09 Jun 2013, 09:37
ކެލިފޯނިޔާ (ޖޫން 09): ޗައިނާގެ އާދަޔާ ޚިލާފު ކުރިއެރުންތަކަށް މަރްޙަބާ ވިދާޅުވެ އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވާހަކަ ދައްކަވައިފި އެވެ.
އެމެރިކާ އަށް މިހާރު ވަޑައިގެން އުޅުއްވާ ޗައިނާގެ ރައީސް ޝީޖިންޕިން އާ ބައްދަލުކުރެއްވުމަށް ފަހު ދެއްވި ބަޔާނެއްގައި އޮބާމާ ވިދާޅުވީ ދުނިޔޭގެ ބޮޑުބާރެއްގެ ގޮތުގައި އިޤްތިސާދީ ގޮތުންނާއި ސިނާޢީ ގޮތުން ޗައިނާ ހާސިލްކުރަމުން ގެންދާ ކުރިއެރުންތަކަށް އެމެރިކާ ތަރްޙީބުދޭ ކަމުގަ އެވެ. ނަމަވެސް އެމެރިކާ އަށް ކުރިމަތިވެފައިވާ ސައިބާ ސެކިއުރިޓީގެ މައްސަލަތަކުގައި ޗައިނާއާ އެކު އިތުރަށް އެއްބާރުލައި އެމައްސަލަތައް ޙައްލުކުރަން އެމެރިކާ ބޭނުންވާ ކަމަށް އޮބާމާ ވިދާޅުވި އެވެ.
އޮބާމާއާއި ޝީޖިންޕިންގެ ރަސްމީ މަޝްވަރާތައް ކުރިޔަށްގެންދަނީ ކެލިފޯނިޔާގެ ދެކުނުގެ ހަނަފަސްބިމުގައިވާ ލަގްޒަރީ ރިޓްރީޓެއް ގަ އެވެ. ދެދުވަހުގެ މުއްދަތަށް ކުރިޔަށްގެންދާ މިމަޝްވަރާތަކުގައި މިއަދަކީ ފަހުދުވަހެވެ. އޮބާމާއި ޝިޖިންޕިންގެ ބައްދަލުކުރެއްވުމުގައި އެމެރިކާ އަށް ކުރިމަތިވެފައިވާ ސައިބާ ސެކިއުރިޓީގެ މައްސަލަތަކުގެ އިތުރުން ދެގައުމުގެ ވިޔަފާރީގެ ގުޅުންތަކާއި ބައިނަލްއަޤްވާމީ މައްސަލަތަކާ ބެހޭ ގޮތުންނާ އަދި ދުނިޔޭގެ އިޤްތިސާދީ މައްސަލަތަކާ ބެހޭ ގޮތުން ވެސް ދެބޭފުޅުން ވަނީ ޚިޔާލު ބަދަލުކުރައްވާފަ އެވެ.
އެމެރިކާގެ ބައެއް މަސްއޫލުވެރިން ދާދިފަހުން ވަނީ ޗައިނާ އިން އެމެރިކާ އަށް އިލެކްޓްރޯނިކް ގޮތުން ޖާސޫސުކޮށް އެމެރިކާގެ ޓެކްނޮލޮޖީއާބެހޭ މުހިއްމު މަޢްލޫމާތާއި ޑޭޓާ "ސިއްރުން ދަމައިގަންނަ" ކަމަށް ތުހުމަތުކުރައްވައި ވާހަކަ ދައްކަވާފަ އެވެ. މިމައްސަލާގައި ޗައިނާގެ ރައީސް ވަނީ ޚުދު ޗައިނާއަކީ ވެސް އެހެން ފަރާތްތަކުގެ އިލެކްޓްރޯނިކް ޖާސޫސީ ޙަރަކާތްތަކުގެ ޝިކާރައަކަށް ވެފައިވާ ގައުމެއްކަމަށް ވިދާޅު އެމެރިކާގެ ތުހުމަތު ތަކަށް އިންކާރު ކުރައްވާފަ އެވެ. ނަމަވެސް އެމެރިކާ އިން ޗައިނާއަށް އިލެކްޓްރޯނިކް ރޮނގުން ޖާސޫސުކުރާ ކަމަށް ޗައިނާގެ ރައީސް ސީދާގޮތެއްގައި ތުހުމަތު ކުރައްވާފައެއްނުވެ އެވެ.
އޮބާމާއާއި ޝީޖިންޕިންގެ މަޝްވަރާތައް ކުރިޔަށް މިދަނީ އެމެރިކާ ޚުދު އެގައުމުގެ ރައްޔިތުންނަށް ސިއްރިޔާތުގައި ޖާސޫސު ކުރަމުން ގެންދާ މައްސަލަ ބޭޒާރުވުމުގެ ސަބަބުން އެމެރިކާ އެކަމަކާމެދު ފަޚްރުވެރިވާ ކަމަށްބުނާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އެމެރިކާގައި އޮތް މިންވަރާމެދު ސުވާލު އުފެދިފައިވާ ދަނޑިވަޅެއްގަ އެވެ. (ނޫސްއެޖެންސީތައް)