ލޯކަލް ކައުންސިލް އިންތިހާބުތަކުގެ ދާއިމީ ނަތީޖާ އިއްލާންކުރާ ދުވަހުން ފެށިގެން 14 ދުވަހުގެ ތެރޭގައި، އެމްޑީޕީގެ ކޮންގްރެސް އިން އިންތިހާބު ކުރުމަށް ކަނޑައަޅާފައިވާ މަގާމުތަކަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާ ލުމަށް، ގަރާރެއް ފާސްކޮސްފި އެވެ.


މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ރޭގެ ނިޔަލަށް ދަރުބާރު ގޭގައި ކުރިއަށް ދިޔަ އެމްޑީޕީ ކޮންގްރެސްގެ މިއަދު މެންދުރު ފަހުގެ ދަންފަޅީގައި ގައުމީ މަޖިލީހުގެ މެންބަރު އަސްލަމް މުހައްމަދު ޝާކިރުގެ ތާއީދާ އެކު ގައުމީ މަޖިލީހުގެ އެހެން މެންބަރެއް ކަމަށްވާ ފުރަހަނި ޝުއައިބު އަލީ ހުށަހެޅި މި ގަރާރުގައި ބުނެފައި ވަނީ، އެގޮތަށް ހަމަޖައްސަން ޖެހެނީ، އަސާސީ ގަވާއިދުގައި ބުނެފައިވާ މުއްދަތުތައް ދީގެން އެ މަގާމުތަކަށް ކުރިމަތި ލުމާއި ކެމްޕޭން ކުރުމާއި އެހެނިހެން ކަންކަން ކުރުމަކީ، ދެވަނަ ކޮންގްރެސްގައި ކުރެވޭނެ ކަމަކަށް ނުވާތީ ކަމަށެވެ. އަދި މި އިންތިހާބުގެ އެންމެހައި ކަންތައްތައް ރާވައި ހިންގާނީ ޕާޓީގެ އިންތިހާބީ ކޮމިޓީން ކަމަށް ވެސް އެ ގަރާރުގައި ބުނެފައިވެ އެވެ.


ގަރާރުގައި ވާގޮތުން، އެ މަގާމުތަކަށް މީހުން އިންތިހާބުކޮށް ނިމެންދެން ކުރިއަށް ދާނީ ޕާޓީގެ އިންތިގާލީ މަރުހަލާ އެވެ. އަދި އަސާސީ ގަވާއިދުގެ ދަށުން އިންތިހާބު ވެފައި އޮތް އިސްލާމް ދީނުގެ މަޝްވަރާ މަޖިލީހުގެ މެންބަރުން އިންތިގާލީ މަރުހަލާ ނިމެންދެން އެ މަގާމުގައި ދެމިތިބޭނެ ކަމަށާއި، ކޮންގްރެސްއިން އިއްޔެ އިސްލާހު ކުރި އަސާސީ ގަވާއިދަށް އަމަލުކުރަން ފަށާނީ މިމަހު 31ން ފެށިގެން ކަމަށް ވެސް އެ ގަރާތުގައި ބުނެ އެވެ.


އެމްޑީޕީ ކޮންގްރެސްގައި، ޕާޓީގެ ރައީސާއި ނާއިބު ރައީސްގެ މަގާމު އުވާލުމަށް ހުށަހެޅުނު ނަމަވެސް އެ އިސްލާހު ވަނީ ފެއިލްކޮށްލައިފަ އެވެ. ނަމަވެސް އާ މަގާމުތަކެއްގެ ގޮތުގައި، ޕާޓީގެ ޗެއާޕާސަންގެ ނާއިބު (މާލީ) އަދި ޗެއާޕާސަންގެ ނައިބު( އިދާރީ) މަގާމު އުފެއްދުމަށާއި ޕާޓީގެ ޕްރޮވިންސް ސެކްރެޓޭރިއެޓް އުފެއްދުމަށް ވަނީ ފާސްކޮށްފަ އެވެ. އެއާ އެކު ހުށަހެޅި 12 އިސްލާހުގެ ތެރެއިން އަށް އިސްލާހާ އެކު އިއްޔެ މެންދުރު ފަހުގެ ސެޝަންގައި ޕާޓީގެ އަސާސީ ގަވާއިދު ވަނީ ފާސްކޮށްފަ އެވެ.