ދުނިޔޭގެ އެތައް ގައުމެއްގައި އެތައް ބަޔަކު ދަނީ ބަނޑުހައި ހޫނުކަން ތަހައްމަލު ކުރަމުންނެވެ. އެކަމުގައި އަހަރަކު އެތައް މިލިޔަން ބަޔަކު ދުނިޔެއާ އަލްވަދާއު ކިޔަ އެވެ. ކަން މިހެން ހުރި އިރު އެތައް މިލިޔަން ޓަނެއްގެ ކާބޯ ތަކެތި ކޮންމެ އަހަރަކު ދުނިޔޭގައި އިސްރާފު ކުރާ ކަމީ ފެންނަން އޮތް ހަގީގަތެކެވެ.

މި އަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ޝިއާރެއްގެ ގޮތުގައި ޔުނައިޓެޑް ނޭޝަންްސް އެންވަޔަރްމެންޓް ޕްރޮގްރާމް (ޔުނެޕް) އިން ކަނޑައަޅާފައިވާ ޝިއާއަރަކީ "ތިންކް، އީޓް، ސޭވް"(ކެއުުމުގައި ވިސްނައި ރައްކާ ކުރޭ،) އެވެ. ޔުނެޕް އިން މި ޝިއާރު ކަނޑައެޅުމުން ވެސް އެނގެނީ ކާބޯތަކެތި އިސްރާފު ކުރުމުގެ މައްސަލަ ދުނިޔޭގައި ބޮޑުވެފައިވާ މިންވަރެވެ.

"ރެޑިއުސިން ފުޑް ލޮސް އެންޑް ވޭސްޓް" (ކާބޯތަކެތި ގެއްލި އިސްރާފުވާ މިންވަރު މަދުކުރުން) މި ނަމުގައި ޔުނެޕް އިން އާއްމު ކުރި ރިޕޯޓުން ކާނާ އިސްރާފުކުރުމުގެ މައްސަލަ ދުނިޔޭގައި އޮތް މިންވަރާއި އޭގެ ގެއްލުން އިންސާނީ ނަސްލައް ލިބެމުންދާ މިންވަރު ވަރަށް ރަނގަޅަށް ވަނީ ހާމަވެފަ އެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ގޮތުގައި ފާހަގަކުރި މިމަހުގެ ހަވަނަ ދުވަހު އެމެރިކާގެ ވޮޝިންޓަން ޑީސީއާއި ޕޯޓްލޭންޑާއި މޮންގޯލިއާގެ އުލާންބާޓާރްއާއި ކެންޔާގެ ނައިރޯބީގައި އިފްތިތާހު ކުރި އެ ރިޕޯޓްގައިވާ ގޮތުގައި 2009 ވަނަ އަހަރު ދުނިޔޭގައި އުފެއްދި ކާބޯތަކެތީގެ ތެރެއިން 39 ޕަސެންޓް ތަކެތި ވަނީ ގެއްލި ނުވަތަ އިސްރާފު ވެފަ އެވެ. މިއީ އެތަކެތީގެ ބަރުދަނުން މިންކުރާ އިރު ނުކުންނަ ނަތީޖާ އެވެ. އިންސާނުންނަށް ލިބޭ ހަކަތައާއި ފައިދާ ނުވަތަ ކެލަރީ އިން މިންކޮށްފި ނަމަ 24 ޕަސެންޓް ވަނީ ގެއްލި އިސްރާފު ވެފަ އެވެ.

