ކުއަރިއަށް އޮތް ސީޒަނަށް ތައްޔާރު ވުމުގެ ގޮތުން އާސެނަލްގެ ސްކޮޑް ވަރުގަދަ ކުރުމަށްޓަކައި ބޮޑު އަގުގައި ކުޅުންތެރިން ކުޅުންތެރިން ހޯދަން ތައްޔާރަށް އޮތްކަމަށް އާސެނަލްގެ ޗީފް އެގްޒެކެޓިވް އިވާން ގާޒިޑީސް ބުނެފި އެވެ.

ކުރިއަށް އޮތް ސީޒަނަށް ކުޅުންތެރިން ހޯދާއިރު އެއް ކުޅުންތެރިއެއްގެ ޓްރާންސްފާ ފީއަށް 20 މިލިޔަން ޕައުންޑު ހަރަދު ކޮށްފާނަންތޯ ސުވާލު ކުރުމުން ގާޒިޑީސް ބުނީ "ހަމަ ޔަގީން. އެއަށްވުރެ ބޮޑު ފީއެއް ދީފައިވެސް ކުޅުންތެރިން ހޯދިދާނެ" ކަމަށެވެ.

ގަޒިޑީސް ބުނީ ކުޅުންތެރިން ހޯދާނީ ކުލަބުގެ ކޯޗު ވެންގާ ކަމަށާއި އަދި އޭނާ ބޭނުން ކޮންމެ ކުޅުންތެރިއެއް ކުލަބަށް ގެނެސްދިނުމަށް މެނޭޖްމަންޓު އޮތީ ތައްޔާރަށް ކަމަށެވެ.

"އާސީންއަށް ރަނގަޅު ކުޅުންތެރިން ގެނެސްދޭން މި ތިބީ ތައްޔާރަށް. އޭނާއަކީ ކުޅުންތެރިންގެ އަގަށާއި މަޝްހޫރު ކަމަށް ބަލާ މީހެއް ނޫން. އޭނާ ބަލާނީ، އެކުޅުންތެރިން ދަނޑުމަތީގައި ޕާފޯމް ކުރާ މިންވަރަށް،" ގާޒިޑިސް ބުންޏެވެ.

އާސެނަލްގެ މެނޭޖްމަންޓުން ޗެކުފޮތް ހުޅުވާލަން ތައްޔާރަށް އޮތްއިރު އެކުލަބުން ވަނީ، މެންޗެސްޓާ ޔުނައިޓެޑްގެ އިނގިރޭސި ފޯވަޑް ވޭން ރޫނީއާއި، ރެއާލް މެޑްރިޑްގެ އާޖެންޓީނާ ފޯވަޑް ގޮންޒާލޯ ހިގުއާއިން ހޯދުމަށް މަސައްކަތް ފަށާފަ އެވެ.

ފުޓްބޯޅައިގެ މާލީ ހިސާބުތައް ބަލަހައްޓާ ފާމްއެއް ކަމަށްވާ ޑެލޮއިޓްގެ 2013 ވަނަ އަހަރުގެ އަހަރީ ރިވިއުގައި ފާހަގަ ކޮށްފައި ވާގޮތުން އިނގިރޭސިވިލާތުގެ ފުޓްބޯޅަ ކުލަބުތަކުގެ ތެރެއިން 2011-12ގެ ފުޓްބޯޅަ ސީޒަންގައި މެންޗެސްޓާ ޔުނައިޓެޑާއި، ޗެލްސީ ފިޔަވައި އެންމެ ރަނގަޅު އާމްދަނީއެއް ހޯދާފައި ވަނީ އާސެނަލްއިން ނެވެ. އެގޮތުން އާސެނަލްއިން ވަނީ، މިދިޔަ އަހަރުގެ ނޮވެމްބަރުގައި އެމިރޭޓްސް އެއާލައިންއާއެކު 150 މިލިޔަން ޕައުންޑުގެ ސްޕޮންސާޝިޕެއްގައި ސޮއިކުރުމުގެ އިތުރުން، ސެސް ފެބްރިގާސްއާއި، ސާމިރު ނަސްރީ އަދި ރޮބިން ވެންޕާސީ ވިއްކާލައިގެން 73 މިލިޔަން ޕައުންޑު ހޯދާފަ އެވެ.

ގާޒިޑީސް ބުނީ އަންނަ ސީޒަނަށް ކުލަބު ތައްޔާރު ވުމަށް ހަރަދު ކުރާނޭ ފައިސާ ކުލަބުގެ ރިޒާވްގައި މިހާރު އެބަހުރި ކަމަށާއި އަދި ފައިސާ އިތުރަށް ހޯދޭނޭ ގޮތްތައްވެސް ކުލަބުގެ ބޯޑުން ހޯދާފައިވާ ކަމަށެވެ.