ލ. އަތޮޅާއި ތ. އަތޮޅާއި ދޭތެރޭގައި ދަތުރުކުރަމުން ދަނިކޮށް މިދިޔަ ބުރާސްފަތި ދުވަހު ދޯނީގެ ދެ ކުނބު ބިންދައިގެން ދިޔަ ސަފާރީ އޮޔާދާތީ އެ ސަރަހައްދުން ދަތުރުކުރަމުން ގެންދާ އުޅަނދުފަހަރުތަކުން އެކަމަށް ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފި އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް އަބްދުﷲ އަލީ މިއަދު ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހު އައި ކޮޅިގަނޑެއްގައި "އެންސިސް ބައުންޓީ"ނަމަކަށް ކިޔާ ސަފާރީގެ ދެ ކުނބު ބިންދައިގެން ދިއުމާ ގުޅިގެން އެ ދޯންޏަށް ދަތުރު ކުރެވޭ ގޮތް ނުވެފައިވާ ކަމަށެވެ. އަދި ރާޅު އަރައިގެން އެ ދޯނި ކޮންމެ ވެސް ވަރަކަށް އަޑިއަށް ގޮސްފައިވާ ކަމަށާއި މިހާރު އެ ދޯނި އޮތީ ތ. އަތޮޅާއި 45 މޭލެ ބޭރުގައި ކަމަށާއި ގަޑިއަކު ގާތްގަނޑަކަށް ތިން މޭލަށް ބޭރަށް ދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކޮޅުގަނޑުގައި ޖެހި އެދޯނީގެ ކުނބު ބިންދައިގެން ގޮސް، ދޯންޏަށް ކޮންމެވެސް ވަރަކަށް ލޮނު އެޅި އަޑިއަށްދާ ގޮތް ވެފައި ވަނީ. ކުނބު ބިންދައިގެން ގޮސްފައި ވާތީ ދޯނި މޫވް ކުރެވޭ ގޮތް ވަނީ ނުވެފައި. ދޯނީގެ ވެރިފަރާތަށް އުޅެނީ މޫސުން ގޯސްވެގެން ދޯނި ކަފުޖަހާދޭނެ އުޅަނދެއް އަދި ނުވެގެން. ސަފާރީ އަދި އޮތީ ފެނުން މަތީގައި. އެކަމަކު އޮޔާދާ ކަމުގެ މައުލޫމާތު ވަނީ ލިބިފައި،" އަބްދުﷲ އަލީ ވިދާޅުވި އެވެ.

އެ ހާދިސާ ހިނގި އިރު އެ ދޯނިން ދަތުރު ކުރި 11 ގެސްޓުން ވަނީ އެސަރަހައްދުން ދަތުރުކުރަމުން ދިޔަ "ނޯޓިޕްލަސް1" ނަމަކަށް ކިޔާ ސަފާރީއަކަށް ނަގައިފަ އެވެ.