08 Jun 2013, 16:50
އެމެރިކާގެ މަސަޗުސިޓްސް ޖެނަރަލް ހޮސްޕިޓަލުން 2،500 އަހަރު ވެފައިވާ ގަބުރެއް (މަމީއެއް) ސާފުކުރުމަށްޓަކައި ސަންދޯކުން ނަގައިފިއެވެ.
"ޕެޑިހަރޝެފް" ނަމަކަށް ކިޔުނު މި ގަބުރަކީ 1823 ވަނަ އަހަރު މަސަޗުސިޓްސް ޖެނަރަލް ހޮސްޕިޓަލަށް ހަދިޔާކޮށްފައިވާ ގަބުރެކެވެ. މި ގަބުރު ހަދިޔާކޮށްފައި ވަނީ ސިއްހީ ސައިންސްވެރިންނަށް އާދަޔާ ހިލާފު ކަންތައްތަކެއް އޭގައި ހުރިކަމަށް ފާހަގަކުރެވިގެންނެވެ. އާއްމުންނަށް ދައްކާލުމަށްޓަކައި މި ގަބުރު ބާއްވާފައި އޮންނަނީމަސަޗުސިޓްސް ޖެނަރަލް ހޮސްޕިޓަލުގައެވެ. މި ހޮސްޕިޓަލަކީ އެމެރިކާގެ ތިންވަނައަށް އެންމެ ދުވަސްވީ ހޮސްޕިޓަލު ވެސް މެއެވެ.
ގަބުރު ސަންދޯކުން ނަގާފައިވަނީ އެފަދަ ދުވަސްވީ ތަކެތި ގެންގުޅެން ހާއްސަކޮށް ތަމްރީނުވެފައިވާ މީހެކެވެ. ގަބުރު ނެގުމަށްފަހު ކުޅުލާފައިވާ ކަފަބުރަކުން އޭނާ އޭތީގެ މޫނުމަތީގައި ހަރުލާފައި ހުރި ލޮނުތައް ސާފުކުރިއެވެ. އެ ލޮނުތަކަކީ މަމިފައިކުރުމުން (ގިނަ ދުވަސްވަންދެން ކުނިވިޔަނުދީ ބޭއްވުމަށް ކޮށްފައި ހުރި ކަންތައްތަކެއްގެ ސަބަބުން) ގިނަ ދުވަސް މަތިން އޭގެ ހަންގަނޑުން ނުކުމެ ހަރުލާފައި ހުރި ލޮނެވެ. ކުރިއަށް އޮތް ދުވަސްތަކުގައި އެ ގަބުރުގައި ހަލާކުވެފައި ހުރި ކުދިކުދި ތަންތަންކޮޅު މަރާމާތުކޮށް ގިނަދުވަހު ބެހެއްޓުމަށްޓަކައި މަމީ "ހަމައަކަށް" އަޅުވަން ކުރަންހުރި މަސައްކަތްތަކެއް މާހިރުން ކުރިއަށް ގެންދާނެއެވެ.
މުޅި މަސައްކަތަށް ގާތްގަނޑަކަށް ތިން ދުވަސް ނަގާނެ ކަމަށް އެ ހޮސްޕިޓަލުން ލަފާކުރެއެވެ.
މަރާމާތު މަސައްކަތްތައް ނިމުމުން އެ ގަބުރު އޭގެ ސަންދޯކާ އެކު ގެންދާނީ "އީތަރ ޑޯމް" ކިޔުނު ތާކަށެވެ. އެތާންގައި މި ގަބުރާއި އޭގެ ސަންދޯއް ބިއްލޫރި ފޮއްޓަކަށް ލާފައި ކައިރިކައިރީގައި އާއްމުންނަށް ފެންނަގޮތަށް ބަހައްޓާނެއެވެ. އިތަރ ޑޯމްއަކީ 1846 ވަނަ އަހަރު އޮކްޓޯބަރު މަހު 16 ވަނަ ދުވަހު ވިލިއަމް ޓީ. ޖީ. މޯރޓަން ކިޔުނު މީހެއް ދުނިޔޭގައި ފުރަތަމަ ފަހަރަށް އާއްމުންނަށް ދައްކާލައިގެން ހޭނައްތާ ތަކެތި ބޭނުންކޮށްގެން ސާޖަރީއެއް ހެދި ތަނެވެ. މިތަން މިހާރު ބޭނުންކުރެވެނީ ޒަމާނީ ބޭސްވެރިކަމުގެ ބައްދަލުވުންތައް ބޭއްވުމަށާއި ކުރީ ޒަމާނުގައި ބޭސްވެރިކަމާއި ސާޖަރީއަށް ބޭނުންކުރެވުނު ބައެއް ތަކެތި އާއްމުންނަށް ދައްކާލުމަށެވެ.
މި ގަބުރަކީ ނީލަ ކޯރުގެ ހުޅަނގުފަރާތުގައި އޮތް ތީބްސްގެ ނެކްރޮޕޮލިސް (އަދުގެ ލަކްސޯ ސިޓީ)ގައި އުޅުނު ޕެޑިހަރޝެފް ކިޔުނު ހިލަ ކަފާ މީހެއްގެ ގަބުރެވެ. އޭނާ މަރުވިކަމަށް ބެލެވިފައިވަނީ އުމުރުން 40 އަހަރުގައެވެ. އެމެރިކާގެ ބޮސްޓަންއަށް މި ގަބުރު ހަދިޔާކުރީ ނެދަލެންޑްސްގެ ސަފީރެއް، އޭނާ ބޮސްޓަންއަށް ކުރި ދަތުރެއްގައި އެރަށުން އެނާއަށް އަދާކުރި މެހެމާންދާރީގެ ފުރިހަމަކަމަށް ޝުކުރުއަދާކުރުމުގެ ގޮތުންނެވެ.
މި މީހާ ދިރިހުރި އިރު އުޅުނު ގޮތުގެ ތަފްސީލުތަކެއް މާރަނގަޅަކަށް އެނގިފައެއް ނުވެއެވެ. އެހެން ނަމަވެސް އެ ހޮސްޕިޓަލުގެ މާހިރުން ވަނީ އޭގެ ތަފްސީލުތައް ހޯދުމަށްޓަކައި، ހޮސްޕިޓަލަށް ހެޔޮއެދޭ މީހުންގެ އެހީގައި މަޝްރޫއެއް ފަށާފައެވެ.
މިދިޔަ މާޗްމަހު މާހިރުން ވަނީ މި ގަބުރު އޮތް ތަނުން ނަގައި، އެކްސް-ރޭ އާއި ސީ.ޓީ. ސްކޭން ތަކެއް ހަދައި ތަހުލީލުތަކެއް ކޮށްފައެވެ. މާހިރުން ހައިރާންވީ މި ގަބުރުގެ ބޮލުން ގަޔާހަމައަށް ގައިތެރޭގައި ފިހިގަނޑެއްގެ ދަނޑިގަނޑު އޮތްތަން ފެނުމުންނެވެ. އެމީހުން ބުނާގޮތުން އެއީ އޭގެ ބޯ މާބޮޑަށް ގުޑުނަ ނުދިނުމަށްޓަކައި މާ ކުރީގައި ކޮށްފައިވާ ކަމެކެވެ. އެ ހޮސްޕިޓަލުގެ ވެބްސައިޓުގައި ބުނާގޮތުން މި ކަންތައް ކޮށްފައިވަނީ ކޮން ބަޔަކު ކަމެއް އެއްވެސް ލިޔެކިޔުމަކުން އެނގޭކަށް ނެތެވެ.
މާޗް މަހު ހެދި ސްކޭންތަކުގެ އަސްލު ބޭނުމެއް ކަމުގައި މި މާހިރުން ބުނަނީ 1931 ވަނަ އަހަރާއި 1976 ވަނަ އަހަރުގައި ކޮށްފައިވާ ތަހުލީލު ތަކުގައި ފެންނަން ހުރި ގޮތާ މިހާރު އެ ގަބުރުގެ ކަށިތަކުގެ ހާލަތާ އަޅާކިޔުމެވެ. ކުރީގެ ޓެސްޓުތަކުން ދައްކާގޮތުން ދިރިހުރި އިރު އޭނާ ހެދި ބޮޑުވުމުގައި ހުރަސްތަކެއް ދިމާވެފައިވާ ފަދަ އަލާމާތްތަކެއް ހުއްޓެވެ. އެއީ ވަރަށް ކުޑައިރުއްސުރެ އޭނާއަށް ޖެހިފައިހުރި ބައްޔެއް ކަމަށް މާހިރުންގެ ތަހުލީލުތަކަށް ފަހު އެމީހުން ބުނެއެވެ.