ސ. ގަން އެއާޕޯޓުގެ ރަންވޭ ބޮޑުކުރާ ސަރަހައްދު ހިއްކަން ގެނައި ކޮންނަ ބޯޓު، ފަރު ނުގޮއްވައި ހިއްކާ ސަރަހައްދަށް ގެންދިއުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.

ގަން އެއާޕޯޓުގެ ރަންވޭ ބޮޑުކުރާ ސަރަހައްދު ހިއްކުމުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވާނީ މާދަމާ ހަވީރު ގަމުގައި ބާއްވާ ހާއްސަ ރަސްމިއްޔާތެއްގައި ރައީސް މުހައްމަދު ވަހީދެވެ. ރަންވޭ ބޮޑުކުރާ ސަރަހައްދު ހިއްކުމުގެ މަސައްކަތް ނުފެށި ލަސްވީ ކޮންނަ ބޯޓު ހިއްކާ ސަރަހައްދަށް ނުގެންދެވިގެންނެވެ.

ގަން އެއާޕޯޓުގެ ރަންވޭ ދިގު ކުރުމަށް ޓަކައި ބިން ހިއްކަނީ ގަމާއި ފޭދުއާ ދެމެދު އޮންނަ ކޯޒުވޭ ސަރަހައްދުންނެވެ.

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓްގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ ވިދާޅުވީ ގަން އެއާޕޯޓުގެ ރަންވޭ ބޮޑުކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ގަލްފް ކޮބްލާ އިން ގެނައި ކޮންނަ ބޯޓު ފޭދު އާއި ގަމާ ދިމާލަށް ވެއްދުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

"މިހާރު ކޮންނަ ބޯޓު ގަމާއި ވިލިނގިއްޔާ ދޭތެރެއިން ވައްދާ ގޮތަށް ވަނީ ހަމަޖެހިފައި. އެކަމަށް ބޭނުންވާ ހުއްދަ އެންވަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީން މާދަމާ ލިބޭނެ. މިހާރު ބޯޓު ވެއްދުމުގެ މަސައްކަތްކުރާ އިރު އެތަނުގެ ފަރު ގޮއްވާކަށް ނުޖެހޭ،" އޭނާ ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ ކޮންނަ ބޯޓު މާދަމާގެ ވަގުތެއްގައި ހިއްކާ ސަރަހައްދަށް ގެންދެވޭނެ ކަމަށެވެ.

ގަން އެއާޕޯޓުގެ ސީ ޕްލޭން އޭރިއާ ސަރަހައްދުގެ ބިން ހިއްކުމުގެ މަސައްކަތް އޭއައި އިން ދުބާއީގެ ގަލްފް ކޮބްލާއަށް ހަވާލުކޮށްފައި ވަނީ 11.7 މިލިއަން ޑޮލަރަށެވެ.

ގާތްގަނޑަކަށް 40 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓްގެ ދަށުން ގަމުގެ ސީ ޕްލޭން އޭރިއާގެ ބިން ހިއްކުމާއި ތޮށިލުމުގެ މަސައްކަތް ކުރަން ވަނީ ނިންމައިފަ އެވެ.

އޭއައިއޭ އިން ބުނީ ގަން އެއާޕޯޓުގައި ތަރައްގީކުރާ ސީޕްލޭން އޭރިޔާ އާއި ރަންވޭއަށް ބޮޑުކުރާ ބައިގެ ބިން ހިއްކުމާއި ތޮށިލާން ހަވާލުކޮށްފައިވާ ގަލްފް ކޮބްލާ އިން އެ މަސައްކަތް އަށް މަސް ދުވަހުގެ ތެރޭގައި ނިންމާނެ ކަމަށެވެ. އަދި ގަން އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު އަންނަ އަހަރުގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ.

ގަމުގެ ސީޕްލޭން ސަރަހައްދުގެ ހިއްކުމާއި ރަންވޭއަށް ބޮޑުކުރާ ސަރަހައްދު ހިއްކުމާއި ތޮށިލުމުގެ މަސައްކަތް ދުބާއީގެ ގަލްފް ކޮބްލާ ކުންފުންޏާ ހަވާލު ކުރިނަމަވެސް، އެ މަޝްރޫއުގެ މެއިން ކޮންޓްރެކްޓަކީ އިނގިރޭސިވިލާތުގެ ލަގާން ކޮންސްޓްރަކްޝަނެވެ.