ކީރިތި ގުރުއާނުގެ ދިވެހި ތަރުޖަމާގެ 150000 ފޮތް ޗާޕު ކުރުމަށް ސަރުކާރުން 30.8 މިލިއަން ރުފިޔާ ހަރަދުކުރި އިރު އެ ފޮތްތަކުގައި ކުށް ހުރުމުގެ ސަބަބުން އެ ފޮތްތައް ބޭނުންނުކުރެވި އެކަމުގެ ސަބަބުން ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދާފައިނުވާ ކަމަށް އޮޑިޓާ ޖެނެރަލް ވިދާޅުވެއްޖެ އެވެ.

އޮޑިޓާ ޖެނެރަލް ބުރާސްފަތި ދުވަހު ނެރުއްވާފައިވާ ފިނޭންސް މިނިސްޓްރީގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ބުނެފައި ވަނީ ރައީސް މައުމޫންގެ ސަރުކާރުގައި 2007 ވަނަ އަހަރު ކީރިތި ގުރުއާނުގެ ދިވެހި ތަރުޖަމާގެ 150000 ޗާޕުކުރުމަށް ފޮތަކަށް 205ރ.ގެ ރޭޓުން 30 މިލިއަން ރުފިޔާ އަށް ނޮވެލްޓީ ޕްރިންޓާސް އަށް ހަވާލުކޮށްފައިވާ ކަމަށާއި އެ ކުންފުއްޏާ އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ޓެންޑާ މަސައްކަތަށް ހުޅުވާލައިގެން ނޫން ކަމަށެވެ.

އަދި އެ މަސައްކަތުގެ 85 ޕަސެންޓް ފައިސާ އެޑްވާންސް ފައިސާގެ ގޮތުގައި ނޮވެލްޓީ ޕްރިންޓާސް އަށް ދައްކާފައި ވަނީ "ތަކެތި ގަތުމާއި ހިދުމަތް ހޯދުމުގެ ގަވައިދާ" ހިލާފަށް ކަމަށް ވެސް އެ ރިޕޯޓްގައި ބުނެފައިވެ އެވެ.

އެ ރިޕޯޓްގައި ބުނެފައި ވަނީ ނޮވެލްޓީ އިން ޗާޕްކުރި ގުރުއާނުގެ ދިވެހި ތަރުޖަމާގައިވާ ކުށްތަކަކީ އެ ކުންފުނީގެ އިހުމާލުން ދިމާވެފައިވާ މައްސަލައެއް ކަމަށް އެ ކުންފުނިން ވެސް އެއްބަސްވެފައިވާ ކަމަށާއި ނަމަވެސް އެކަމުގެ ސަބަބުން ދައުލަތަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނާއި ފިނޭންސް މިނިސްޓްރީ އިން އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށެވެ.

އެ މައްސަލާގައި އޮޑިޓާ ޖެނެރަލް ލަފާ ދެއްވާފައި ވަނީ ކީރިތި ގުރުއާނުގެ ތަރުޖަމާ ޕްރިންޓް ކުރުމުގެ މަސައްކަތް ނޮވެލްޓީއާ ހަވާލުކޮށް ފައިސާ ދިނުމުގައި މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުން ކުރައްވާފައިވާ ކަމަށް ތުހުމަތުކުރެވޭ ކަމަށާއި އަދި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފިނޭންސް މިނިސްޓްރީ އިން އަމަލުކޮށްފައި ވާތީ އެ މައްސަލަ ތަހުގީގު ކުރުމަށް އޭސީސީ އަށް ހުށައެޅުމަށެވެ.