09 Jun 2013, 10:38
ޒުވާނުންގެ މަރުކަޒުގައި އިއްޔެ ކުޅުނު އިންޓަ ރިސޯޓް އޯޕަން ވޮލީބޯލް ޗެމްޕިއަންޝިޕްގެ ފޯރިގަދަ ފައިނަލް މެޗުގައި ފަހަތުން އަރައި ވަން އެންޑް އޮންލީ ރީތިރަށް 3-2 ސެޓުން ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ބަނޑޮސް އައިލެންޑް ރިސޯޓް އެންޑް ސްޕާ ހޯދައިފި އެވެ.
ފައިނަލް މެޗުގެ ފުރަތަމަ ސެޓް 25-17 އިން ކާމިޔާބު ކުރީ ރީތިރަށް ޓީމެވެ. ދެވަނަ ސެޓް 21-25 ން ކާމިޔާބުކުރީ ބަނޑޮސް ޓީމެވެ. މެޗުގެ ފޯރި އިތުރަށް ގަދަވެގެން ދިޔައީ ތިންވަނަ ސެޓް 25-20 އިން ރީތިރަށް ކާމިޔާބު ކުރުމުން ނެވެ. އަދި އެއާއެކު ވަރުގަދަ ރައްދެއްދީ ބަނޑޮސް ޓީމުންވަނީ ހަތަރުވަނަ ސެޓް 17-25 އިން ކާމިޔާބުކޮށް މެޗުގެ ނަތީޖާ ނެރުމަށްޓަކައި ފަވަނަ ސެޓެއް ކުޅެން ޖައްސާފަ އެވެ. ދެޓީމުގެ ފަރާތުންވެސް ނޭވާ ހިފަހައްޓައިލާން ޖެހޭފަދަ ކުޅުމެއް ފެނިގެންދިޔަ މެޗުގެ ފަސްވަނަ ސެޓް، އިންޓަރިސޯޓް ޒޯން ޗެމްޕިއަންޝިޕްގެ ފައިނަލްގައި ރީތިރަށް އަތުން ބަލިވި ބަނޑޮސް ޓީމުން ކާމިޔާބުކުރީ 15-11 ޕޮއިންޓުން ނެވެ.
ފައިނަލް މެޗަށް ފަހު މުބާރާތުގެ ވަނަތަކަށް އައި ފަރާތްތަކަށް މެޑައްޔާއި އިނާމް ދިނުން އޮތެވެ. އެގޮތުން މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ބަނޑޮސް ޓީމުގެ މުހައްމަދު ސާޖިދު (ކާއްޓޭ) އެވެ. އަދި މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންގެ ތެރޭގައި ހިމެނުނީ، ބަނޑޮހުގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ)، ހަސަން ސައީދު (ސެންޑީ) އަދި އަލީ ހުޒާމްގެ އިތުރުން ރީތިރަށުގެ އިޝާން މުހައްމަދު (ބަޓިސް)،އަލީ އާމިރު އަދި މުހައްމަދު ޝާއިން އެވެ.
ފައިނަލްމެޗަށްފަހު އެ މުބާރާތުގައި ބައިވެރިވި ހުރިހާ ޓީމުތަކާއި އަދި އިންޓަރިސޯޓް ޒޯން ޗެމްޕިއަންޝިޕްގައި ވާދަކުރި ޓީމުތަކަސް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުންވަނީ އަގު ވަޒަން ކުރުމުގެ ގޮތުން ހަނދާމީ ފިލައެއް ދީފަ އެވެ.