08 Jun 2013, 10:16
ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން މިމަހުގެ ހަވަނަ ދުވަހު އިއުލާނު ކުރި "ކޮކާކޯލާ ވޯލްޑް ރޭންކިން" ލިސްޓުން ދިވެހި ރާއްޖެއަށް ދެ ދަރަޖައިގެ ކުރިއެރުމެއް ލިބިއްޖެ އެވެ. ނަމަވެސް ރާއްޖެ އަދިވެސް އޮތީ ސާކް ސަރަހައްދުގެ ހަތަރު ވަނައިގަ އެވެ.
ދުނިޔޭގެ ރޭންކިންގައި ރާއްޖެ އޮތީ 157 ވަނަ މަގާމްގައެވެ.
ފީފާއިން މިދިޔަ ބުރާސްފަތި ދުވަހު އިއުލާން ކުރި މިމަހުގެ ރޭންކިން ލިސްޓަށް ބަލާއިރު ސަރަހައްދުގެ އެއް ވަނަ މާމްގައި އޮތީ އަފްގާނިސްތާން އެވެ. ދުނިޔޭގެ ރޭންކިންގައި އަފްގާނިސްތާން އޮތީ 140 ވަނަ މަގާމްގަ އެވެ.
ރޭންކިންގައި އިންޑިއާ ވެސް ވަނީ ތިން ޖަރަޖައިގެ ކުރިއެރުމެއް ހޯދާފަ އެވެ. އަދި ސަރަހައްދުގެ ދެވަނައިގައި އިންޑިޔާ އޮތްއިރު ދުނިޔޭގެ ރޭންކިންގައި އިންޑިއާ އޮތީ 147 ވަނައިގަ އެވެ.
ސަރަހައްދުގެ ތިން ވަނައިގައި ދެ ދަރަޖައިގެ ކުރިއެރުމެއް ހޯދައިގެން އޮތީ ބަންގްލަދޭޝް އެވެ. އަދި ދުނިޔޭގެ ރޭންކިންގައި ބަންގްލަދޭޝް އޮތީ 152 ވަނައިގަ އެވެ.
ރާއްޖޭގެ ފަހަތުން ސަރަހައްދުގެ ފަސް ވަނައިގައި އޮތީ ޕާކިސްތާނެވެ. ދުނިޔޭގެ ރޭންކިންގައި ޕާކިސްތާން އޮތީ 168 ވަނަ މަގާމްގައެވެ. ސަރަހައްދުގެ ހަވަނަ މަގާމް ގައި އޮތީ ނޭޕާލެވެ. މިފަހަރުގެ ރޭންކިން އިން އެއްވެސް ކުރިއެރުމެއް ނުލިބުނު ނޭޕާލް ދުނިޔޭގެ ރޭންކިންގައި އޮތީ 171 ވަނައިގަ އެވެ. ސްރީ ލަންކާ ވަނީ ދެ ދަރަޖައިގެ ކުރިއެރުމަކާއެކު ދުނިޔޭގެ ރޭންކިންގެ 172 ވަނަ މަގާމަށް ކުރިއަށް ޖެހިލައިފަ އެވެ.
ސަރަހައްދުގެ ފުލުގައި އަދި ވެސް އޮތީ ޕޮއިންޓެއް އަދި ކުރިއެރުމެއް ވެސް ލިބިފައިނުވާ ބޫޓާނެވެ. އެ ގައުމު އޮތީ ދުނިޔޭގެ 207 ވަނައިގަ އެވެ.