ރައްޔިތުންގެ މަޖިލީހުގެ އަންނަ ދައުރަށް މާލެ އާއި ހަ އަތޮޅަކުން އަށް ގޮނޑި އިތުރުކުރަން ޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައިފި އެވެ.

ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު މިއަދު ސަން އަށް ވިދާޅުވީ މިދިޔަ މަހުގެ ނިޔަލަށް އަތޮޅުތަކުން ލިބުނު އާބާދީގެ ތަފާސްހިސާބުތަކަށް ބަލާ އިރު ހަތް އަތޮޅަކަށާއި މާލެ އަށް ގޮނޑި އިތުރުކުރަން ޖެހޭ ކަމަށެވެ. އަދި އެ ގޮނޑިތައް އިތުރުކުރަން ޖެހޭ ދާއިރާތައް ފައިނަލްކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހަށް އަންނަ ދައުރުގައި ގޮނޑި އިތުރު ވާނީ މާލެ ފިޔަވައި ހދ.، ނ.، އދ، ތ.، ގދ.، އައްޑޫ ސިޓީން ކުރެ ކޮންމެ އަތޮޅަކަށް ގޮނޑިއެކެވެ. މާލެ އަށް ދެ ގޮނޑި އެވެ.

އެއާ އެކު އަންނަ ދައުރުގައި މަޖިލީހުގައި 85 ގޮނޑި ހުންނާނެ ކަމަށް އިލެކްޝަންސް އިން ބުންޏެވެ.

ގޮނޑިތައް ކަނޑައަޅާ ދާއިރާތަކެއް އިލެކްޝަންސް އަކުން ނުބުނެ އެވެ.

ފުއާދު ވިދާޅުވީ އެ ކޮމިޝަނުން ކަނޑައަޅާފައިވާ ގޮނޑީގެ އަދަދަށް ދެން ބަދަލެއް ނާންނާނެ ކަމަށެވެ. ނަމަވެސް ކަނޑައަޅާފައިވާ ދާއިރާތަކަށް ބަދަލު އައުން އެކަށީގެންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކަނޑައެޅި ދާއިރާތަކާ ބެހޭ ގޮތުން ސިޔާސީ ޕާޓީތަކުގެ ހިޔާލު ހޯދާނަން. އަދި އެ ސަރަހައްދުގެ ރަށްތަކުގެ ހިޔާލު ވެސް ހޯދާނަން. ދާއިރާތައް ފައިނަލްވާނީ މަޖިލީހުން އެންޑޯސްކުރުމުން،" ފުއާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދާއިރާތައް ކަނޑައެޅުމުގައި މިހާރު ބަލާފައި ވާނީ އާބާދީ އާއި ޖިއޮގްރަފީގެ ގޮތުން ހަމަ ހަމަވާނެ ގޮތަށް ކަމަށެވެ.

"ދާއިރާތަކުގެ ޑްރާފްޓް ކަނޑައަޅާފައި ވަނީ އާބާދީ އާއި ޖިއޮގްރަފިކް ގޮތުން ވެސް އެންމެ ކައިރި ކުރާ ރަށްތައް ބަލައިގެން. މިހާރު ކަނޑައަޅާފައިވާ ޑްރާފްޓަށް ފަހުން ބަދަލު އައުން އެކަށީގެންވޭ،" ފުއާދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އަންނަ ދައުރުގެ އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ އަންނަ އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ.