18 Mar 2010, 14:11
19:00
ގިނަ އަދަދެއްގެ ގައިދީންތަކެއް ގޭ ބަންދަށް ދޫކޮށްލައިފައިވާ މައްސަލައާ ގުޅިގެން ހިއުމަންރައިޓްސް ކޮމިޝަނުން ޑީޕީއާރުއެސްއާ އެކު މަޝްވަރާކޮށްފި އެވެ.
ހިއުމަންރައިޓްސް ކޮމިޝަންގެ ނައިބު ރައީސް މުހައްމަދު ޒާހިދު މިއަދު ވިދާޅުވީ އެކަހަލަ މައްސަލަތައް ކުރިމަތިވާއިރު އަބަދުވެސް ޑީޕީއާރުއެސްއާ އެކު މަޝްވަރާ ކުރާ އުސޫލުން އަންގާރަ ދުވަހު ޑީޕީއާރުއެސްގެ އެންމެ އިސްވެރިޔާ މުހައްމަދު ރަޝީދާ ބައްދަލުކޮށް ގިނަ އަދަދެއްގެ ގައިދީންތަކެއް ގޭ ބަންދަށް ދޫކޮށްލުމާއި ގުޅިގެން މަޝްވަރާކޮށްފައިވާ ކަމަށް. އެހެންނަމަވެސް އެބައްދަލުވުމާއި ބެހޭ ތަފްސީލެއް ޒާހިދު ނުދެއްވަ އެވެ.
ނަމަވެސް މިކަމާ ގުޅިގެން ޑީޕީއާރުއެސްގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ގައިދީންގެ މައްސަލައިގައި ޑީޕީއާރުއެސްއާ އެކު ހިއުމަންރައިޓްސް ކޮމިޝަނުން މަޝްވަރާ އަކަށް މިދިޔައީ ހަވީރާއި ދި ޓީވީގެ މުވައްޒަފުންތަކަކަށް މިދިޔަ ހޯމަ ދުވަހު ބަޔަކު ހަމަލަ ދިންތާ އެއް ދުވަސް ފަހުންނެވެ.
ރަޝީދު އިއްޔެ ވިދާޅުވީ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދިޔަ 300 އާ ގާތްކުރާ އަދަދަކަށް ކުށްވެރިން ރިހެބިލިޓޭޝަން ޕްރޮގްރާމްގައި ބައިވެރިވެރި ވުމަށް ގެނެސްފައި ތިބިއިރު ބައެއް ގައިދީން ބޭސްފަރުވާއަށް ވެސް މާލެ ގެނެސްފައިވާ ކަމަށެވެ.
ގިނަ އަދަދެއްގެ ގައިދީންތަކެއް ގޭ ބަންދަށް މާލެ ގެނެސްފައި ވާއިރު އޭގެ ތެރެއިން ފަސް އަހަރުގެ ހުކުމެއް ޖަލުގައި ތަންފީޒު ކުރަމުންދާ ގދ. ނަޑައްލާ އަތަމާގޭ މުހައްމަދު ނާފިޒް (ޗިކާ) ދޫކޮށްލި ހަބަރު ބައެއް މީޑިއާތަކުން ކިޔައިގެން މީޑިއާގެ ބައެއް ފަރާތްތަކަށް ވަނީ ހަމަލަދީ މާރާމާރީ ވެސް ހިންގައިފަ އެވެ. ޗިކާ ގޭ ބަންދަށް ދޫކޮށްލީ ޑީޕީއާރުއެސްއިން ކުރާ ތަހުގީގަކަށް ކަމަށް އެތަނުން ބުނެފައިވީ ނަމަވެސް އެ ތަހުގީގުގެ މައުލޫމާތެއް ޑީޕީއާރުއެސްއިން ހާމަ ކޮށްފައެއް ނުވެ އެވެ.
ކުށްވެރިންގެ އަދަބުތައް ތަންފީޒު ނުކުރެވޭ މައްސަލައިގައި އަބަދުވެސް ސަރުކާރަށް ފާޑުކިޔަމުންދާ އެޗްއާރުސީން ވަނީ މިހަމަލާތަކާ ގުޅިގެން މިދިޔަ އަންގާރަ ދުވަހު ބަޔާނެއް ވެސް ނެރެފަ އެވެ. އަދި ކުށްވެރިންގެ ހުކުމް ތަންފީޒު ނުކޮށް، މުޖުތަމައަށް އަހުލުވެރިނުކޮށް މުޖުތަމައަށް ނެރޭ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ވެސް އެޗްއާރުސީން ވަނީ އެ ބަޔާނުގައި ގޮވާލައިފަ އެވެ.