08 Jun 2013, 10:25
ސެންޓާމޮނިކާ (ޖޫން 08): އެމެރިކާގެ ކެލިފޯނިޔާ ސްޓޭޓްގެ ސެންޓާމޮނިކާ ސިޓީގައި ހިންގި ބަޑީގެ ޙަމަލާތަކެއްގައި ހަ މީހަކު މަރުވެ އިތުރު ބަޔަކު ޒަޚަމްވެއްޖެ އެވެ.
ބަޑީގެ މިޙަމަލާތައް ދޭން ފުރަތަމަ ފަށާފައިވަނީސެންޓާމޮނިކާ ގެ ގެއެއްގަ އެވެ. ގެއެއްގައި ފެށުނު ބަޑީގެ ޙަމަލާތައް ފުޅާވެގެން ދިޔުމަށް ފަހު މިޙަމަލާތައް ނިމިގެން ގޮސްފައި ވަނީ އެރަށުގައި ހުންނަ ސެންޓާމޮނިކާ ފެކަލްޓީގެ ތެރޭގަ އެވެ. ސެންޓާމޮނިކާ ގެ ގެއެއްގައި ފުރަތަމަ ބަޑިން ޙަމަލާދިންކަމަށް ވަނީ ވަޒަންނާރާ ވައްތަރުގެ ޖެކެޓެއް ލައިގެން ބަޑިއެއް ހިފައިގެން ހުރި 28 އަހަރުގެ ޒުވާނެކެވެ. އޭނާ އެގޭގައި ދިން ޙަމަލާތަކުގައި ދެމީހަކު މަރާލާފައިވެ އެވެ. އަދި ބަޑިޖަހަމުން އެގެއިން ނުކުމެންގެން ހަތިޔާރުއެޅި މީހާ ދިޔަކަމަށް ވަނީ ސެންޓާމޮނިކާ ފެކަލްޓީއަށެވެ. އެތަނަށް ދިޔަ މަގުމަތީގައި އޭނާ މަތަކުރުމަށް ޓަކައި ފުލުހުން އެމީހާގެ ގަޔަށް ބަޑިޖެހި ނަމަވެސް އޭނާ ވަނީ މަރުވުމުގެ ކުރިން ސެންޓާމޮނިކާ ފެކަލްޓީގެ ތެރެއަށް ވަދެ އެތާނގައި ތިބި ދަރިވަރުންނަށް ބަޑިން ޙަމަލާދީ އިތުރު ދެ މީހަކު މަރާލާފަ އެވެ. ނަމަވެސް ފުލުހުންގެ ބަޑީގެ ޙަމަލާގައި އެންމެފަހުން ހަތިޔާރުއެޅި މީހާ ވަނީ މަރުވެފަ އެވެ.
މިޙަމަލާތައް ސެންޓާމޮނިކާ ފެކަލްޓީގެ ކައިރީގައި ކުރިޔަށްދިޔަ އިރު ހިލޭ ސާބަހަށް މަސައްކަތްކުރާ ޗެރިޓީ ޖަމްޢިއްޔާއަކުން އެތަނާ ދެތިން ކިލޯމީޓަރު ދުރުގައި ކުރިޔަށްގެން ދިޔަ ފަންޑްރައިސިންގް ޙަރަކާތްތަކެއްގައި އެމެރިކާގެ ރައީސް ބަރަކް އޮބާމާއާއި އޭނާގެ ޢާއިލާއާ ބައިވެރިވެވަޑައިގަންނަވަމުން ގެންދެވި އެވެ. ނަމަވެސް ބަޑިޖެހުމުގެ މިޙާދިސާއާއި އޮބާމާ އަށް ގޯނާކުރުމާ ގުޅުމެއްވާކަން ނުވަތަ ނޫންކަން އެނގިފައިނުވާ ކަމަށް ޚަބަރު ލިބެ އެވެ. (ނޫސްއެޖެންސީތައް)