ވޯލްޑް ފުޑް އެންޑް އެގްރިކަލްޗަރް އޯގަނައިޒޭޝަން (އެފްއޭއޯ)ގެ ދިރާސާއަކަށް ބިނާކޮށް، ޔުނެޕްއާއި ވޯލްޑް ރިސޯސަސް އިންސްޓްޓިއުޓް (ޑަބްލިއު އާރް އައި) އިން އެކުލަވާލި ރިޕޯޓްގައިވާ ގޮތުން 2009 ވަނަ އަހަރު ގެއްލި ނުވަތަ އިސްރާފުވެ ދިޔަ ކާބޯތަކެތީގެ 53 ޕަސެންޓަކީ އިރުކޮށްތުގެ ގޮތުގައި ގިނަ ބަޔަކު ބޭނުންކުރާ ގޮވާމުގެ ބާވަތްތަކެވެ. އަދި 14 ޕަސެންޓަކީ އިރުކޮށްތުގެ ގޮތުގައި ދެވަނައަށް އެންމެ ގިނައިން ބޭނުންކުރާ ފަލަމަޑީގެ ބާވަތްތަކެވެ. ތިން ވަނައަށް އެންމެ ގިނައިން އިސްރާފުވެފައި ވަނީ ގިނަ ގުނަ ފައިދާތަކެއް ލިބޭ ބާވަތްތަކެއް ކަމަށްވާ ތަރުކާރީއާއި މޭވާގެ ބާވަތްތަކެވެ. އެއީ ގެއްލި ނުވަތަ އިސްރާފުވެ ދިޔަ ބާވަތްތަކުގެ 13 ޕަސެންޓެވެ.

އިސްރާފުކުރި ނުވަތަ އިސްރާފުވި ކާނާގެ ބާވަތްތަކަށް ބަލާއިރު އެތަކެތީގެ އަށް ޕަސެންޓަކީ ކެއުމަށް ބޭނުންކުރެވޭ އޮށް ނުވަތަ މަދުގެ ބާވަތްތަކެވެ. އަދި 7 ޕަސެންޓަކީ އެއްގަމު މަހުގެ ބާވަތްތަކެވެ. އިސްރާފުވީ ތަކެތީގެ ހަތަރު ޕަސެންޓަކީ ދުނިޔޭގެ އެންމެ ފަގީރު ގައުމުތަކުން ގިނައިން ލިބޭ އެއް ބާވަތް ކަމަށްވާ ކިރާއި ކިރުން އުފައްދާ ބާވަތްތަކެވެ. އަދި އެއް ޕަސެންޓަކީ މަހާއި މޫދުކާނާ އެވެ.

ދުނިޔޭގައި ކާބޯތަކެތި އިސްރާފުވެފައިވާ ގޮތަށް ބަލާ އިރު ފެންނަނީ ލަދުވެތިވާން ޖެހޭ ފަދަ މަންޒަރެކެވެ. އެގޮތުން ދުނިޔޭގައި 2009 ވަނަ އަހަރު ގެއްލި ނުވަތަ އިސްރާފުވެ ދިޔަ ކާބޯތަކެތީގެ އެންމެ ބޮޑު ބައެއް އިސްރާފުވެފައި ވަނީ އެންމެ ގިނަ ފަގީރުން ތިބި، އަދި ދުނިޔޭގެ އެންމެ މީހުން ގިނަ އޭޝިއާ ބައްރުގަ އެވެ. އެގޮތުން އޭޝިއާގެ ތަރައްގީ ވެފައިވާ ގައުމުތަކުގައި އިސްރާފުވި ކާބޯތަކެއްޗަކީ ދުނިޔޭގައި އިސްރާފުވި ތަކެތީގެ 28 ޕަސެންޓެވެ.

ރާއްޖެ ހިމެނޭ ދެކުނު އޭޝިއާ ސަރަހައްދާއި ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގައި އިސްރާފުވި ކާބޯތަކެއްޗަކީ ދުނިޔޭގައި އިސްރާފުވި ތަކެތީގެ 23 ޕަސެންޓެވެ. އަދި ދުނިޔޭގައި ކުރިއަރާފައިވާ ގައުމުތަކުގެ ތެރެއިން އޭޝިއާ ބައްރުގައިވާ ގައުމުތަކުގައި އިސްރާފުކުރި ކާބޯތަކެއްޗަކީ ދުނިޔޭގައި އިސްރާފުކުރި ތަކެތީގެ 28 ޕަސެންޓެވެ. ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޔޫރަޕާއި އެންމެ ބޮޑު އިގުތިސާދު އޮންނަ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ އޮންނަ އުތުރު އެމެރިކާ ސަރަހައްދުގައި އިސްރާކުރި ތަކެއްޗަކީ ދުނިޔޭގައި އިސްރާފުކުރި ތަކެތީގެ 14 ޕަސެންޓެވެ.

