09 Jun 2013, 10:01
އޭނާގެ ޕްރިޓޯރިޔާ (ޖޫން 09): ދެކުނު އެފްރިކާގެ ކުރީގެ ރައީސް ނެލްސަން މަންޑޭލާގެ ޙާލުކޮޅު ވަރަށް ސީރިޔަސް ކަމަށާއި ނަމަވެސް މިހާރު އޭނާގެ ޙާލުކޮޅު ކޮންމެވެސް ވަރަކަށް ރަނގަނޅުވަމުން އަންނަ ކަމަށް ޑޮކްޓަރުންނާ ޙަވާލާދީ އެގައުމުގެ ރިޔާސަތުން ބުނެފި އެވެ.
ފުއްޕާމޭގެ އިންފެކްޝަނަކާ ގުޅިގެން ކުއްލި ޙާލަތުގައި މަންޑޭލާ އެނދުމަތި ކުރެވިފައި ވަނީ މިދިޔަ ހުކުރު ދުވަހު ޕްރިޓޯރިޔާގެ ހޮސްޕިޓަލެއްގަ އެވެ. މަންޑޭލާގެ ޙާލުކޮޅާ ބެހޭ ގޮތުން މަޢުލޫމާތު ދެއްވަމުން ދެކުނު އެފްރިކާގެ ރިޔާސީ ތަރްޖަމާން މާކް މެހްރާޖް ވިދާޅުވީ ހޮސްޕިޓަލުގައި އެނދުމަތި ކުރެވުނު އިރު މަންޑޭލާގެ ޙާލުކޮޅު ވަރަށް ނުރައްކާތެރިކަމަށާއި އޭރު ނޭވާލައްވަނީ ވެސް މެޝިނެއްގެ އެހީގައި ކަމުގަ އެވެ. ނަމަވެސް ހޮސްޕިޓަލުގައި ދެވުނު ފަރުވާގެ ސަބަބުންމަންޑޭލާ އަށް އަމިއްލަފުޅަށް މިހާރު ނޭވާ ލެއްވޭކަމަށް މެހެރާޖް ވިދާޅުވި އެވެ.
ދެކުނު އެފްރިކާގެ ކުރީގެ ރައީސް ނެލްސަން މަންޑޭލާއަކީ އެގައުމަށް ވެރިވެގަނެގެން އުޅުނު ޔޫރަޕްގެ ދޮންމީހުން އެގައުމުގެ އަސްލު ރައްޔިތުން ކަމަށްވާ ކަޅުމީހުންނާ ދެކޮޅަށް ހިންގި އިންސާނިއްޔަތާ ޚިލާފު ނަސްލީ އިމްތިޔާޒުގެ ނިޒާމުގެ ވަކިތަކުން ކަޅުމީހުންނާ އަދި ދެކުނު އެފްރިކާގެ އެހެން ނަސްލުތަކުގެ ރައްޔިތުން ވެސް މިނިވަންކުރެއްވި ބާނީ އެވެ. އެހެންކަމުން ދެކުނު އެފްރިކާގެ ރައްޔިތުން މަންޑޭލާ ސިފަކުރަނީ އެމީހުންގެ ބައްޕަގެ ގޮތުގަ އެވެ.
މިދިޔަ ހުކުރު ދުވަހު މަންޑޭލާ ހޮސްޕިޓަލުގައި އެނދުމަތިކުރެވުނީ ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށް ފަހުގައި ކަމަށް ޚަބަރު ލިބެ އެވެ. މިއީ ފާއިތުވި ދެ އަހަރުގެ ތެރޭގައި ފުއްޕާމޭގެ އިންފެކްޝަން ޖެހިގެން މަންޑޭލާ ހޮސްޕިޓަލްގައި އެނދުމަތި ކުރި ފަސް ވަނަ ފަހަރެވެ. އުމުރުފުޅުން 94 އަހަރުގެ ނެލްސަން މަންޑޭލާ މި އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ވެސް ވަނީ ފުއްޕާމޭގެ އިންފެކްޝަނެއް ޖެހިވަޑައިގެން ހޮސްޕިޓަލްގައި އެނދުމަތި ކުރެވި 10 ދުވަސްވަންދެން ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވާފަ އެވެ. (ނޫސްއެޖެންސީތައް)