09 Jun 2013, 10:21
މި އަހަރު ދުނިޔޭގެ ރީތީގެ ރާނީ ހޮވުމަށް އިންޑޮނީޝިޔާގެ ބާލީގައި ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތުގެ ބައިވެރިން، "ބިކިނީ"ގައި ދައްކާލުމަށް ހަމަޖެހިފައިވާބައި ނުބާއްވާ ގޮތަށް އެ މުބާރާތް އިންތިޒާމްކުރާ ފަރާތުން ހަމަޖައްސައިފި އެވެ.
މުބާރާތް އިންތިޒާމްކުރާ ފަރާތުން ބުނީ އިންޑޮނޭޝިޔާއަކީ ދުނިޔޭގެ އެންމެ ބޮޑު މުސްލިމް އާބާދީ އޮންނަ ގައުމުކަމަށްވެފައި އެތަނުގައި ބާއްވާ އެފަދަ އިވެންޓެއް މުސްލިމުން ހިތްހަމަ ނުޖެހޭ ފަދަ ގޮތަކަށް ބާއްވާން ބޭނުން ނުވާތީ އާއި އަދި މުސްލިމުންގެ އިހްސާސްތަކަށް އިހްތިރާމް ކުރުމުގެ ގޮތުން މިފަހަރުގެ މުބާރާތުގައި ބިކިނީގެ ބަދަލުގައި އެ މުބާރާތުގެ 137 ބައިވެރިން ބޭނުން ކުރާނީ އިންޑޮނޭޝިޔާގެ ސަގާފީ ހެދުމެއް ކަމަށެވެ.
"އަޅުގަނޑު ބޭނުމެއްނުވޭ އެއްވެސްބަޔަކަ ހިތްހަމަނުޖެހޭ ފަދަ މާހައުލެއް ގާއިމް ކޮށްގެން ބައެއްގެ ހިތުގައި ނަފްރަތު އުފައްދާކަށް،" މިސްވޯލްޑް އޯގަނައިޒޭޝަންގެ ޗެއާވުމަން ޖޫލިއާ މޫލީ ވިދާޅުވި އެވެ. "މުބާރާތުގައި ބައިވެރިވާ އަދި މުބާރާތް ބާއްވާ ހުރިހާ ގައުމުތަކަކަށްވެސް އަޅުގަނޑުމެން އިހްތިރާމް ކުރަން"
ރިޕޯޓްތައް ބުނާގޮތުން އަންނަ ސެޕްޓެމްބަރު މަހު ބާލީގެ ރިސޯޓު ސަރަހައްދުގެ ގޮނޑުދޮށްތަކުގައި ބޭއްވުމަށް ހަމަޖެހިފައިވާ އެ މުބާރާތުގެ އިވެންޓުތައް ކުރިއަށް ގެންދާނޭ ގޮތްތައް އަދިވެސް ފައިނަލް ކުރެވިފައެއް ނުވެ އެވެ. ސަބަބަކީ މިފަހަކަށް އައިސް، އިންޑޮނޭޝިއާގައި ބައެއް މަޝްހޫރު މިއުޒިކް ފަންނާނުން ބޮޑެތި ޝޯތައް ބާއްވަން އެގައުމަށް ދިއުމުން އެފަދަ ޝޯތައް ނުބޭއްވޭނޭ ކަމަށްބުނެ އެގައުމުގެ ދީނީ ބައެއް ޖަމާއަތްތަކުން އަޑުއުފުލާފައި ވާތީ އެވެ.
ހުސްވި އަހަރު މަޝްހޫރު ލަވަކިޔުންތެރިޔާ ލޭޑީ ގާގާ އެގައުމުގައި މިއުޒިކްޝޯއެއް ބާއްވަން އުޅުމުން އޭނާ އަޅާ ހެދުންތަކަކީ އޮރިޔާންކަން ބޮޑު ހެދުންތަކަކަށް ވާނީ އޭނާއަކީ "ޝައިތާނާއަށް އަޅުކަން ކުރާމީހެއް"ގެ ގޮތުގައި ސިފަކޮށް އެ ޝޯ ބާއްވައިފި ނަމަ އެ ބާއްވާތަން ހަލާކުކޮށްލާނޭ ކަމުގެ އިންޒާރު ދިނުމުން ޝޯ ކެންސަލް ކުރީ އެވެ. އަދި ޕުސީކެޓް ޑޯލްއާއި ބިޔޮންސީއަށް ވެސް އެގައުމުގައި ޝޯ ބޭއްވީ އެމީހުންގެ ނިވާކަންކުޑަ ހެދުންތައް ބަދަލު ކުރުމަށް ފަހު އެވެ.
އިންޑޮނޭޝީޔާގެ ބާލީގެ ގޮނޑުދޮށްތަކަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް މިލިޔަން ފަތުރުވެރިންނެއް އެއްވެ އެތަނުގައި، ނިވާކަންކުޑަ ހެދުން އަޅައިގެން އުޅޭ ތަނެކެވެ.
ދުނިޔޭގެ ރީތީގެ ރާނީ ހޮވުމުގެ މުބާރާތް ސެޕްޓެމްބަރު 28ގައި ޖަކާޓާގެ ސެންތޫލް އިންޓަނޭޝަނަލް ކޮންވެންޝަން ސެންޓަރުގައި ލައިވް ކުރުމަށް ތައްޔާރުވަމުންދާ އިރު އެގައުމުގެ ބައެއް ދީނީ ޖަމާއަތްތަކުން އެ މުބާރާތް ނުބޭއްވުމާ ގޮވާއިލައި އަޑުއުފުލަމުންދާ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.