ފްރެންޗް އޯޕަން ސެމީ ފައިނަލްގައި ދުނިޔޭގެ އެންމެ މޮޅު ޓެނިސް ކުޅުންތެރިޔާ ސާބިޔާގެ ނޯވަކް ޖޮކޮވިޗް ބަލިކޮށް ސްޕެއިންގެ ރަފަޔަލް ނަދާލް، އަށްވަނަ ފަހަރަށް އެ މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ފްރެންޗް އޯޕަން ޗެމްޕިއަންކަން 7 ފަހަރު ހޯދާފައިވާ ނަދާލް ސެމީ ފައިނަލްގައި ޖޮކޮވިޗް އަތުން މޮޅުވީ ހަތަރު ގަޑިއިރާއި 37 މިނިޓަށް ދިގުދެމިގެންދިޔަ މެޗުގައި 6-4، 3-6، 6-1، 6-7 (3-7) އަދި 9-7 ން ނެވެ.

އަނިޔާގެ ސަބަބުން ވޭތުވެދިޔަ ހަތް މަސް ދުވަހު ކުޅުމާ ދުރުގައި ހުރި ނަދާލްއަށް މިފަހަރުގެ ފައިނަލް މެޗަކީ އޭނާ މިދިޔަ އަހަރު، ރޯލެންޑް ގެރޮސްގައި ޖޮކޮވިޗް ބަލިކުރި މެޗަށްފަހު ވާދަކުރާ ފުރަތަމަ ފައިނަލެވެ.

"މިއީ އަހަންނަށް ވަރަށް ހާއްސަ މެޗެއް" ނަދާލް ބުންޏެވެ. "ނޯވަކްއަށް އަހަރެން މަރުހަބާ ކިޔަން. އޭނާއަކީ މޮޅު ޗެމްޕިއަން އެއް. އަހަންނަށް ޔަގީން އަދިވެސް އޭނާ ރޯލެންޑް ގެރޮސްގައި ޗެމްޕިއަންކަން ހޯދާނޭކަން"

ޖޮކޮވިޗް ބުނީ ސެމީ ފައިނަލްގައި އޭނާ ބަލިވީ ގަބޫލުކުރަންވެސް ދަތި ގޮތަކަށް ކަމަށާއި އެހެން ނަމަވެސް ނަދާލް އަކީ އަދިވެސް ހަމަ ޗެމްޕިއަން ކަމަށް އޭނާ ގަބޫލު ކުރާ ކަމަށެވެ. އެހެން ކަމުން ނަދާލް އަށް ވަރަށް ބޮޑަށް މަރުހަބާ ކިޔާ ކަމަށެވެ.

އާދިއްތަ ދުވަހު ކުޅެން ހަމަޖެހިފައިވާ ފްރެންޗް އޯޕަށް ފައިނަލުގައި ނަދާލްއާ ވާދަކުރާނީ، ދުނިޔޭގެ ފަސްވަނައަށް އެންމެ މޮޅު ޓެނިސް ކުޅުންތެރިޔާ ސްޕެއިންގެ ޑޭވިޑް ފެރާ އެވެ. ފެރާ ފައިނަލުން ޖާގަ ހޯދީ، ފްރާންސްގެ ޖޯ ވިލްފްރެޑް ސޮންގާ ބަލިކުރުމަށްފަހު އެވެ.