ވޮޝިންޓަން (ޖޫން 08): އެމެރިކާގެ ރައްޔިތުން ކުރާ ފޯންކޯލްތަކަށާއި އެމެރިކާގެ ރައްޔިތުން ބޭނުންކުރާ އިންޓަނެޓް ވެބް ސައިޓްތަކަށް އެގައުމުގެ ސަރުކާރުން ފުޅާދާއިރާއެއްގައި ޖާސޫސުކުރާ މައްސަލަ ބޭޒާރުވެއްޖެ އެވެ.

އެމެރިކާގެ ނޫހެއް ކަމަށްވާ "ވޮޝިންޓަން ޕޯސްޓް"ގައި ޝާއިޢުކޮށްފައިވާ ރިޕޯޓެއް ބުނާގޮތުން އެމެރިކާ ސަރުކާރުން ގެންދަނީ އެގައުމުގެ ރައްޔިތުން ކުރާ ފޯންކޯލްތަކަށާއި ރައްޔިތުން ބޭނުންކުރާ އިންޓަނެޓް ވެބް ސައިޓްތަކަށް ފުޅާދާއިރާއެއްގައި ޖާސޫސުކުރަމުންނެވެ. މިނޫސް ބުނާގޮތުން އެމެރިކާ ސަރުކާރުން ގެންދަނީ އެގައުމުގެ ރައްޔިތުން ބޭނުންކުރާ އިންޓަނެޓްގެ ނުސައިޓަކަށް ފުޅާދާއިރާއެއްގައި ޖާސޫސުކޮށް އިންޓަނެޓް މެދުވެރިކޮށް ރައްޔިތުން ކުރަމުން ގެންދާ މުޢަމަލާތްތަކާއި ދައްކަމުން ގެންދާ ވާހަކަތައް ސިއްރިޔާތުގައި އަޑުއަހަމުންނެވެ.

އެ ނުސައިޓްގެ ތެރޭގައި ފޭސްބުކް، ޔާހޫ،ޓުވިޓާ، ސްކައިޕް އަދި ޔޫޓިއުބް ފަދަ ސައިޓް ތައް ހިމެނޭ ކަމަށްވެ އެވެ. ފަރުދީ މިނިވަންކަން އޭގެއެންމެ ފުރިހަމަގޮތުގައި ރައްޔިތުންނަށްދޭ ކަމަށް ދައުވާކޮށް އެހެންގައުމުތަކުގެ ރައްޔިތުންނަށް މިމިނިވަންކަން ނުލިބޭކަމަށް ބުނެ އެހެންގައުމުތަކަށް ފާޑުކިޔަމުންގެންދާ އެމެރިކާގެ ރައްޔިތުންގެ ޙާލަތު މިގޮތަށްއޮތުމުން އެމެރިކާ ވަނީ ބޭޒާރުވެފައި ކަމަށް މުރާސިލުން ބުނެ އެވެ.

މި ބޭޒާރާ ގުޅިގެން އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވަނީ މިއީ އެމެރިކާގެ ރައްޔިތުންގެ ޙިމާޔަތުގައި ކުރާ ކަމެއް ކަމަށް ވިދާޅުވެ ޚުދު އަމިއްލަ ގައުމުގެ ރައްޔިތުންނާ ދެކޮޅަށް އޭނާގެ ސަރުކާރުން ހިންގަމުންގެންދާ ޖާސޫސީ ޢަމަލުތައް ދިފާޢު ކުރައްވައި ވާހަކަ ދައްކަވާފަ އެވެ. ނަމަވެސް މީގެކުރިން އެމެރިކާ ބުނަމުން ގެންގޮސްފައި ވަނީ އަމިއްލަ ގައުމުގެ ރައްޔިތުންގެ ފޯން ކޯލްތަކަށާއި އެމީހުންގެ އިންޓަނެޓް މުޢާމަލާތްތަކަށް ޖާސޫސުކުރާނީ އުތުރު ކޮރެޔާގެ ނިޒާމް ފަދަ ޚުދުމުޚްތާރު ވެރިކަމުގެ ނިޒާމު ތަކުން ކަމުގަ އެވެ. އަދި މިއީ ފަރުދީ މިނިވަންކަން ނިގުޅައިގަތުމުގެ ޢަމަލުތަކެއް ކަމަށް ސިފަކޮށް ރައްޔިތުންގެ ޙިމާޔަތުގައި ވެސް ފަރުދީ މިނިވަންކަން ނިގުޅައިނުގަނެވޭނެ ކަމަށް ބުނެ އެމެރިކާގެ މަސްއޫލުވެރިން ވާހަކަ ދައްކަވަމުން ގެންގޮސްފައިވެ އެވެ.

ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގައި ދުނިޔެ އަށް ނަމޫނާ ދައްކަމުން ގެންދާކަމަށްބުނާ އެމެރިކާގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮތް ދެރަވަރު ގޮތުގެ ހަޤީޤަތާއި ފަރުދީ މިނިވަންކަން އެމެރިކާގައިއޮތް ބަލިކަށި ޙާލަތު ދުނިޔެއަށް ބޭޒާރުވެފައިވާތީ އެމެރިކާ ވަރަށް ބޮޑަށް ލަދުގެންފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ޗައިނާގެ މީޑިޔާ އިން ވަނީ އެމެރިކާގައި ފަރުދީ މިނިވަންކަން އޮތް މިންވަރާމެދު ސުވާލު އުފައްދާފަ އެވެ. (ނޫސްއެޖެންސީތައް)