08 Jun 2013, 15:26
އިންޑިއާ އިން ކުރިން ނަގާފައިވާ 50 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބޮންޑް މިދިޔަ ފެބްރުއަރީ މަހު ސަރުކާރުން ދެއްކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭރު ފައިސާގެ ރިޒާވުން ނަގާފައި ދޫކުރި ޓީ ބިލަކުންކަން ހާމަވެއްޖެ އެވެ.
އެމްއެމްއޭ އިން ބުރާސްފަތި ދުވަހު އާއްމުކުރި މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހު އިކޮނޮމިކް ބުލެޓިންގައި ބުނެފައި ވަނީ ފެބްރުއަރީ މަހު ދައްކަން ޖެހޭ 50 މިލިއަން ޑޮލަރު ދައްކާފައި ވަނީ ސަރުކާރުގެ ކޭޝްފްލޯގައި އެ މިންވަރު ނެތިގެން އެމްއެމްއޭ އިން ދޫކުރި ޓީ ބިލަކުން ކަމަށެވެ. ނަމަވެސް ސަރުކާރުން މިހާރު އެ ފައިސާގެ ބޮޑު ބައެއް ދައްކާފައިވާ ކަމަށް "ސަން"އަށް އެނގިފައިވެ އެވެ.
ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި، 2010ގެ ފަހުން އެމްއެމްއޭ އިން ސަރުކާރަށް ޓީ ބިލް ވިއްކުން ވަނީ މެދުކަނޑާލައިފަ އެވެ. އޭގެ ފަހުން ސަރުކާރުގެ ޓީ ބިލް ގަނެފައި ވަނީ ބޭންކުތަކާއި އަމިއްލަ ވިޔަފާރިވެރިންނެވެ.
ކުރީގެ ސަރުކާރުން އެސްބީއައި އިން ނެގި ޓްރެޝަރީ ބޮންޑްތައް ދައްކަން ޖެހޭ މުއްދަތު އެ ބޭންކުން އިތުރުކޮށް ނުދިނުމުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވެސް 50 މިލިއަން ޑޮލަރު ރިޒާވުން ނަގާ އިންޑިއާ އަށް ދައްކަން ޖެހުނެވެ. އަދި ދެ ފަހަރެއްގެ މަތިން 100 މިލިއަން ޑޮލަރު ސަރުކާރުން ދެއްކީ އެމްއެމްއޭގެ ރިޒާވުން ނަގައިގެންނެވެ.
އެމްއެމްއޭ އިން ބުނީ ސަރުކާރުން ވިއްކާފައިވާ ޓީ ބިލަށް ދައްކަން ޖެހޭ ފައިސާގެ އަދަދު މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި 19 ޕަސެންޓް އިތުރުވެފައިވާ ކަމަށެވެ. އަދި އެ އަދަދު 7.6 ބިލިއަން ރުފިޔާ އަށް އިތުރުވެފައިވާ ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ. އޭގެ ތެރޭގައި އެމްއެމްއޭ އަށާއި އަމިއްލަ ފަރާތްތަކަށް ވިއްކި ޓީ ބިލްތައް ހިމެނޭ ކަމަށް މަރުކަޒީ ބޭންކުން ބުނެފައިވެ އެވެ.
އެމްއެމްއޭ އިން ބުނީ މާޗްގެ ނިޔަލަށް ވިއްކި ޓީ ބިލްގެ އަދަދު އިތުރުވެފައި ވަނީ ބަޖެޓްގެ ދަރަނި ފޫބެއްދުމަށް ކަމަށެވެ.
މަރުކަޒީ ބޭންކުން އާއްމުކުރި މިދިޔަ މަހުގެ އިގްތިސޯދީ ރިވިއުގައި ބުނެފައި ވަނީ މާޗް މަހާ އަޅާބަލާ އިރު، ދައުލަތުގެ ރިޒާވަށް މިދިޔަ މަހު 12.7 މިލިއަން ޑޮލަރު އިތުރުވެފައިވާ ކަމަށެވެ. އަދި މިދިޔަ މަހުގެ ނިޔަލަށް ދައުލަތުގެ ރިޒާވްގައި ހުރި ބޭރު ފައިސާއަކީ ގާތްގަނޑަކަށް 2.6 މަސް ދުވަހުގެ އިމްޕޯޓަށް ބޭނުންވާ މިންވަރެވެ.
އެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މާޗް މަހުގެ ނިޔަލަށް ދައުލަތުގެ ރިޒާވްގައި ހުރި 338.2 މިލިއަން ޑޮލަރަކީ ގާތްގަނޑަކަށް 2.5 މަސްދުވަހުގެ އިމްޕޯޓަށް ބޭނުންވާ މިންވަރެވެ.