ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީ ޓިކެޓް ދިނުމަށްޓަކައި 22 ރަށެއްގަ އާއި ތިން ދާއިރާއެއްގައި ޕްރައިމަރީ ބާއްވަން ޖެހޭ ކަމަށް އެމްޑީޕީން ބުނެފި އެވެ.


ބުރާސްފަތި ދުވަހުން ފެށިގެން ރޭގެ ނިޔަލަށް ދަރުބާރުގޭގައި ކުރިޔަށް ދިޔަ އެމްޑީޕީގެ ކޮންގްރެސްގައި ފޯމުތައް އިވެލުއޭޓްކުރި އިރު ޕްރައިމަރީ ބާއްވަން ޖެހެނީ ހއ. އަތޮޅުން، ހޯރަފުށި، ކެލާ، ތަކަންދޫ އަދި އިހަވަންދޫގައި ކަމަށް އެމްޑީޕީން ބުންޏެވެ.


އަދި ހދ. އަތޮޅުން ވައިކަރަދޫ އާއި ކުރިނބި އަދި ކުޅުދުއްފުށީގެ އިތުރުން ނެއްލައިދޫގައި ޕްރައިމަރީ ބާއްވަން ޖެހޭ ކަމަށް ވެސް އެ ޕާޓީން ރޭ ބުންޏެވެ. ރ. އަތޮޅުން އުނގޫފާރާއި ހުޅުދުއްފާރުގެ އިތުރުން އަނގޮޅިތީމުގަ އެވެ. ބ. އަތޮޅުން ތުޅާދު އާއި ގޮއިދޫ ގަ އެވެ. ޅ. އަތޮޅުން ޕްރައިމަރީ ބާއްވަން ޖެހެނީ ހިންނަވަރުގައި އެކަނި ކަމަށް އެ ޕާޓީން ބުންޏެވެ. ތ. އަތޮޅުން ކިނބިދޫ އާއި ކަނޑޫދޫގައި ޕްރައިމަރީ ބޭއްވުމަށް އަތޮޅު ކޯޑިނޭޓަރާއި ދާއިރާ ހިންގާ ކޮމިޓީން ނިންމި އިރު ލ. އަތޮޅުން ގަމާއި އިސްދޫގައި ވެސް ޕްރައިމަރީ ބާއްވަން ޖެހޭ ކަމަށް ބުނެފައިވެ އެވެ. ގއ. އަތޮޅުން ޕްރައިމަރީ ބާއްވަން ޖެހެނީ ގއ. ކޮލަމާފުއްޓާއި ދާންދޫގަ އެވެ. ނަމަވެސް ދެއްވަދޫގައި ވެސް ޕްރައިމަރީއެއް ބާއްވަން ޖެހިދާނެ ކަމަށާއި އެކަމާ ބެހޭ މަޝްވަރާތައް ކުރާނެ ކަމަށް ކޯޑިނޭޓަރު ވިދާޅުވާ ކަމަށް އެމްޑީޕީން ބުންޏެވެ.


ގދ. އަތޮޅުން ޕްރައިމަރީ ބާއްވަނީ ތިނަދޫގައި އެކަންޏެވެ.


އަތޮޅު ކައުންސިލަރު ހޮވުމަށް ތިން ދާއިރާއަކުން ޕްރައިމަރީ ބާއްވަން ޖެހޭ ކަމަށް އެމްޑީޕީން ބުންޏެވެ. އެއީ ހދ. ހަނިމާދޫ ދާއިރާއިންނާއި ރ. އިނގުރައިދޫ ދާއިރާއިންނާއި އަދި ގދ. ތިނަދޫ ދާއިރާއިން ކަމަށް އެ ޕާޓީން ބުންޏެވެ.
ޕްރައިމަރީތައް ބާއްވާނީ އެ ދާއިރާއެއްގެ ހިންގާ ކޮމިޓީގެ ބެލުމުގެ ދަށުން ކަމަށާއި މިއަންނަ ނޮވެމްބަރު މަހުގެ 10 ގެ ކުރިން ޕްރައިމަރީ ބޭއްވުމަށް ފަހު ސިލެކްޝަން ކޮމިޓީއަށް އެންގުމަށް ދާއިރާތަކުގެ ހިންގާ ކޮމިޓީތަކުގައި އެދިފައިވާނެ ކަމަށް އެމްޑީޕީން ބުންޏެވެ.