09 Jun 2013, 09:18
ދުނިޔޭގެ ކުރިއަރާފަައިވާ ބޮޑެތި ގިނަ ގައުމުތަކުން ނިކަމެތި ނުވަތަ އެހީތެރިކަން ބޭނުންވާ ރައްޔިތުންނަށް އެ ގައުމުތަކުގެ ސަރުކާރުން ތަފާތު އެކި ގޮތްގޮތުން ސަބްސިޑީތައް ދެމުންގެންދެ އެވެ. މުއްސަނދި ގައުމުތަކޭ އެއްފަދައިން ރާއްޖެ އިން ވެސް ތަފާތު އެކި ކަންތައްތަކަށް ސަބްސިޑީގެ އެހީ ލިބެ އެވެ.
ރާއްޖެ ފަދަ ނާޒުކު އިގްތިސާދެއް ލިބިފައިވާ ގައުމުން ދޭ ސަބްސިޑީތަކާއި ދުނިޔޭގެ އިގްތިސާދީ ގޮތުން ބޮޑުކުރިއެރުންތަކެއް ހޯދާފައިވާ ގައުމުތަކުގައިދޭ ސަބްސިޑީތަކާއި ބޮޑެތި ތަފާތުތަކެއް އެބަހުއްޓެވެ. އޭގެ ތެރެއިން އެންމެ ބޮޑު އެއް ތަފާތަކީ ރާއްޖޭގައި ސަބްސިޑީތައް ދެމުންދަނީ ނިކަމެއްޗެއް މުއްސަންޖެއް ތަފާތެއް ނެތި އެންމެނަށް ވެސް ހަމަހަމަ އުސޫލެއްގެ މަތިން ކަމެވެ.
"ރާއްޖޭގައި ސަބްސިޑީތައް ދިނުމުގައި މިހާރަށް ވުރެ ހަރުދަނާ ގޮތްތަކެއް ގެންގުޅެން ޖެހޭ. ރާއްޖޭގައި ސަބްސިޑީ ދެމުންދަނީ އެއަށް އެންމެ ބޭނުންވާ މީހުންނަކަށް ނޫން، އެހެންކަމުން އެކަމަށް ބަދަލުގެންނަންޖެހޭ" ވޯލްޑް ބެންކް އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަ ކަންޓްރީ އިކޮނޮމިސްޓް ކްރިތިސިރީ ރާޖަތާ ވިޖެވީރާ ވިދާޅުވި އެވެ.
ރާއްޖޭގައި ދޭ ސަބްސިޑީތަކުގެ ތެރެއިން ގިނަބަޔަކަށް ސަބްސިޑައިޒް ކޮށްފައިވާކަން ނޭނގޭ، ކާޑުގެ ބާވަތްތަކަށް ދޭ ސަބްސިޑީ ލިބެމުންދަނީ ހައްގު ފަރާތްތަކަށް އެކަންޏެއް ނޫނެވެ. ރާއްޖޭގައި ކާޑު ވިއްކާ އަގު ސަރުކާރުގެ ކޮންޓުރޯލްގެ ދަށުން ހަކުރާއި ހަނޑޫ ކިލޯއެއް 4.50ރ. އަށް އަދި ފުށް ކިލޯއެއް 3،50ރ. ވިއްކުމަށް އަންގާފައިވާ އިރު އެއިގެން ކޮންމެ ބާވަތެއްގެ ކިލޯއަކަށް ސަބްސިޑީގެ ގޮތުގައި ސަރުކާރުން އެސްޓީއޯ އަށް 10ރ. އާއި 12ރ. އާއި ދޭތެރޭ އަގެއް ދަނީ ދަށް ކަމުންނެވެ.
