ގއ. ދެއްވަދޫ ބަނދަރު ހެދުމުގެ މަސައްކަތް ހުއްޓިފައިވާތީ އެ ރަށު ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ ކައުންސިލް އިދާރާ ބަންދުކޮށްފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ދެއްވަދޫ ކައުންސިލްގެ ރައީސް އަހްމަދު ޒާހިރު މިއަދު ވިދާޅުވީ ބަނދަރު ހެދުމުގެ މަސައްކަތް ހުއްޓިފައިވާތީ އެކަމާ ހިތްހަމަނުޖެހިގެން ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ ކައުންސިލް އިދާރާ ބަންދު ކުރީ އިއްޔެ ހަވީރު 5:15 އެހައިކަންހާއިރު ކަމަށެވެ.

އޭނާ ވިދާޅުވީ އެ ރަށު ބަނދަރު ހެދުމުގެ މަސައްކަތް އައިމާ ކޮންސްޓްރަކްޝަނާއި ހަވާލު ކޮށްފައި ވަނީ 2011 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ކަމަށާއި ނަމަވެސް 300 ފޫޓުގެ ސަރަހައްދެއްގައި ޕެނަލް ޖެހުން ފިޔަވައި އިތުރު އެއްވެސް ކަމެއް ކުރެވިފައި ނުވާކަށެވެ.

އައިމާ ކޮންސްޓްރަކްޝަންގެ އިސް އޮފިޝަލަކު ވިދާޅުވީ ސަރުކާރުން ދިން މުއްދަތުގައި އެ މަސައްކަތް ކުރެވިފައި ނުވަނީ ބޮޑު ހިލަޔައި ހިލަވެލި ނުލިބިގެން ކަމަށެވެ.

ހިލަނުލިބިގެން ބަނދަރުގެ މަސައްކަތް ހުއްޓިފައި ވާތީ އެކަމުގައި ދެން އަމަލުކުރާނެ ގޮތަކާ މެދު ސަރުކާރާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.