08 Jun 2013, 12:36
ޑަޔަލިސިސް ހެދުމަށް ހުޅުމާލޭ ހޮސްޕިޓަލުން ނަގަމުން ދިޔަ އަގު 400ރ. އަށް ކުޑަކޮށްފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ހުޅުމާލޭ ހޮސްޕިޓަލް ހިންގުމާ ހަވާލުވެ ހުންނެވި ނާހިދާ ހަމީދު މިއަދު ވިދާޅުވީ 1،000ރ. އަށް ހަދަމުންދިޔަ ޑަޔަލިސިސްގެ އަގު 400ރ. އަށް ކުޑަކުރީ މިދިޔަ ހަފްތާގެ ތެރޭގައި ކަމަށެވެ.
ޑަޔަލިސިސްގެ އަގު ހުޅުމާލޭ ހޮސްޕިޓަލުން 400ރ. އަށް ކުޑަކޮށްފައި ވަނީ އޭގެ އަގު ބޮޑުކުރުމުން އާންމުންގެ ގިނަ ބަޔަކު އެކަމާ ނުރުހުން ފާޅުކޮށް ޝަކުވާ ކޮށްފައި ވަނިކޮށެވެ.
އައިޖީއެމްއެޗްގައި ވެސް ޑަޔަލިސިސް ހަދައިދޭނީ 400ރ. އަށެވެ. ނަމަވެސް އެތަނުން ޑަޔަލިސިސް ހަދައިދޭ އަގު ބޮޑުކޮށްފައިވާ ބައެއް ފަރާތްތަކުން ދައްކަމުން ގެންދިޔަ ވާހަކަތައް އެންސްޕާއިން ވަނީ ދޮގުކޮށްފަ އެވެ.
އެންސްޕާ ހިންގެވުމާ ހަވާލުވެ ހުންނެވި ސްޓޭޓް މިނިސްޓަރު ފޯ ހެލްތު ތޯރިގް އަލީ ލުތުފީ ވިދާޅުވީ އައިޖީއެމްއެޗުން ޑަޔަލިސިސް މިހާރު ވެސް ހަދައިދެނީ 2011 ވަނަ އަހަރުން ފެށިގެން ނަގާ އަގުގައި ކަމަށެވެ. އަދި އެ އަގަށް ބަދަލު ގެނައުމުގެ ހުއްދަ ދެން ނުދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އާސަންދަ ފެށުމާގުޅިގެން ޑަޔަލިސިސް ހަދައިދިނުމަށް އައިޖީއެމްއެޗުން އެންމެ ފުރަތަމަ ހުށަހަޅާފައި ވަނީ 5،700ރ. އަށް ކަމަށެވެ. ނަމަވެސް އެ އަގަށް އެންސްޕާ އިން އެއްބަސްނުވުމުން އެކި އަގުތަކަށް ކުޑަކުރަމުން ގޮސް އެންމެ ފަހުން އެއްބަސްވީ 400ރ. އަށް ޑަޔަލިސިސް ހަދައިދިނުމަށް ކަމަށް ތޯރިގު ވިދާޅުވި އެވެ.
އޭޑީކޭ އާއި ހުޅުމާލެ ހޮސްޕިޓަލުން ޑަޔަލިސިސް ހަދާ ފަރާތްތަކަށް އާސަންދައިން 1،000 ކަވަރުކޮށްދޭނެ ކަމަށް ވެސް ތޯރިގު ވިދަޅުވި އެވެ.