ބަނޑުހައި ހޫނުކަމުގެ ސަބަބުން މިހާރުވެސް އެތައް ބަޔަކު މަރުވަމުންދާ ސަބްސަހާރަން އެފްރިކާ ސަރަަަހައްދުގައި އިސްރާފުކުރި ތަކެއްޗަކީ ނުވަ ޕަސެންޓް ކަމަށްވާ އިރު އުތުރު އަދި ހުޅަނގު އެފްރިކާ ސަރަހައްދުގައި އިސްރާފުކުރި ތަކެއްޗަކީ އިސްރާފުކުރި ތަކެތީގެ ހަތް ޕަސެންޓެވެ. އެންމެ މަދުން އިސްރާފު ކުރި ލެޓިން އެމެރިކާ ސަރަހައްދުގެ ގައުމުތަކުން އިސްރާފުކުރި ތަކެއްޗަކީ މުޅި ދުނިޔޭގައި އިސްރާފުކުރި ތަކެތީގެ ހަަޕަސެންޓެވެ.

އިސްރާފު ކުރުމުގެ މައްސަލަ ދުނިޔޭގައި މިވަަަރަށް އޮތް އިރު ރާއްޖޭގައި ވެސް މިކަން އޮތީ ހަމަ މިފަދަ ގޮތަކަށެވެ. މިއަހަރުގެ ތިމާވެށީގެ ދުވަހުގެ މުނާސަބާގައި ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ދެއްވި ހިތޯބުގައި އެކަން ވަނީ ފާހަގަ ކުރައްވާފަ އެވެ.

"ހިތާމަޔާ އެކު ދަންނަވަން ޖެހެނީ ރާއްޖޭގައި ވެސް މިކަން މިއަދު އޮތީ މިގޮތަށްކަމެވެ. ދިވެހިރާއްޖޭގައި އުކާލެވޭ ކުނީގެ 41 އިންސައްތައަކީ ކާބޯތަކެތި އެކުލެވޭ އޯގަނިކް ކުންޏެވެ،" ރައީސްގެ ހިތާބުގައި ވިދާޅުވެފައިވެ އެވެ.

އެމަނިކުފާނު ވިދާޅުވެފައިވާ ގޮތުގައި ތިމާވެށީގެ ބޮޑު މައްސަލައެއް ކަމަށްވާ ކުނި މެނޭޖް ކުރުމާއި ކާބޯތަކެތި އިސްރާފުކުރުމާ ވަނީ ވަރަށް ބޮޑަށް ގުޅިފަ އެވެ. އެކަން ހައްލު ކުރުމަށް އެފަދަ ތަކެތި ބޭނުން ކުރެވޭނެ ނިޒާމެއް ގާއިމް ކުރަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

"ދިވެހިރާއްޖޭގައި އުކާލެވޭ ކުނީގެ 41 އިންސައްތައަކީ ކާބޯތަކެތި އެކުލެވޭ އޯގަނިކް ކުންޏެވެ. ތިމާވެށީގެ ގޮތުން ބަލާއިރު ކާބޯތަކެތި އިސްރާފުކުރުން ވަނީ ކުނި މެނޭޖްކުރުމާ ވަރަށް ބޮޑަށް ގުޅި ލާމެހިފަ އެވެ،" ރައީސްގެ ހިތާބުގައި ވިދާޅުވެފައިވެ އެވެ.

އިސްރާފުވާ މިންވަރު މީހުންނަށް ވިސްނާލަން ފަސޭހަވާނެ ފަދަ ތަފާސްހިސާބުތަކެއް ޔުނެޕްގެ ރިޕޯޓްގައި ވަނީ ހިމަނާފަ އެވެ.

"އަހަރެއްގެ ތެރޭގައި ދުނިޔޭގައި އިސްރާފުކުރެވޭ ކާބޯތަކެތި ހެއްދުމަށް ބޭނުންކުރެވޭ ފެން އެއް ތަނަކަށް އަޅާ ނަމަ އޮލިމްޕިކް ސައިޒްގެ 70 މިލިޔަން ޕޫލު ފުރޭނެ އެވެ. އަދި ދަނޑު ހެއްދުމަށް ދުނިޔޭގައި ބޭނުންކުރާ ބިމުގެ ބޮޑު މިން މެކްސިކޯއާ އެއްވަރެވެ. އަދި އެތަކެތި ހެއްދުމަށް 28 މިލިޔަން ޓަނުގެ ގަސްކާނާ ބޭނުންކުރެއެވެ،" ޔުނެޕްގެ ރިޕޯޓްގައިވެ އެވެ.

