08 Jun 2013, 22:50
ޔަންގުން (ޖޫން 08): ދުނިޔޭގައި އެންމެ ހަލުއިކަމާ އެކު ތަރައްޤީ ވަމުންދާ އެއް ސަރަހައްދު ކަމަށްވާ ދެނުކު އިރުމަތީ އޭޝިޔާ ސަރަޙައްދުގެ ގައުމުތައް އިޤްތިސާދީ ގޮތުން ކުރިޔަށްދިޔުމަށް އެޅިފައިވާ އެންމެބޮޑު ހުރަހަކީ އެގައުތަކުގެ އިންފްރާސްޓްރަކްޗާގެ ބަލިކަށިކަން ކަމަށް ކަމާބެހޭ ތަޖްރިބާކާރުން ހާމަކޮށްފި އެވެ.
ދެކުނު އިރުމަތީ އޭޝިޔާގެ ގައުމުތަކުގެ އިޤްތިސާދީ ތަރައްޤީ އަށް ޚާއްސަކޮށްގެން މިޔަންމާގައި މިހާރު ކުރިޔަށްދާ ދުނިޔޭގެ އިޤްތިސާދީ ފޯރަމްގައި ހުށަހެޅުއްވި ދިރާސާ ކަރުދާސްތަކުގައި ކަމާބެހޭ ތަޖްރިބާކާރުން ވިދާޅުވެފައި ވަނީ ދެނުކު އިރުމަތީ އޭޝިޔާ ސަރަޙައްދުގެ ގިނަ ގައުމުތައް އިޤްތިސާދީ ގޮތުން ކުރިޔަށްދިޔުމަށް އެޅިފައިވާ އެންމެބޮޑު ހުރަހަކީ އެގައުތަކުގެ އިންފްރާސްޓްރަކްޗަގެ ބަލިކަށިކަން ކަމުގަ އެވެ.
މިގޮތުން ދެކުނު އިރުމަތީ އޭޝިޔާގެ ގިނަ ގައުމުތަކުގައި ޒަމާނީ ފެންވަރުގެ މަގުތަކާއި ކަނޑުގެ ބަނދަރުތަކާއި އިލެކްޓްރިކް ރޭލްވޭތަކާއި އެއަރޕޯޓްތަކާއި ޢާންމު ޚިދްމަތްތައްދޭ ޢިމާރާތްތަކުގެ އިތުރުން ޒަމާނީ ފެންވަރުގެ އިންޓަރނެޓާއި މޯބައިލް ފޯނުގެ ނެޓްވާރކްތަކުގެ މަދުކަމާއި އަދި ހުރިތަންތަނުގެ ވެސް ބަލިކަށިކަންފާހަގަކޮށްފައިވެ އެވެ. މި ފޯރަމްގައި ކަރުދާހެއް ހުށަހަޅުއްވަމުން އޭޝިޔަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ)ގެ ނައިބު ރައީސް ސްޓީވަން ގްރޫވް ވިދާޅުވީ ރަނގަނޅު އިޤްތިސާދީ ތަރައްޤީ އެއް ޙާސިލް ކުރުމަށްޓަކައި ދެކުނު އިރުމަތީ އޭޝިޔާގެ ގައުމުތަކުން އަހަރަކު 750 ބިލިޔަން އެމެރިކާ ޑޮލަރުގެ މިންވަރު ޒަމާނީ އިންފްރާސްޓްރަކްޗާ ތަރައްޤީ ކުރުމަށް ޚަރަދުކުރަންޖެހޭނެ ކަމުގަ އެވެ.
ދެކުނު އިރުމަތީ އޭޝިޔާގެ ގައުމުތަކުގެ ތެރެއިން އިންފްރާސްޓްރަކްޗާ އެންމެ ބަލިކަށި ކަމަށް ވަނީ މިޔަންމާ، ލާއޮސް، ކެންބޯޑިޔާ، ވިއެޓްނާމް، ފިލިޕީންސް، އިންޑޮނީޝިޔާ އަދި ތައިލެންޑް ފަދަ ގައުމުތަކުގަ އެވެ. ނަމަވެސް ސިންގަޕޫރު، މެލޭޝިޔާ، ޗައިނާ، ދެކުނު ކޮރެޔާ ފަދަ ގައުމުތަކުގައި ޒަމާނީ އިންފްރާސްޓަރަކްޗަރ ވަރަށް މަތީފެންވަރަކަށް ގާއިމް ކުރެވިފައިވާ ކަމަށްވެ އެވެ.
ދެކުނު އިރުމަތީ އޭޝިޔާއަކީ ކުރިޔަށްއޮތް 10 ވަރަކަށް އަހަރު ތެރޭގައި ދުނިޔޭގައި އިޤްތިސާދީ ގޮތުން އެންމެ ބޮޑަށް ކުރިއަރައިގެންދާނެ ސަރަހައްދު ކަމަށް އިޤްތިސާދީ ލަފާކުރުންތައް އަންދާޒާ ކުރެ އެވެ. މިގޮތުން މިމުއްދަތުގެ ތެރޭގައި ދެކުނު އިރުމަތީ އޭޝިޔާގެ ބައެއް ގައުމުތައް ކަމަށްވާ އިންޑޮނީޝިޔާއާއި މެލޭޝިޔާ އާއި ވިއެޓްނާމް ޔޫރަޕްގެ ގިނަ ގައުމުތަކަށް ވުރެ ވެސް އިޤްތިސާދީ ގޮތުން ކުރިއަރައިގެން ދާނެ ކަމަށާ ސިންގަޕޫރާއި ދެކުނު ކޮރެޔާ މިހާރު ވެސް ވަނީ ޔޫރަޕްގެ އެންމެ ކުރިއަރާފައިވާ ގައުމުތަކާ އެއްލެވެލްއެއްގައި އަދި ބައެއް ދާއިރާތަކުގައި އެއަށްވުރެ ވެސް ކުރީގައި ކަމަށް އިޤްތިސާދީ ރިޕޯޓްތައް ބުނެ އެވެ. (ޔުނައިޓެޑް ޕްރެސް އިންޓަނޭޝަނަލް)