09 Jun 2013, 11:03
މާލެ ކޮމާޝަލް ހާބަރުން ފުރައިގެން ހުޅުލޭގައި ހުންނަ ބޮންޑެޑް ވެއާހައުސް އަށް މިދިޔަ ހަފްތާގައި ދަތުރުކުރަމުން ދަނިކޮށް އަރިއަޅާލި ސަޕްލައި ދޯނިން ކަނޑަށް ބޭރުވި ބިޔަރު ދަޅުތަކުގެ ތެރެއިން ބައެއް ދަޅު ވިލިމާލޭގެ ދެ ސަރަހައްދަކުން ފެނިއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ އިއްޔެ ފަތިހުގެ ވަގުތެއްގައި ވިލިމާލޭ ބީޗް ސަރަހައްދާއި ބޯޓްޔާޑް ސަރަހައްދުން ބިޔަރު ދަޅުތަކެއް ފެނިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން، ފުލުހުން އެސަރަހައްދުތަކުން 52 ދަޅު ބިޔަރު ނަގާފައިވާ ކަމަށެވެ. އަދި އެ ދަޅުތަކަކީ އަރިއަޅާލި ދޯނިން މޫދަށް ބޭރުވި ދަޅުތަކުގެ ތެރެއިން ދަޅުތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަރިއަޅާލި ދޯނިން ކަނޑަށް ބޭރުވެފައި ވަނީ 800 ކޭސް (19,200 ދަޅު)ގެ ތެރެއިން އިއްޔެގެ ނިޔަލަށް 52 ދަޅު ފެނިފައިވާ އިރު އެ ދުވަހު 14،000 ދަޅު ފުލުހުން ވަނީ ކަނޑުން ނަގައިފަ އެވެ. އޭގެތެރެއިން 5،148 ދަޅަށް ވީނުވީއެއް އަދި ނޭނގެ އެވެ.
ގަވާއިދާ އެއްގޮތަށް ރިސޯޓެއްގައި ބޭނުން ކުރުމަށް ރާއްޖެ އެތެރެކުރި އެދަޅުތައް ކަނޑަށް ބޭރުވީ ހުޅުލޭގައި ހުންނަ ބޮންޑެޑް ވެއާހައުސްގައި ބޮންޑްކުރުމަށް ދިޔަ މަގުމަތީ ކަނޑުގަދަވެ، އެތަކެތި ބަރުކޮށްފައި ހުރި ދެ ދޯނިންކުރެ އެއް ދޯނި އަރިއަޅާލުމުގެ ސަބަބުން ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފަ އެވެ.