ބޭންކް އޮފް މޯލްޑިވްސް އިން ދޫކޮށްފައިވާ ވިސާ ޑެބިޓް ކާޑް މެދުވެރިކޮށް މަހަކު 10 މިލިއަން ޑޮލަރު ޕާޗޭސް ކުރާ ކަމަށް އެ ބޭންކުން ރޭ ބުނެފި އެވެ.


ސަރުކާރާއި ރައްޔިތުން ބައިވެރިވާ ވިޔަފާރި ބޭންކްގެ ހެޑް އޮފް ކާޑް ސެންޓާ މުހަންމަދު ޝަރީފު ރޭ ވިދާޅުވީ ބޭންކުން ދޫކޮށްފައިވާ ލައްކައެއްހާ ވިސާ ޑެބިޓް ކާޑް މެދުވެރިކޮށް ގިނައިން ޑޮލަރު ނަގަނީ ބިދޭސީން ނޫން ކަމަށާއި ނަމަވެސް "މުޅި އާއިލާގެ ނަމުގައި ކާޑުހައްދައިގެން" ވިޔަފާރި އުސޫލުން ކާޑުން ފައިސާ ނަގާ ކަމަށެވެ.


އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވި ބީއެމްއެލްގެ އެނުއަލް ޖެނެރަލް މީޓިންގައި ޗެއާމަން އާދަމް އިބްރާހީމް ވިދާޅުވީ ވިސާ ޑެބިޓް ކާޑް މެދުވެރިކޮށް ޕާޗޭސް ކުރާ ޑޮލަރުގެ އިތުރަށް ބޭންކްގެ ކައުންޓަރުތަކުން ވެސް މަހަކު ހަތަރު މިލިއަން ޑޮލަރު ވިއްކާ ކަމަށެވެ.


ދިވެހި ބޭންކުން އަލަށް ކަނޑައެޅި ގަވައިދުގައިވާ ގޮތުން މާދަމައިން ފެށިގެން ވިސާ ޑެބިޓް ކާޑް ދޫކުރަނީ އެ ބޭންކްގައި ޑޮލަރު އެކައުންޓެއް އޮންނަ ފަރާތަކަށް ނުވަތަ މީހަކަށެވެ. އަދި ކާޑުން ޑޮލަރު ނެގެނީ އެކައުންޓްގައި ޑޮލަރު ހުރި މިންވަރަކަށެވެ.


ރާއްޖެ އިން ބޭރުގައި ކިޔާވާ ކުދިންނަށް އެ ނިންމެވުމުގެ ސަބަބުން ދަތިތަކެއް ކުރިމަތިވާނެ ނޫންތޯ އާއި ބޭންކުން ދިވެހިންނަށް ހާއްސަ ގޮތެއް ކަނޑައަޅުއްވައިގެން ވެސް އެކަން ބަދަލު ކުރެވިދާނެ ގޮތެއް އޮތްތޯ ހިއްސާދާރަކު ކުރި ސުވާލެއްގެ ޖަވާބުގައި ބޭންކުން ބުނީ، އެކަން ބަދަލު ކުރެއްވެން ނެތް ކަމަށާއި "ގޭގައި ތިއްބަވާ ހުރިހާ ބޭފުޅުންގެ ނަމުގައި ކާޑު ހައްދަވައިގެން ވިޔަފާރި އުސޫލުން" ޑޮލަރު ނަގާ ކަމަށެވެ.


ނަމަވެސް ބޭންކުން ބުނީ މިހާރު ދޫކޮށްފައިވާ ކާޑުތަކުގެ މުއްދަތު ހަމަވަންދެން މިހާރެކޭ ވެސް އެއްގޮތަށް ޑޮލަރު ނެގޭނެ ކަމަށެވެ.


ބޭންކުން ބުނެފައިވާ ގޮތުގައި މިހާރު ޑެބިޓް ކާޑް މެދުވެރިކޮށް ނެގޭނީ ދުވާލަކު ގިނަވެގެން 600 ޑޮލަރެވެ. އެއީ އޭޓީއެމްތަކުން 200 ޑޮލަރާއި ޕޮއިންޓް އޮފް ސޭލްސް ޓާމިނަލްތަކުން 400 ޑޮލަރެވެ.