މާލެއަށް މޫސުން ގޯސްވެ، އާދަޔާ ހިލާފަށް ވައި ބާރުވުމުން މިހާރު ބާއްވަން ފަށާފައިވާ ނައިޓްމާކެޓް މިރޭ ވެސް ނުބާއްވާނެ ކަމަށާއި ދެން ނައިޓް މާކެޓް ބާއްވާނީ މާދަމާ ރެއިން ފެށިގެން ކަމަށް އެ ބާޒާރު އިންތިޒާމް ކުރާ ގޯ މީޑީއާ މޯލްޑިވްސް އިން ބުނެފި އެވެ.

ގޯ މީޑީއާ މޯލްޑިވްސްގެ ޖެނެރަލް މެނޭޖާ އިބްރާހިމް އާމިރު "ސަން"އަށް ވިދާޅުވީ މެޓް އޮފީހުން ކުރި އިލްތިމާސާ އެކު ރެ އާއި މިރޭގެ މާކެޓް ކެންސަލް ކޮށްފައިވާ ކަމަށާއި އަދި ދެން ނައިޓް މާކެޓް ފެށުމަށް ނިންމާފައި ވަނީ މާދަމާ ރެއިން ފެށިގެން ކަމަށެވެ.

ވިއްސާރައިގެ ސަބަބުން އެމާކެޓް ބޭއްވުމަށް ބޮޑެތި ދަތިތަކެއް ކުރިަތިވި ނަމަވެސް މާކެޓުގައި މޭޒްތައް ބަހައްޓާފައިވާ ފަރާތްތަކުގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބިގެންދާ ކަމަށާއި އަދި އެފަރާތަކުގެ މުދާތަކަށް ވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށް އާމިރު ވިދާޅުވި އެވެ.

"އަސްލު ވިޔަފާރިވެރިން ތައްޔާރު މިކަމަށް، ވަޔާ އެއްޗެއް އެއްލާލިޔަސް އަނެއްކާ އޭތި ނަގައިގެން ގެނެސް ހަދާ، އެބޭފުޅުން ވަރަށް ތައްޔާރުވެފައިތިބީ މިކަމަށް،" އާމިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް އެމާކެޓް ކުރިން ބޭއްވުމަށް ނިންމާފައިވީ ނަމަވެސް ވިއްސާރަވެގެން މާކެޓް ނުބޭއްވޭ ކޮންމެ ރެއެއްގެ ބަދަލުގައި އިތުރު ރެއަކު އެ ނައިޓް މާކެޓް ބާއްވާނެ ކަމަށެވެ.

ނައިޓް މާކެޓް މާދަމާ ރެއާ ހަމައަށް ކެންސަލްކޮށްފައިވާ އިރު ވިއްސާރު ވުމުގެ ސަބަބުން އެ ސަރަހައްދުގެ މޭޒުތަކަށް ދޫކޮށްފައިވާ ޓެންޓުތަކެއް ގަދަވަޔާ އެކު ހަލާކު ވެސް ވެފައިވެ އެވެ. އަދި މިހާރު ވެސް މާލެޔަށް ވަރަށް ބާރަށް ދަނީ ވައި ޖެހެމުންނެވެ.