ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އައްޔަން ކުރައްވާފައިވާ ސިޔާސީ މަގާމުތަކުގައި ތިބި ދެ ބޭފުޅަކަށް ދައުލަތަށް އެއްވެސް ހިދުމަތެއް ކުރައްވާފައިނުވާ ދުވަސްތަކަށް ނުވަ ލައްކަ ރުފިޔާ ދީފައިވާކަން ހާމަވެއްޖެ އެވެ.

އޮޑިޓާ ޖެނެރަލް ނެރުއްވާފައިވާ ފިނޭންސް މިނިސްޓްރީގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ބުނެފައި ވަނީ ކުރީގެ މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަންގެ އެމްޕްލޯއިމަންޓް އެންޑް ސޯޝަލް ސެކިއުރިޓީގެ ނައިބުގެ މަގާމުގައި ކުރިން ހުރި ބޭފުޅަކަށް 624326ރ. އަދި ކުރީގެ ތައުލީމާ ބެހޭ ގައުމީ މަޖިލީހުގެ ރައިސާގެ މަގާމުގައި ހުންނެވި ބޭފުޅަކަށް 362250ރ. ފިނޭންސް މިނިސްޓުރީގެ ބަޖެޓް ކޯޑް "އަމިއްލެ ފަރާތަކަށް ލިބޭ ގެއްލުމެއް ހަމަޖައްސައިދިނުމުގެ ގޮތުންދޭ ފައިސާ" އިން ރައީސް އޮފީހުގެ އެންގުމަކަށް އެބޭފުޅުންގެ އެއްވެސް ހިދުމަތެއް ދައުލަތައް ނުލިބޭ އިރު ދީފައިވާ ކަމަށެވެ.

އެރިޕޯޓްގައި ބުނެފައި ވަނީ އެޑިއުކޭޝަންގެ ސޯޝަލް ސެކިއުރިޓީގެ ނައިބްގެ މަގާމުގައި ކުރިން ހުންނެވި ބޭފުޅަކަށް 600،000 ރުފިޔާ ދީފައިވާ މުއްދަތުކަމުގައިވާ 11 ނޮވެމްބަރު 2008 އިން ފެށިގެން 7 ޖޫން 2010 ގެ ނިޔަލަށް އެބޭފުޅާގެ އެއްވެސް ހިދުމަތެއް ދައުލަތަށް ކޮށްފައިނުވާ ކަމަށެވެ. އަދި ތައުލީމާ ބެހޭ ގައުމީ މަޖިލީހުގެ ރައިސާގެ މަގާމުގައި ހުންނެވި ބޭފުޅާއަށް 300،000 ރުފިޔާ ދީފައިވާ އިރު މަސްއޫލިއްޔަތު އަދާކުރުމަށް 2008 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުން ފެށިގެން 2010 ވަނަ އަހަރުގެ މެއި މަހުގެ 19ގެ ނިޔަލަށް އެއްވެސް ދުވަހަކު އޭނާގެ ހިދުމަތެއް ދައުލަތައް އެއްވެސް ގޮތަކަށް ލިބިފައި ނުވާ ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައިވެ އެވެ.

އެ މައްސަލާގައި އޮޑިޓާ ޖެނެރަލް ލަފާ އަރުވާފައި ވަނީ އެ ދެބޭފުޅުންނަށް ދީފައިވާ ފައިސާއަކީ އެ ބޭފުޅުނަށް ދީގެންވާނެ ފައިސާކަމުގައި ނުވާތީ އެ ފައިސާ ހޯދުމަށާއި އެއީ މަގާމުގެ ނުފޫޒް ނާޒާއިޒް ގޮތުގައި ބޭނުންކޮށްފައިވާ ކަމަށް ބެލެވޭތީ އެ މައްސަލަ ތަހުގީގު ކުރުމަށް އޭސީސީ އަށް ހުށައެޅުމަށެވެ.

އެ ރިޕޯޓްގައި ފާހަގަކޮށްފައިވާ އިތުރު ކަންތައްތަކުގެ ތެރޭގައި މަދަނީ ކޯޓުގެ ހުކުމުގެ ދަށުން ފެއާލައިން ކުންފުނިން ޖިކްސް އަށް ދައްކަންޖެހުނު 7.2 މިލިއަން ރުފިޔާ ފިނޭންސް މިނިސްޓްރީ އިން ދައްކާފައިވާ އިރު އެ ފައިސާ އަނބުރާ ހޯދާފައިނުވާ ކަމަށާއި އަދި ސަރުކާރާ ދެކޮޅަށް އެމެރިކާގެ ދެ ކުންފުންޏަކުން އުފުލި ދައުވާއެއް ހިނގަމުންދަނިކޮށް އާބިޓްރޭޝަންގެ ބޭރުގައި އެ މައްސަލަ ނިންމުމަށް އެދި ކުންފުންޏަށް ހަތަރު މިލިއަން ޑޮލަރު ދީފައިވާކަން ފާހަގަކޮށްފައިވެ އެވެ. އަދި މޯލްޑިވްސް ނޭޝަނަލް ޝިޕިން ލިމިޓެޑް(އެމްއެންއެސްއެލް)ގެ ކުރީގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރަކަށް މަދަނީ ކޯޓުގެ ހުކުމާ ގުޅިގެން 1.1 މިލިއަން ރުފިޔާ ދައުލަތުން ދައްކަން ޖެހުނީ ސަރުކާރުގެ އިހުމާލުން އުސޫލުތަކާއި ހިލާފަށް އޭނާ ވަޒީފާ އިން ވަކިކުރުމުން ކަމަށް ވެސް ފާހަގަކޮށްފައިވެ އެވެ.

ފިނޭންސް މިނިސްޓުރީގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ބުނެފައި ވަނީ ފިޝަރީޒް މިނިސްޓްރީން މަސްވެރިކަމާ ގުޅުންހުރި ކަންކަމުގައި ދޫކޮށްފައިވާ ލޯނުތަކަށާއި ރައީސްގެ އިނާޔަތުގެ ދަށުން ދޫކޮށްފައިވާ ލޯނުތަކަށް ނުލިބި ހުރި ފައިސާ ހޯދުމަށް ފިނޭންސް މިނިސްޓްރީގެ ފަރާތުން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައިނުވާ ކަމަށެވެ. އޭގެ ތެެރޭގައި ހިމެނެނީ ރައީސް މައުމޫންގެ ސަރުކާރުގައި 2002 ވަނަ އަހަރުން ފެށިގެން ދޫކޮށްފައިވާ ލޯންތަކެވެ.

އެ އޮޑިޓް ރިޕޯޓްގައި ވަނީ ގާނޫނާއި ގަވައިދާ ހިލާފަށް ކޮށްފައިވާ ގިނަ ކަންތައްތަކެއް ފާހަގަކޮށް އެކަމުގައި އިހުމާލްވާ ފަރާތްތަކަށް ފިޔަވަޅުއެޅުމަށާއި ދައުލަތުން ނަހަމަ ގޮތުގައި ނަގާފައިވާ ފައިސާ އަނބުރާ ހޯދުމަށް ލަފާ އަރުވާފަ އެވެ.