08 Jun 2013, 15:31
ބ. އަތޮޅު ކައުންސިލްގެ ތުޅާދޫ ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދުގެ ޚިދުމަތް ދާއިރާގެ ރައްޔިތުންނަށް ލިބެމުން ނުދާކަމަށް ބުނެ އަމިއްލަ ފަރާތަކުން އޭނާގެ މައްސަލަ ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ހުށަހަޅައިފި އެވެ.
އަމިއްލަ ފަރާތަކުން އެލްޖީއޭ އަށް ހުށަހެޅި އެ މައްސަލައިގައި ބުނެފައި ވަނީ އިބްރާހީމް ރަޝީދު ގަވާއިދުން އޮފީހަށް ހާޒިރުނުވެ ބޮޑު މުސާރަ ނަންގަވަމުން ގެންދަވާ ކަމަށެވެ.
އެ މައްސަލައާ އެކު އިބްރާހީމް ރަޝީދުގެ ހާޒިރީ ރިޕޯޓު ވެސް ވަނީ އެލްޖީއޭ އަށް ހުށަހަޅާފަ އެވެ. ހާޒިރީ ޒިޕޯޓުގައި ބުނެފައިވާ ގޮތުން 2011 ވަނަ އަހަރު އޭނާ 205 ދުވަހު އޮފީހަށް ހާޒިރުވާން ޖެހޭ އިރު އޭނާ ހާޒިރުވެފައި ވަނީ އެންމެ 76 ދުވަހު އެވެ.
ދެހާސް ބާރަ ވަނަ އަހަރުގެ ހާޒިރީ އަށް ބަލާއިރު 187 ދުވަހު އޮފީހަށް ހާޒިރުވާން ޖެހޭއިރު އޭނާ އޮފީހަށް ހާޒިރުވެފައި ވަނީ 62 ދުވަހު އެވެ.
އެކަމާ ބެހޭ ގޮތުން އިބްރާހީމް ރަޝީދު ވިދާޅުވީ ނުގަވައިދުން އޭނާ އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ 2011 އަހަރުން ފެށިގެން މިދިޔަ އަހަރުގެ ނިޔަލަށް ރަސްމީ ބޭނުމުގައި އާއި އަދި އާއިލާގެ މީހަކު ބަލިވެގެން ގިނަ ދުވަހު އޮފީހަށް ނުކުންނަވާފައި ނުވާނެ ކަމަށެވެ. އެހެންކަމުން އެއީ މައްސަލައެއް އޮތްކަމެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ވެސް އިބްރާހީމް ރަޝީދު ވިދާޅުވި އެވެ.