ކާބޯތަކެތި އިސްރާފުކުރުމުގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުމުގެ އެންމެ ބޮޑު ބަޔަކީ ގަސްކާނާގެ ސަބަބުން ލިބޭ ގެއްލުމެވެ. އެގޮތުން ކަނޑަށް ބޭރުވާ ގަސްކާނާއަކީ ދުނިޔޭގެ އައްސޭރިފަށުގެ ސަރަހައްދުތަކުގެ ދިރުންތައް ނެތި ދިއުމުގެ އެންމެ ބޮޑު އެއް ސަބަބަބެވެ.

ކާބޯތަކެތި އުފެއްދުމުގައި ޖައްވަށް ބޭރުވާ ވިހަ ދުމަކީ ވެސް އިސްރާފުކުރުން އިތުރުވާ މިންވަރަކުން އިތުރުވާނެ އެއްޗެކެވެ. އެގޮތުން ގިނަ ކާބޯތަކެތި އިސްރާފުވާ ނަމަ ގިނަ ކާބޯތަކެތި ހައްދަން ޖެހޭތީ އެކަމުގެ ތެރޭގައި ޖައްވަށް ބޭރުވާ ދުންވެސް އިތުރުވާނެ އެވެ.

"ކާބޯތަކެތި އުފެއްދުމުގެ ސިނާއަތަކީ ގައުމެއް ކަމަށް ބަލައިފި ނަމަ، (ދުނިޔެ ހޫނުވުމަށް މެދުވެރިވާ) ގްރީން ހައުސް ގޭސްތައް ޖައްވަށް ބޭރުކުރާ ގައުމުތަކުގެ ތެރެއިން ޗައިނާއާ ޖެހިގެން ދެން އެންމެ ގިނަ ގޭސް ބޭރުކުރާ ގައުމަކަށް ވާނީ އެގައުމެވެ،" އެފްއޭއޯ އިން ތައްޔާރުކޮށް، އަދި ޝާއިރު ނުކުރާ ކަރުދާހެއްގައިވާ ކަމަށް ޔުނެޕް އިން ބުންޏެވެ.

އިސްރާފުގެ ސަބަބުން މިވަރުގެ ބޮޑެތި ގެއްލުންތައް ވަމުން ދާ އިރު އިސްރާފު ކުޑަކުރުމަކީ ދާދި ކުދި ކުދި ކަންތައްތަކަކުން ވެސް ކުރެވެން އޮތް ކަމެކެވެ. ޔުނެޕްގެ ރިޕޯޓްގައި ހިމެނޭ ކޭސް ސްޓަޑީތަކަށް ބަލާ ލުމުން މިކަން އެނގެ އެވެ. އެގޮތުން އެމެރިކާގެ ބައެއް ޔުނިވަސިޓީތަކުން އިސްރާފު ކުޑަކުރުމަށް އެޅި ފިޔަވަޅުތަކަކީ ފާހަގަ ކޮށްލެވޭ ފަދަ ނަތީޖާ ހާސިލުވި ފިޔަވަޅުތަކެކެވެ.

އިސްރާފުކުރާ މިންވަރު މަދުކުރުމަށް އެމެރިކާގެ ޔުނިވަސިޓީތަކުން އެޅި އެއް ފިޔަވަޅަކީ ކިރައިގެން ބަރުމިނަށް އަގު ނެގުމެވެ. އެހެން ހެދުމުން ކާ ފަހަރަކު ތައްޓަށް އަޅާ މިންވަރު (ޕޯޝަން)ތައް ކުދިވެގެން ދިޔަ އެވެ. އަދި އެކަމުގެ ސަބަބުން ޕޯޝަނަކުން ބާކީވެ އުކާލާ މިންވަރު މަދުވިކަން ވަނީ ފާހަގަ ކުރެވިފަ އެވެ. އެމެރިކާގެ ޔުނިވަސިