ރައީސް މުހައްމަދު ވަހީދުގެ ސަރުކާރަށް ދެން ކޯލިޝަންގެ ތެެރެއިން އެންމެން ގޮވައިގެން އުޅުމުގެ ގާނޫނީ ހައިސިއްޔަތު އަދި އެ ވާހަކަތައް ދެއްކުމުގެ ގާނޫނީ ހަސިއްޔަތު ގެއްލިގެން ހިނގައްޖެ ކަމުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންގް މޭޓް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓަރުގެ ނާއިބު މުހަންމަދު މަލީހު ޖަމާލާއި އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ގައުމީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ އަމީން މަގާމުން ވަކިކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ގުޅިގެން ސަން އަށް ދެއްވި އިންޓަވިއެއްގަ އެވެ.

ޖަމީލް ވިދާޅުވީ އަމީނާއި މަލީހަކީ ރާއްޖޭގެ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އަގު ހުރި ހިދުމަތްތައް ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްދެއްވި ދެ ބޭފުޅުން ކަމަށާއި ވަކި ޕާޓީއަކަށް އެ ބޭފުޅުން ނިސްބަތްވެވަޑައި ގަންނަވައިގެން އެ ދެ ބޭފުޅުން މަގާމުތަކުން ވަކިކުރުމުން ދޭހަވަނީ މިސަރުކާރަށް ކޯލިޝަންގެ ވާހަކަތައް ދެއްކުމުގެ އެއްވެސް ހުއްޖަތެއް ނެތް ކަމަށެވެ.

"ސަރުކާރުގެ ތެރެއިން މަގާމުތަކަށް އަދި އެކިއެކި ހައިސިއްޔަތު ދެވުނީ އެބޭބޭފުޅުން ކޮށްފައި ހުރި މަސައްކަތްތަކާއި އެބޭފުޅުންގެ ގާބިލިއްޔަތު ކަމުގެ މައްޗަށް ބިނާކޮށް، އަދި ވަކި ޕާޓީއަކުން އެމާމުތަކަކީ ތިމަންމާމެންގެ އެއްޗެކޭ ބުނެވޭނެ ކަމަކަށް ވެސް ނުދެކެން. އެގޮތަކަށް ނޫން މަގާމުތައް ދެވިފައި ހުރީއަކީ، ވަކިން ހާއްސަކޮށް އިންތިހާބެއް ބޯވަތިވެފައި އޮއްވައި މިގޮތަށް މީހުން ދުރުކޮށްލުމުން ދޭހަވަނީ ކޯލިޝަންގެ ވާހަކަތައް ރައީސް ވަހީދުގެ ސަރުކާރަށް އެއްވެސް ހުއްޖަތެއް ނެތް ކަން،" ޑރ. ޖަމީލް ވިދާޅުވި އެވެ.

ޖަމީލް ވިދާޅުވީ މީސްމީހުންނަށް މަގާމްތައް ދިނުމުގައާއި މަގާމުތަކުން ވަކިކުރުމުގައި ވަކި ސިޔާސީ ފިކުރަކަށް ބަލައިގެން ކަންކަން ކުރުމަކީ ގައުމުގެ ހަމަޖެހުމަށް ޓަކައި އަދި ގައުމީ މަސްލަހަތަށް މަސައްކަތް ކުރާނެ އެއްވެސް ސިޔާސީ ލީޑަރަކު ކުރާނެ ކަމެއް ނޫން ކަމަށް ކަމަށެވެ. އެގޮތަށް ކަންތައްތައް ކުރުމުގެ ގެއްލުން ގައުމަށާއި ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހަށް ލިބިގެންދާނެ ކަމަށް ދެކެވަޑައިގެންނަވާ ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ.

އަމީން އާއި މަލީހު ސަރުކާރުގައި ތިއްބެވި މަގާމުން ވަކިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަށް ލިއުއްވާފައިވާ ކަމަށާއި އެ ދެ ބޭފުޅުން މަގާމުން ވަކިކުރެއްވުމަށް ހުށަހެޅުއްވީ ގައުމީ ޕާޓީން ރައީސް ޑރ. ވަހީދާ އެކު ކޯލިޝަން ހެދުމަށް ނިންމާފައި ނިންމުމަށް އަމަލު ކުރެއްވުމަށް އެ ބޭފުޅުންނަށް އެކަށީގެންވާ ވަގުތު ދެއްވުމަށް ފަހު، އެ ބޭފުޅުން އެ މަގުން މަސައްކަތް ކުރެއްވުމަށް ބޭނުން ފުޅުނުވުމުން ކަމަށް ގައުމީ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާގެ ޕޮލިޓިކަލް އެޑްވައިޒަރު ޑރ. ހަސަން ސައީދު ވަނީ ވިދާޅުވެފަ އެވެ.