08 Jun 2013, 09:54
މާލޭ އާސަހަރާގައި މީހުން ވަޅުލުމަށް ޚާއްސަ ކޮށްފައި ހުރި ސަރަހައްދު ފުރިއްޖެ ކަމަށާއި މި މަސް ނިމެންވާ އިރު އެ ތަނަށް ކަޅު ފަސްއަޅާ ތަނުގެ ޖާގަ އިތުރު ނުކުރެވިއްޖެ ނަމަ އެ ސަހަރާގައި މީހުން ވަޅުލެވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.
މާލޭ ސިޓީ ކައުންސިލްގެ މޭޔަރު މައިޒާން އަލި މަނިކު މިއަދު ވިދާޅުވީ ސަރުކާރުގެ ކަމާ ގުޅޭ ފަރާތްތަކާ އެކު މަޝްވަތައް ބާއްވާ އެ މައްސަލަ ހައްލު ކުރެވޭތޯ އެކި ފަހަރުމަތީން މަސައްކަތް ކުރާތާ ގިނަ ދުވަސްތަކެއް ވެއްޖެ ކަމަށާއި ނަމަވެސް އަދި މިހާތަނަށް އެކަމަށް އެއްވެސް އަލިމަގެއް ފެނިފައި ނުވާ ކަމަށެވެ. އޭނާ ވިދާޅުވީ މިހާރަކަށް އައިސް ދުވާލެއްގެ މައްޗަށް އަށެއްކަ މީހުން މަރުވެގެން އެ ސަހަރާގައި ވަޅުލާން ޖެހޭ ކަމަށެވެ.
"....ދުވާލެއްގެ މައްޗަށް ފަސް މީހުން ހަ މީހުން ނުވަތަ އަށް މީހުން އެބަ މަރުވޭ. ދެން މިދާ ރޭޓުން ދާ ކަމަށްވާ ނަމަ މި މަހުގެ ނިޔަލަށް އާ ސަހަރާ އަށް ވެލި ނޭޅިއްޖެ ނަމަ އެ ސަހަރާގައި މީހުން ވަޅެއް ނުލެވޭނެ. އެހެންވީމަ ސަންދޯއްތައް ބަހައްޓަން ޖެހޭނީ މަގުމަތީގައި. ނޫނީ ވަޅުލާން ޖެހޭނީ ވެސް މަގުމަތީގައި. މިހާރަކަށް އައިސް މީހުން މަރުވާ އަދަދު ތަންކޮޅެއް އިތުރުވަމުން އަންނަ ކަމަށް އަޅުގަނޑުމެންނަށް އެބަ ފާހަގަ ކުރެވޭ. އަޅުގަނޑު މި ކަމުގައި އުޅޭތާ މިހާރު އަހަރަކަށް ވުރެ ގިނަ ވެއްޖެ މިހާރު،" އަލިބެ ވިދާޅުވި އެވެ.
އާ ސަހަރާ އަށް ކަޅުފަސް އަޅާ އެ ތަނުގެ ޖާގަ އިތުރު ކުރުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީން ހަވާލުކޮށްފައި ވާނީ ތިލަފުށީ ކޯޕަރޭޝަނާ ކަމަށް އެ މިނިސްޓްރީން ބުނެފައިވާ ކަމަށް ވެސް އަލިބެ ވިދާޅުވި އެވެ. ނަމަވެސް އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ރާއްޖޭގައި ނެތުމާއި އަދި ދެން ހުންނެވި ބޭފުޅާ އާލާސް ކަންފުޅާ އުޅުއްވާތީ ކަމަށް ބުނެ އެ ކޯޕަރޭޝަންގެ ބަހެއް އަދި މިހާތަނަށް ވަނީ ލިބޭގޮތެއް ނުވެފަ އެވެ.
އަލިބެ ވިދާޅުވީ އެ ކައުސިލުން ވެސް އެކި ތަންތަނުން ކަޅު ފަސް ހޯދައިގެން އެ މައްސަލަ ހައްލު ކުރެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށާއި ނަމަވެސް އެ މަސައްކަތުން އެކަން ހައްލު ނުކުރެވޭނެ ކަމަށެވެ. އަދި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި އޮންނަ ސަރުކާރުގެ މައްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގައި ވެސް މިދިޔަ ހަފްތާގެ ތެރޭގައި އެވާހަކަ ދައްކާފައި ވާނެ ކަމަށާއި ނަމަވެސް އޭގެ ފަހުން މިއަދާ ހަމައަށް ވެސް އެކަމަށް އެއްވެސް އަމަލީ ސިފައެއް އައިސްފާ ނުވާ ކަމަށެވެ.
އާ ސަހަރާ ފުރިގެން މަތި މައްޗަށް ފަސް އަޅަމުން މީހުން ވަޅުލަމުންދާތާ 15 ވަރަކަށް އަހަރު ވެއްޖެ ކަމަށްވެއް ކަމަށާއި އަދި އެންމެ ފުރަތަމަ މަހާނަ ތަކުގެ މައްޗަށް ވެލި އަޅައިގެން މީހުން ވަޅުލާން ފަށާފައި ވަނީ 2010ވަނަ އަހަރު ކަމަށް ވެސް މޭޔަރު އަލިބެ ވިދާޅުވި އެވެ.