މޫސުމް ގޯސްވެ ރާއްޖޭ އަށް މިހާރު ކުރަމުންދާ ގަދަ ވިއްސާރާގައި ޅ. ކުރެންދޫގައި ހުރި 500 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ބޮޑު ނިކަގަސް ރޭ ވެއްޓި ބިމާ ހަމަވެއްޖެ އެވެ.

ކުރެންދޫ ކައުންސިލް އިދާރާގެ އިސް އޮފިޝަލު ސަންއޮންލައިނާ ވާހަކަ ދައްކަމުން މިއަދު ވިދާޅުވީ، ރޭ ވެއްޓި ބިމާ ހަމަވި ނިކަގަހަކީ 500 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ބޮޑު ނިކަގަހެއް ކަމަށާއި މީގެ ދުވަސް ކުޅެއް ކުރިން އެ ނިކަގަހުގެ އެއް ބައި ވަނީ އެސަރަހައްދު ގިރުމުގެ ސަބަބުން ވެއްޓި ވެފައި ކަމަށެވެ.

"މިއީ 500 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ނިކަގަހެއް. ގަސް ވެއްޓިފައި ވަނީ ރޭގެ ވަގުތެއްގައި. މީގެ ކުރިން ވެސް އެގަހުގެ ބޮޑު ބައެއް ވަނީ ވެއްޓިފައި. އެބައި ވެއްޓުނީ އެސަރަހައްދުގެ ބޮޑު ބައެއް ގިރާލައިފައި ވުމުން،" އޮފިޝަލް ވިދާޅުވި އެވެ.

މިދުވަސްވަރަކީ ރާއްޖެއަށް މޫސުމް ގޯސްވެ ވިއްސާރަ، އަދި ކަނޑުގަދަ ދުވަސްވަރަކަށް ވެފައި ރާއްޖޭގެ އެކިހިސާބުތަކަށް ވިއްސާރަކުރަމުންދާތީ ހިކިފަސްތަންތާގައި ތިބެ ފުރައިގެން ނުދިއުމަށާއި މޫސުމަށް ހާއްސަ ސަމާލުކަމެއްދީ، މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތުތައް ހޯއްދައިގެން ދަތުރުފަތުރު ކުރުމަށް ކޯސްޓްގާޑުން އިލްތިމާސްކުރެ އެވެ.