ކާޑުގެ ސަބްސިޑީ އަށް ބޮޑު ހޭދައެއް ސަރުކާރުގެ ބަޖެޓުން ކުރިނަމަވެސް އެކަން ކުރާނެ ވަކި ހަރުދަނާ އުސޫލެއް ނެތުމުން ހަގީގީ މަގުސަދެއް ހާސިލެއް ނުވެ އެވެ. އޭގެ ބަދަލުގައި ސަބްސިޑީގެ ގޮތުގައި ދިވެހިންނަށް ކުރާ ބޮޑު ހޭދަ ބިދޭސީންނަށް ވެސް ލިބެ އެވެ. އިމިގްރޭޝަންގެ ތަފާސް ހިސާބްތަކަށް ބަލާއިރު އެކްޓިވް ވޯކް ވިސާ ގައިތިބި ކޮންމެ ބިދޭސީއަކަށް އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 2،946.96ރ. ސަރުކާރުގެ ބަޖެޓުން ސަބްސިޑައިޒް ކުރެވެ އެވެ. އެހެންކަމުން ދިވެހިންނަށް ކާޑުގެ ބާވަތްތަކުގެ އަގު ހެޔޮކޮށްދިނުމަށް ދައުލަތުން ކުރާ ބޮޑު ހޭދަ މިވަނީ އުސޫލެއް ނެތުމުން ބޮޑު ބުރައަކަށްވެފަ އެވެ؟
އެހެން ސަބްސިޑީތަކަށް ބަލާއިރު އެންމެ ގިނަ މީހުންނަށް ލިބޭ ސަބްސިޑީއަކީ އާސަންދަ އެވެ. އާސަންދަ ދިނުމުގައި ވެސް ދެކޮޅު ނުޖެހޭ ގިނަ ކަންތައްތަކެއް އެބަހުއްޓެވެ. އެގޮތުން އާސަންދައިގެ ދަށުން ކޮންމެ ދިވެހި ރައްޔިތަކަށް އެއް ލައްކަ ރުފިޔާގެ ބޭސްފަރުވާކުރެވޭ އިރު ސަރުކާރުގެ އިސް މަގާމުތަކުގައި ތިބޭ ފަރާތްތަކާއި ބޮޑެތި މުއްސަދިންނާއި އެންމެ ނިކަމެތި މީހާ އެއްވެސް ތަފާތެއް ނެތި ދެވޭ އެ ސަބްސިޑީ އަކަށް ވުމުން، އެ ސަބްސިޑީ ދިނުމުގެ މަގުސަދު ހާސިލެއްނުވެ އެވެ.
މިދިޔަ އަހަރު އާސަންދައިގެ ހިދުމަތް ދިނުމަށް 800 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ހަރަދުކޮށް އަދި މި އަހަރުގެ ބަޖެޓުން 650 މިލިއަން ރުފިޔާ ކަނޑައަޅާފައިވާ އިރު، އެއީ ދައުލަތަށް ބޮޑު ބުރައަކަށް ވެފައިވާ އިރު އެ ސަބްސިޑީއަކީ އެންމެ އެކަށީގެންވާ ފަރާތްތަކަށް ދެވޭ ސަބްސިޑީއަކަށް ހަދަން ޖެހެ އެވެ.
ކަރަންޓް ސަބްސިޑީ ވެސް އެއްވެސް އުސޫލެއް ނެތި ދެވޭ ސަބްސިޑީ އެކެވެ. މަހަކު 15 މިލިއަން ރުފިޔާ ކަރަންޓް ސަބްސިޑީގެ ގޮތުގައި ދައުލަތުގެ ބަޖެޓުން ހަރަދުވާ އިރު މިހާރު ވެސް އެންސްޕާއިން ވަނީ ސަބްސިޑީގެ ގޮތުގައި ސްޓެލްކޯއަށް 224 މިލިއަން ރުފިޔާ އަށް ދަރައިފަ އެވެ.
ދައުލަތުން ކަރަންޓް ސަބްސިޑީ އަށް މިހާބޮޑު ހޭދައެއް ކުރި ނަމަވެސް ރަނގަޅު ހަރުދަނާ އުސޫލެއް ނެތުމުން އެ ސަބްސިޑީ ދިނުމުގެ ހަގީގީ މަގުސަދެއް ވެސް ހާސިލެއް ނުވެ އެވެ. އެންމެ މުއްސަނދި މީހާ އާއި ފަގީރު މީހާ އަށް ވެސް އެއްވަރަކަށް އެސަބްސިޑީ ވެސް ދަނީ ލިބެމުންނެވެ. އަދި ސަބްސިޑީގެ ގޮތުގައި ގިނަ ފައިސާ ލިބެނީ ގިނައިން ކަރަންޓް ހޭދަކުރާ ފަރާތްތަކަށެވެ. އަދި ހަމަ ފޯރުންތެރިކަން ނެތް ފަރާތްތަކުން ކަރަންޓް ސަބްސިޑީއަށް އެދެން ޖެހޭ ކަމަށް ގަވައިދުގައި އޮތް ނަމަވެސް ކަން ހިނގަމުންދަނީ އެހެނެއް ނޫނެވެ. ގިނަ ފަހަރަށް ގެއަކަށް ދިރިއުޅެން ބަޔަކު ބަދަލުވާއިރު އެ ގެއެއް އޮންނަނީ ސަބްސިޑީއަށް ރަޖިސްޓްރީކޮށްފަ އެވެ. އެހެންކަމުން މިހާރު ސަބްސިޑީ ދެމުންދަނީ ނިކަމެތި މީހާގެ ބަދަލުގައި ގެއަށެވެ.
