ގދ. ފިޔޯރީގައި ރޭ މަސް ހިފަން ދިޔަ މީހަކު މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.

ފިޔޯރީ ކައުންސިލްގެ ރައީސް މުހައްމަދު އަހްމަދު މިއަދު ވިދާޅުވީ ދަލުގެ މަސްވެރިކަމަށް ރޭ ފަތިހު ނުކުމެ އުޅެނިކޮށް މަރުވެފައި ވަނީ އެރަށު ދޫގަސް އުސްމާން އިދްރީސް، 69، ކަމަށެވެ.

އޭނާ ވިދާޅުވީ ރޭ ފަތިހު 5:30 އެހައިކަންހާއިރު އުސްމާން އިދްރީސް ދަލުގެ މަސްވެރިކަމަށް ދިޔައީ އިތުރު މީހަކާ އެކު ކަމަށެވެ. އަދި ވިދާޅުވީ އެ ދެ މީހުން ދާ އަޅައިގެން މަސްހިފުމުގައި ހަރަކާތްތެރިވަމުން ގޮސް ބެލި އިރު އުސްމާން އިދުރީސް ދަލުގައި ޖެހިފައި އޮއްވައި ފެނިގެން އެމީހާ ވަގުތުން އޭނާ އެރަށު ސިއްހީ މަރުކަޒަށް ގެންދިޔައީ ކަމަށާއި އެއިރު އޭނާ އޮތީ މަރުވެފައި ކަމަށް ސިއްހީ މަރުކަޒުން ބުނި ކަމަށެވެ.

"ގާތްގަނޑަކަށް 6:00 އެހާކަންހާއިރު އުސްމާން އިދްރީސް މިރަށު ސިއްހީ މަރުކަޒަށް ގެންދިޔައީ. އެއިރު އޭނާ އޮތީ މަރުވެފައި ކަމަށް ސިއްހީ މަރުކަރުން މައުލޫމާތު ދެއްވަނީ،" މުހައްމަދު އަހްމަދު ވިދާޅުވި އެވެ.

އުސްމާން އިދްރީސް ނިޔާވި އިރު އޭނާގެ ތިން ފިރިހެން ދަރިންނާއި ހަތް އަންހެން ދަރިން ދުނިޔޭގައި އެބަތިބި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.