މި އަހަރުގެ ރޯދަމަހަށް ހާއްސަކޮށްގެން ތޮއްޑޫގެ ދަނޑުވެރިން ބޮޑެތި ތައްޔާރީތަކެއް ވަމުން އަންނަ ކަމަށާއި އެގޮތުން ތޮއްޑޫގެ ކަރާ ދަނޑުތައް ރޯދަޔަށް "ފައްކާވަމުން" އަންނަ ކަމަށް އެ ރަށު ކައުންސިލް އިދާރާ އިން ބުނެފި އެވެ.

ކަރާގެ ވެރިރަށްކަމުގައި މަޝްހޫރު ތޮއްޑޫ ކައުންސިލްގެ ރައީސް މުހައްމަދު އިބްރާހިމް "ސަން" އަށް ވިދާޅުވީ މިދިޔަ އަހަރެކޭ އެއްފަދައިން މިއަހަރު ވެސް ރޯދަޔަށް ހާއްސަކޮށްގެން ތޮއްޑޫގެ ދަނޑުވެރިން ބޮޑެތި ތައްޔާރީތަކެއް ވަމުން އަންނަ ކަމަށެވެ. އަދި ކަރާ ހެއްދުމަށް ހާއްސަކޮށްގެން މި އަހަރު އެރަށުން 18 ލައްކަ އަކަފޫޓުގެ ބިން ދޫކޮށްފައިވާ އިރު އެދަނޑުތަކުގައި ކަރާ ހައްދަމުންދާ ކަމަށް ވިދާޅުވި އެވެ.

"މުޅި ރަށުގެ ރައްޔިތުންނޭ ބުނެވޭ ގޮތަށް ދަނީ ރޯދަޔަށް ކަރާ ހައްދަމުން، މި އަހަރުގެ ރޯދަޔަށް ކަރާ ހެއްދުމަށް 18 ލައްކަ އަކަފޫޓުގެ ބިން އަޅުގަނޑުމެން ދޫކޮށްފައިވާ އިރު މިހާރު އެދަނޑުތަކުގައި މޭވާތައް ދަނީ އަޅަމުން،" ތޮއްޑު ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި އަހަރުގެ ރޯދަމަސް ފެށުމުގެ 10 ވަރަކަށް ދުވަސްކުރިން އެރަށުން މާލެއަށް ކަރާ ގެނެވޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ކޮންމެ އަހަރެއްގެ ރޯދަ މަހު ވެސް އެ ރަށުން ގާތްގަނޑަކަށް 5000 ކަރާ ނުވަތަ ތިން ޓަނުގެ ކަރާ ބޭރުކުރާ ކަމަށާއި މިއަހަރު ވެސް އެހާވަރު މާލެއަށް ގެނެވޭނެ ކަމަށް ލަފާކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މުހައްމަދު އިބްރާހިމް ވިދާޅުވީ ކަރާގެ އިތުރުން ދަނޑުވެރިކަމުގެ އެހެން ބާވަތްތައް ވެސް ރޯދަޔަށް ހާއްސަކޮށްގެން އެ ރަށުގައި ހައްދަމުންދާ ކަމަށެވެ. އަދި މިވިއްސާރާގައި އެރަށުގެ ދަނޑުތަކަށް ކޮންމެވެސް ވަރެއްގެ ގެއްލުންތަކަކާ ކުރިމަތިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.