ސަބްސިޑީ ދިނުމުގައި ހަމަޖެހޭ އުސޫލެއް ނެތުމުން ހައްގު ނޫން ފަރާތްތަކަށް ދައުލަތުން ދަނީ ބޮޑެތި ހޭދަތަކެއް ސަބްސިޑީގެ ގޮތުގައި ދެމުންނެވެ. މުއްސަދިންނާއި ފަގީރުންނާއި ތަފާތުކުރުމެއް ނެތި ކިޔެވުމަށް ބޭނުންވާ ސާމާނަށް ވެސް ސަބްސިޑީ ލިބެމުންދެ އެވެ. އަދި މަހުގެ އަގުހެޔޮކުރުމަށް ތެލުގެ ސަބްސިޑީ އަށް ބޮޑު ހޭދައެއް ކުރާއިރު މަހުގެ އަގު ހެޔޮނުވާކަން ވެސް ފާހަގަކުރެވެ އެވެ.
އިގްތިސާދީ މާހިރެއް ކަމަށްވާ ޑރ. ސިމާދު ސައީދު ވިދާޅުވީ ދައުލަތުގެ ހަރަދު އަހަރަކުން އަހަރަށް ބޮޑު ވަމުންދާ އިރު ރާއްޖޭގައި ސަބްސިޑީތައް ދޭ އުސޫލު ބަދަލުކުރަންޖެހޭ ކަމަށެވެ. އަދި އެންމެ ބޮޑު ބަދަލެއް ގެންނަން ޖެހެނީ ސަބްސިޑީ ހައްގު ފަރާތްތަކަށް ލިބޭނެ ގޮތެއް ހަމަޖެއްސުންކަން އޭނާ ފާހަގަކުރެއްވި އެވެ.
ރާއްޖޭގައި ސަބްސިޑީދޭ އުސޫލުތަކަށް ބަދަލުގެންނަން ވަނީ ޖެހިފަ އެވެ. ދުނިޔޭގެ އެހެނިހެން ގައުމުތަކޭ އެއްގޮތަށް ސަބްސިޑީ ހައްގު ފަރާތްތަކަށް އެކަނި ދިނުމާއި ސަބްސިޑީގެ ގޮތުގައި ހޭދަ ކުރާ މިންވަރު ކުޑަކުރަން ވަނީ ޖެހިފަ އެވެ. އަދި ސަބްސިޑީދޭ ނަމަ އެ ހަރަދު ރައްޔިތުންގެ އަތުން ހޯދަންޖެހެ އެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އަމަލުކުރަމުން ދަނީ އެގޮތަށެވެ. ނިސްބަތުން ގިނަ ކަންތައްތަކަކަށް ސަބްސިޑީ ދޭ ސްވިޑްންގައި ގިނަ ހިދުމަތްތަކަކަށް ސަބްސިޑީ ދޭއިރު އެ ގައުމުގައި ގިނަ ހިދުމަތްތަކުން ބޮޑެތި ޕަސެންޓްތަކުން ޓެކްސް ނަގަ އެވެ.
ވަކި އުސޫލެއް ނެތި ސަބްސިޑީތައް ދެމުންދާ އިރު އެއީ ރާއްޖޭގެ އިގްތިސާދަށް އެންމެ ފައިދާ ހުރި ގޮތެއް ނޫނެވެ. މިއަހަރަށް ލަފާކޮށްފައިވާ "ތަކެތި ނުވަތަ ޚިދުމަތުގެ އަގުހެޔޮކުރުމުގެ ގޮތުން ދޭ ފައިސާ" 433,382,500ރ. އަރައެވެ. އަދި ސޯޝަލް ސެކިއުރިޓީއާއި ވެލްފެއާގެ ގޮތުގައި 1,990.9 މިލިއަން ރުފިޔާ ކަނޑައަޅަފައިވެ އެވެ. އެހާ ގިނަ އަދަދެއްގެ ފައިސާ ސަބްސިޑީގެ ގޮތުގައި ދޭން ނިންމާފައިވާ އިރު އެފައިސާ ހޯދާނެ ރަނގަޅު އުސޫލެއް ކަނޑައަޅާފައެއް ނުވެ އެވެ. އަދި މާލީ ހާލަތައް ބަލާއިރު މިއަހަރުގެ ދައުލަތުގެ ޖުމްލަ ހަރަދާއި ނެޓް ލެންޑިންގެ ގޮތުގައި 13973.0 މިލިއަން ރުފިޔާ އަރާނެ ކަމަށް ލަފާކުރާއިރު ބަޖެޓް ޑެފިސިޓް ވާނެ ކަމަށް ލަފާކޮށްފައި ވަނީ 1364.1 މިލިއަން ރުފިޔާ އެވެ.
ދައުލަތުގެ ހަރަދުތައް ކުޑަކުރަން ސަބްސިޑީ ދެމުން އަންނަ އުސޫލްތައް ބަދަލުކުރުމަކީ ކޮންމެހެން ކުރަން ޖެހިފައިވާ ކަމެކެވެ. ގައުމުގެ އިގްތިސާދު ހަމަމަގަށް އެޅުވުމަށް އެއީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ.