ވިލު ރީފް ރިޒޯޓްގައި މިދިޔަ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ކުރި ރަމްޒީ ކައިވެންޏެއްގައި، އަބުރާއި އިއްޒަތް ގެއްލޭ ގޮތަށް ދިވެހި ބަހުން ހަޑި ހުތުރު ބަހުން އެއްޗެހި ކިޔާފައިވާ ޓޫރިސްޓު ދެމަފިރިންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދު ފޯނުން ގުޅުއްވައި، މަޢާފަށް އެދިވަޑައިގެންފި އެވެ.


ރައީސް އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާ، އިއްޔެ މެންދުރު ފަހު އެ ދެކަނބަލުންނާ ފޯނުން ގުޅުއްވައި، އެ ޢަމަލުގެ ސަބަބުން އެކަމުގެ ހިތާމަ މުޅި ރާއްޖެ އަށް ލިބިފައިވާ ކަމަށާއި ރާއްޖޭގެ އެންމެން، އެކަމަށްޓަކައި އެދެކަނބަލުންގެ އަރިހުން މަޢާފަށް އެދޭ ކަމަށެވެ. އަދި އެ މައްސަލަ ފުލުހުން ތަހްޤީޤް ކުރައްވަމުން ގެންދަވާ ކަމަށާއި އެ ކަމުގައި ބައިވެރިވާ ކަމަށް ތުހުމަތު ކުރެވޭ ދެމީހުން މިހާރު ތިބީ ކޯޓް އަމުރެއްގެ ދަށުން ހައްޔަރުކުރައްވާފައި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި، ބިދޭސީން ރާއްޖޭގައި ކުރާ އެފަދަ ރަމްޒީ ކައިވެންޏާއި ބިދޭސީ ކައިވެންޏާ ބެހޭ ހަރުދަނާ ގަވާއިދުތަކެއް އެކުލަވާލެއްވުމުގެ މަސައްކަތް ސީދާ އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން އެ ދެކަނބަލުންނަށް ދެއްވި އެވެ. އަދި ކުރިއަށް އޮތް ހަފްތާ ތެރޭގައި މިފަދަ ހަރުދަނާ ގަވާއިދެއް އެކުލަވާލައްވައި ސަރުކާރުން ޢާންމު ކުރައްވާނެ ކަމުގައި ރައީސް ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި، އެމަނިކުފާނުގެ ޚާއްސަ މެހްމާނުންގެ ގޮތުގައި އެ ދެކަނބަލުންނަށް ފަސޭހަފުޅު ވަގުތެއްގައި އަލުން ރާއްޖެ އަށް ޒިޔާރަތް ކުރެއްވުމަށް އެ ދެކަނބަލުންނަށް ދަޢުވަތު ދެއްވި އެވެ.
އެ ދެކަނބަލުން ދެއްކެވި ވާހަކަފުޅުގައި، މި މައްސަލަ ފުރިހަމައަށް ތަހްޤީޤު ކުރައްވައި މިކަމާ ބެހޭ ގަވާއިދުތައް ހަރުދަނާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިސްކަން ފާހަގަކުރައްވައި، އެމަނިކުފާނަށް ޝުކުރު އަދާކުރެއްވި އެވެ. އަދި، މީޑިއާގެ އެކިފަރާތްތަކުން، މި މައްސަލައާ ގުޅިގެން، އެ ކައިވެނީގެ ފޮޓޯތަކާއި ވީޑިއޯ، އެ ދެކަނބަލުންގެ ހުއްދަނެތި އެކިގޮތްގޮތަށް ޢާންމު ކުރަމުންގެންދާތީ، އެކަމުގެ ސަބަބުން އެ ދެކަނބަލުންނަށް އިތުރު ނުތަނަވަސްކަމާއި ލަދުވެތިކަން ކުރިމަތިވަމުންދާތީ، އެކަން ހުއްޓަވައިދެއްވުމަށް ބާރުއަޅުއްވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުން އެދިވަޑައިގެންނެވި އެވެ.
މިކަމާ ގުޅިގެން، އެ ދެކަނބަލުންގެ ޒާތީކަންކަމަށާއި، އެއީ ކޮން ބައެއްކަން ޢާންމު ނުކުރެއްވުމަށް އެދިވަޑައިގަންނަވާ އެދިވަޑައިގެންނެވުމަށް އިޙްތިރާމް ކުރެއްވުމަށް ޚަބަރު ފަތުރާ ވަސީލަތްތަކުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަތެވެ. އަދި އެކަމާ ގުޅޭ ފޮޓޯ އާއި ވީޑިއޯ، އެ ދެކަނބަލުންގެ ހުއްދަނެތި ޢާންމު ނުކުރެއްވުމަށާއި މިކަމާ ބެހޭ ޚަބަރު ގެނެސްދިނުމުގައި އެ ދެކަނބަލުންނަށް އިޙްތިރާމް ކުރެއްވުމަށްވެސް ރައީސް އެދިވަޑައިގެންނެވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ފޯނު ކޯލް ނިންމަވާލެއްވީ، މި މައްސަލައިގެ ތަހްޤީޤު ކުރިއަށްދާ ގޮތުގެ މަޢުލޫމާތު އެމަނިކުފާނުގެ އޮފީހުން، އެ ދެކަނބަލުންނަށް ދެއްވަމުން ގެންދަވާނެ ކަމަށް ވިދާޅުވަމުންނެވެ.
ޖެނީވާގައި ހުންނަ އ.ދ.ގެ އޮފީސްތަކަށާއި، ސްވިޓްޒަރލެންޑަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު އިރުތިޝާމް އާދަމްވެސް، އެ ދެކަނބަލުންނަށް އިއްޔެ ފޯނުން ގުޅުއްވާ ދިވެހި ސަރުކާރުގެ ފަރާތްޕުޅުންވަނީ މަޢާފަށް އެދިވަޑައިގެންފަ އެވެ.