ދ. ބަނޑިދޫ އިރުމަތީ ފަރާތުގައި އޮންނަ ފަރަކަށް ކަންނެލި ދޯންޏެއް އަރައިފި އެވެ.

މިހާރު ކުރަމުންދާ ގަދަވިއްސާރައިގައި "ކުރިމަގު" ނަމަކަށް ކިޔާ ދޯނި އިއްޔެ މެންދުރު ފަހު 1:30 އެހާކަންހާއިރު ބަނޑިދޫ ފަޅުބޭރުގައި އަޅާފައި އޮތްވައި ނަނގިލި ކަހާލައިގެން ގޮސްގެން ކަމަށާއި ދޯނި އެރީ އެ ހިސާބުގައި އޮންނަ ކަންނެތްފަރަށް ކަމަށް އެ ދޯނީގެ ވެރިފަރާތުން ބުންޏެވެ.

އެ ދޯންޏަކީ ބަނޑިދޫ ފެމޯރާގޭ އިހްސާނު ގާސިމުގެ ދޯންޏެކެވެ.

"ގަދައިރު ބަނޑިދޫ ފަޅުތެރޭގައި ދޯނި ނުބޭއްވޭތީ ފަޅުބޭރުގައި އަޅާފައި އޮއްވައި ނަގިލި ކަހާލައިގެން ގޮސްގެން ދޯނި ފަރަށް އެރީ. އެ ދޯނި އަރާފައި އޮތީ ކަންނެތްފަރު ފަރަށް،" ދޯނީގެ ވެރިފަރާތުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

އޭނާ ބުނީ އިއްޔެ އެމްއެންޑީއެފަށް އެ މައުލޫމާތު ދީފައިވާ އިރު މިހާތަނަށް އައިރު ވެސް އެއްވެސް އެހީތެރިކަމެއް ނުލިބޭ ކަމަށާއި ދޯނި އަދިވެސް އޮތީ ފަރުމަތީގައި ކަމަށެވެ.

ފަރަށް އެރުމާގުޅިގެން 68 ފޫޓުގެ އެ ދޯންޏަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ އިރު ރަށުގެ މީހުން ނިކުމެ ދޯނި ފުން ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ދޯނީގެ ވެރިފަރާތުން ވަނީ ބުނެފަ އެވެ.