ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އައިޖީއެމްއެޗު ހިންގައި ތަރައްގީ ކުރުމަށް ހެލްތު މިނިސްޓްރީ އާއި އިންޑިއާގެ އެޕޯލޯ ހޮސްޕިޓަލްއާ ދެމެދު 2010 ވަނަ އަހަރު ވެފައިވާ އެއްބަސްވުމުގެ ދަށުން 150،000 ޔޫއެސް ޑޮލަރު (2.31 މިލިއަން ރުފިޔާ) ގެއްލުންވެފައިވާ ކަން ހާމަވެއްޖެ އެވެ.

އޮޑިޓާ ޖެނެރަލް ބުރާސްފަތި ދުވަހު ނެރުއްވާފައިވާ ފިނޭންސް މިނިސްޓްރީގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ބުނެފައި ވަނީ އެ އެއްބަސް ވުމަށް އަމަލު ނުކުރުމަށް ރައީސް ނަޝީދުގެ ސަރުކާރުން ފަހުން ނިންމާފައިވާ އިރު އެ އެއްބަސްވުމުގެ އެޑްވާންސްގެ ގޮތުގައި ދޫކުރި 150000 ޑޮލަރު ނުވަތަ މިހާރުގެ ރޭޓުން ނަމަ 2.3 މިލިއަން ރުފިޔާ އެޕޯލޯ ހޮސްޕިޓަލަށް ދީފައިވާ އިރު އެ ފައިސާ އިން ގެއްލުން ވެފައިވާ ކަމަށެވެ.

އަދި 2.3 މިލިއަން ރުފިޔާގެ ގެއްލުމެއް ކުރިމަތިވީ އެއްވެސް ރޭވުމެއް ނެތް ގޮތަކަށް ރައީސް މުހައްމަދު ނަޝީދު އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރެއްގައި އެއްވެސް ދިރާސާއެއް ނުކޮށް ކުއްލި ގޮތަކަށް އެއެއްބަސްވުމުގައި ސޮއިކުރުމުންކަމަށް ފާހަގަކޮށްފައިވެ އެވެ.

އެ ރިޕޯޓުގައި ބުނެފައި ވަނީ އެޕޯލޯ ހޮސްޕިޓަލާ އެކުވި އެއްބަސްވުން ކުރިއަށް ނުގެންދެވުނީ އައިޖީއެމްއެޗު ހޮސްޕިޓަލަށް އިންވެސްޓްކުރާނެ ފަރާތެއް ސާފުނުވެގެންނާއި އެ އެއްބަސްވުމުގައި ގިނަ ކަންތައްތަކެއް ހިންގައި އެކަންކަމަށް ހަރަދު ކުރާނެ ގޮތެއް އެ އެއްބަސްވުމުގައި ކަނޑައެޅިފައިނެތުމުން ކަމަށެވެ. އަދި އެ އެއްބަސްވުން އެކުލަވާލާފައި ވަނީ މާލިއްޔަތު ގަވައިދުގެ "ޕްރަވައިވެޓައިޒޭޝަނާ ބެހޭ ގަވައިދު" އާ ހިލާފަށް ކަމަށް ބުނެފައިވެ އެވެ. އަދި އެ ރިޕޯޓްގައި ބުނެފައި ވަނީ އެޕޯލޯ ހޮސްޕިޓަލަށް ދީފައިވާ 2.3 މިލިއަން ރުފިޔާ ދީފައި ވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރުމެއް ނެތި ގާނޫނާ ހިލާފަށް ކަމަށެވެ.

އެ މައްސަލާގައި އޮޑިޓާ ޖެނެރަލް ލަފާ އަރުވާފައި ވަނީ އޭސީސީ އަށް އެ މައްސަލަތައް ފޮނުވައިގެން ތަހުގީގުކޮށް އެ މައްސަލަތަކުގައި އިހުމާލުވާ މީހުންގެ އަތުން އެ ފައިސާ ހޯދުމަށެވެ. އަދި ދައުލަތުގެ ފަރާތުން އެއްބަސްވުންތައްވާ އިރު ގާނޫނީ ލަފާ ހޯދުމަށް އިލްތިމާސްކޮށްފައިވެ އެވެ.