އދ. މަހިބަދޫ ހުޅަނގުފަރާތު ފަރަށް އިއްޔެ އެރި ރ. އުނގޫފާރު ހާމިދު ޔޫސުފުގެ "ހެދޭކުރި" މިއަދު ހަވީރު ފުންކޮށްފި އެވެ.

ފުލުހުން މިރޭ ބުނީ މަހިބަދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުންނާއި އެ ރަށު ރައްޔިތުން ގުޅިގެން ކުރި މަސައްކަތާ އެކު "ހެދޭކުރި" ކަންނެލި ދޯނި ފުންކޮށް މިއަދު އިރުއޮއްސުނު އިރު އެ ދޯނި އެ ރަށަށް އެހެލާފައިވާ ކަމަށެވެ.

އިއްޔެ ހެނދުނު މޫސުން ގޯސްވެ، އެ ދޯނި މަހިބަދޫ ފަރަށް އެރުމުން ފުލުހުންނާއި އެ ރަށު އޮޑިވެރިންނާއި ރައްޔިތުން ގުޅިގެން ދޯނީގައި ތިބި މީހުންނާއި މުދަލުގެ އިތުރަށް ދޯނި ސަލާމަތް ކުރުމުގެ މަސައްކަތް ފެއްޓި ކަމަށެވެ. އަދި އެދޯނީގައި ތިބި އަށް ފަޅުވެރިންނާއި ދޯނީގެ ކެޔޮޅާ އެކު ވަނީ ސަލާމަތާ އެކު ރަށަށް ގެންގޮސްފައި ކަމަށެވެ.

ފުލުހުން ބުނީ "ހެދޭކުރި" ފަރަށް އެރުމުން ދޯނީގެ ފަހަތު ޑެގް ފަޅައިގެން ދިޔަ ކަމަށާއި ދޯނިތެރެ އަށް ލޮނު ވަދެ އިންޖީނު ވެސް ހަލާކުވި ކަމަށެވެ. މީގެއިތުރުން ދޯނީގެ ވީލް ހައުސް އަދި ބަނޑުފިލައިން ބޮޑު ތަންގަނޑެއް ފަޅައިގެން ވެސް ދިޔަ ކަމަށެވެ.

ފުލުހުން ބުނީ އެ ދޯނި ފަރަށް އެރުމުން އެ ދޯނީގައި ހުރި އައިސް ބޮކްސްތަކެއް އޮޔާ ދިޔަ ކަމަށާއި އެ ތަކެތި ކަނޑުން ހޮވައިގެން ސަލާމަތް ކުރީ ރަށުގެ ރައްޔިތުންނާއި ފުލުހުން ކަމަށެވެ.

އެ ދޯނީގައި ތިބި އަށް މީހުންގެ ކެއުމާއި ހުރުމުގެ ކަންކަންކަން ހަމަޖައްސާފައި ވަނީ މަހިބަދޫ ޕޮލިސް ސްޓޭޝަނުން ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ ހާދިސާގައި އެ ދޯނިން ދަތުރުކުރި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.

ފުލުހުން ބުނީ ހެދޭކުރި ފުންކުރުމަށް ކުރި މަސައްކަތަކީ ފުލުހުންނާއި ރައްޔިތުން ގުޅިގެން ކުރި ވަރަށް ރަނގަޅަށް އިޖުތިމާޢީ ރޫޙު ފެނިގެން ދިޔަ މަސައްކަތެއް ކަމަށެވެ.