ރައްޔިތުންގެ މަޖިލީހުގެ ކުރެންދޫ ދާއިރާގެ މެންބަރު އަހުމަދު މޫސާ އާއި މާލޭ ސިޓީ ކައުންސިލްގެ މެންބަރު ސަރަނގު އާދަމް މަނިކު ޑރ. ވަހީދުގެ ގައުމީ އިއްތިހާދު ޕާޓީ އަށް މިރޭ ސޮއިކުރައްވައިފި އެވެ.

ދަރުބާރުގޭގައި މިރޭ ގައުމީ އިއްތިހާދުން ކުރިއަށް ގެންދާ ޕާޓީގައި އެ ދެ ބޭފުޅުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު އަހުމަދު ޝަރީފު ވެސް ވަނީ މިރޭ ރަސްމީކޮށް އެ ޕާޓީ އަށް ސޮއިކުރައްވައިފަ އެވެ.

ޝަރީފު ވަނީ އެ ޕާޓީއާ ގުޅިވަޑައިގަތް ކަން ކުރިން އިއުލާން ކުރައްވައިފަ އެވެ.

މިރޭ އިތުރަށް އެ ޕާޓީ އަށް ސޮއި ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ހއ. އަތޮޅުގެ ގޮނޑިއެއް ކުރިން ފުރުއްވި ޖައުޝާ ޖައުފަރު އީސާ އެވެ.

ޝަރީފު ގައުމީ އިއްތިހާދަށް ސޮއިކުރެެއްވުމުގެ ކުރިން ހުންނެވީ ޕީޕީއެމްގަ އެވެ. އަދި އޭނާ އެ ގޮނޑިއަށް ހޮވިވަޑައިގަތީ ވެސް ޕީޕީއެމްގެ ކެންޑިޑޭޓެއްގެ ގޮތުގަ އެވެ. ނަމަވެސް ޝަރީފް ޕީޕީއެމް އިން ވަކިވެވަޑައިގެންފައި ވަނީ ތިމަރަފުށީ އެއާޕޯޓުގެ މަސައްކަތް ހުއްޓުވާލުމަށް ޕީޕީއެމްގެ ތެރެއިން ބައެއް މީހުން މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތު ކުރެއްވުމަށް ފަހު އެވެ.

އަމިއްލަ ގޮތުން ވާދަކުރައްވައިގެން ރައްޔިތުންގެ މަޖިލީހަށް ހޮވިވަޑައިގަތް ކުރެންދޫ ދާއިރާގެ މެންބަރު އަހުމަދު މޫސާ އެންމެ ފަހުން ހުންނެވީ ޖުމްހޫރީ ޕާޓީގަ އެވެ. ނަމަވެސް މީގެ އަހަރެންހާ ދުވަސް ކުރިން އޭނާ ވަނީ އެ ޕާޓީން ވަކިވެވަޑައިގެންފަ އެވެ.

މާލޭ ސިޓީ ކައުންސިލަށް އެމްޑީޕީ މެންބަރެއްގެ ގޮތުގައި ހޮވިވަޑައިގަތް ސަރަނގު އާދަމް މަނިކު މިރެއާ ހަމަ އަށް ހުންނެވީ އެމްޑީޕީގަ އެވެ. އޭނާއަކީ އެެ ޕާޓީ އަށް ވަރަށް މަތީދަރަޖަ އަށް ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.

ޖައުފަރު އީސާ ވެސް ގައުމީ އިއްތިހާދު ޕާޓީއާ ގުޅިވަޑައިގަތުމާ ހަމައަށް ހުންނެވީ ޕީޕީއެމްގަ އެވެ.