08 Jun 2013, 14:03
އިޓަލީގެ ނަޕޯލީއަށް ކުޅޭ އުރުގުއާއީ ފޯވަޑް އެޑިންސަން ކަވާނީ ހޯދުމަށް 49.3 މިލިޔަން ޕައުންޑުގެ ފީއެއް ޕްރިމިއާ ލީގުގެ ޗެލްސީއިން ހުށަހަޅައިފި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޗެލްސީގެ ކުރީގެ ކޯޗު ހޯސޭ މޮރީނިއޯ އެނބުރި އެ ކުލަބާ ހަވާލުވުމަށްފަހު ކުރިއަށް އޮތް ސީޒަނަށް ކުލަބު ވަރުގަދަ ކުރުމުގެ ގޮތުން ގެންނަން ބޭނުންވި ލިސްޓުގެ އެންމެ ކުރީގައި ކަވާނީ ހިމަނާފައިވާ ކަމަށް ވެއެވެ. އެގޮތުން ކަވާނީ ހޯދުމަށް ފުރަތަމަ ޗެލްސީއިން ހުށަހެޅީ އެކުލަބަށް 2011 ވަނަ އަހަރުގެ ޖެނުއަރީ ޓްރާންސްފާގައި ލިވަޕޫލްއިން 50 މިލިޔަން ޕައުންޑުގެ ފީއެއްދީފައި ގެނައި ސްޓާ ފޯވަޑް ފެނާންޑޯ ޓޮރޭޒް އާއި 25.5 މިލިޔަން ޕައުންޑެވެ. އެހެން ނަމަވެސް ނަޕޯލީ އިން ބޭނުންވަނީ ޕާޓް-ޕޭމަންޓުގެ ބަދަލުގައި ހުރިހާ ފައިސާއެއް އެއްފަހާރާ "ކޭޝް"ކޮށް ހޯދުމަށެވެ.
ނަޕޯލީއާ އެކު ކަވާނީ ހަދާފައިވާ އެއްބަސް ވުމުގެ "ރިލީޒް ކްލޯސް"ގައި އޭނާ ދޫކޮށްލާނޭ އަގަކަށް ހަމަޖައްސާފައިވަނީ 53.6 މިލިޔަން ޕައުންޑެވެ. އެހެން ކަމުން ނަޕޯލީ އިން ބޭނުންވާ ހިނދެއްގައި ކަވާނީއަށް އެކުލަބު ދޫކޮށް އެހެން ކުލަބަކަށް ދެވޭނީ އެވަރުގެ އަގެއް ހުށަހަޅާ ކުލަބަކަށެވެ.
ނަޕޯލީގެ ޕްރެޒިޑެންޓް، އައުރެލިއޯ ޑި ލައުރެންޓިސް ކުރިން ވިދާޅުވެފައިވަނީ، އެކުލަބުގެ އެންމެ ރަނގަޅު ކުޅުންތެރިޔާ ވިއްކާލުމުގެ ހިޔާލެއް ނުގެންގުޅޭ ކަމަށެވެ. އެހެންނަމަވެސް ފަހުން ވިދާޅުވެފައިވަނީ، ކުލަބުން ބޭނުންވާ ވަރުގެ އަގެއް ހުށަހަޅައިފި ނަމަ ކަވާނީ ދޫކޮށްލުމަށްފަހު އެފައިސާ އަލުން އެހެން ކުޅުންތެރިއެއް ހޯދުމަށް ރި-އިންވެސްޓް ކުރާނީ ކަމަށެވެ.
ރިޕޯޓްތައް ބުނާގޮތުން މޮރީނިއޯވަނީ، 26 އަހަރުގެ ކަވާނީ ޗެލްސީއަށް ގެނައުމައްޓަކައި އޭނާއާ ފޯނުން ގުޅައިގެން އެކަމާބެހޭ މަޝްވަރާތައްވެސް ކޮށްފަ އެވެ.
އެލް މެޓަޑޯގެ ނަމުން މަޝްހޫރުވެފައިވާ ކަވާނީ ވަނީ، ނަޕޯލީއަށް އޭނާ ކުޅުނު ތިން ސީޒަންގައި ޖުމުލަ 104 ލަނޑު އެކުލަބަށް ކާމިޔާބު ކޮށްދީފަ އެވެ. އެއީ އެކުލަބުގެ ކުރީގެ ތަރި އަދި ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ، އާޖެންޓީނާގެ ޑިއެގޯ މަރަޑޯނާ އެކުލަބުގައި ހޭދަކުރި ހަތް އަހަރު ދުވަހުގެ ތެރޭގައި ކާމިޔާބު ކޮށްދިން ލަނޑުގެ އަދަދަށްވުރެ އެންމެ 11 ލަނޑު މަދު އަދަދެކެވެ.
ޗެލްސީއަށް އާ ކުޅުންތެރިން ގެންނަން ނިންމާފައިވާއިރު އެކުލަބުން މިހާރު ވަނީ ފަސް ކުޅުންތެރިއަކަށް ރިލީޒް ދީފައެވެ. އެއީ ފްލޮރެންޓް މަލޫދާއާއި، ޕައުލޯ ފެރެއިރާއާއި، ޔޮސީ ބެނާޔޫންއާއި، ހެންރިކް ހިލާރިއޯ އަދި ރޮސް ޓާންބުލް އެވެ.