.
މެޗުގެ ފުރަތަމަ ދެ ސެޓް އެމްއެންޔޫ ކާމިޔާބު ކުރީ 25-16، އަދި 25-22 ން ނެވެ. އެހެން ނަމަވެސް ވިލާކޮލެޖުން ވަނީ ފަހަތުން އަރައި ވަރުގަދަ ރައްދެއްދީ ތިންވަނަ ސެޓާއި ހަތަރުވަނަ ސެޓް ކާމިޔާބުކޮށް މެޗުގެ ނަތީޖާ ނެރުމަށްޓަކައި ފަސްވަނަ ސެޓެއް ކުޅެން ޖައްސާފަ އެވެ. ވިލާ ކޮލެޖުން ފަހު ތިން ސެޓް ކާމިޔާބު ކުރީ 25-15، 25-15 އަދި 15-8 ން ނެވެ.
ފައިނަލް މެޗަށްފަހު މުބާރާތުގެ ވަނަވަނައަށް ހޮވުނު ފަރާތްތަކަށް އިނާމާއި މެޑަލް ހަވާލުކޮށްދެއްވީ ގައުމީ ވޮލީބޯލް ޓީމްގެ ކުރީގެ ކުޅުންތެރިއެއް ކަމަށްވާ އަޙްމަދު އާސިފްއާއި ޕޮލިސް ކުލަބުގެ ޖެނެރަލް ސެކްރެޓަރީ އަފްރާހް ހުސައިން އެވެ.
ފައިނަލް މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ، ވިލާ ކޮލެޖްގެ ފާތިމަތު ޒީނިޔާ މޫސާ އެވެ. އެންމެ މޮޅު ކޯޗަކަށް ހޮވުނީ ވިލާ ކޮލެޖްގެ ކޯޗް ސިނާން ހުސައިން އެވެ. އަދި ފެއާ ޕްލޭ ޓީމަކަށް ހޮވުނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ އެވެ.
މުބާރާތުގެ އެންމެ މޮޅު އަންހެން ހަ ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ ވިލާ ކޮލެޖްގެ ފާތިމަތު ޒީނިޔާ މޫސާއާއި މަރިޔަމް މާޝާ އަދި އާއިޝަތު ޖުމާނާ، ގައުމީ ޔުނިވާސިޓީގެ ފާތިމަތު ސަމާ، ނާޒިޔާ ޢަލީ އަދި ކުއްލިއްޔާގެ ޝިޒްހާ ޒާހިރު އެވެ.
ވިލާ ކޮލެޖާއި ގައުމީ ޔުނިވާސިޓީގެ އިތުރުން މުބާރާތުގެ އަންހެން ޑިވިޝަންގައި ބައިވެރިވެފައި ވަނީ ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާއާއި މަންދު ކޮލެޖްގެ ޓީމެވެ.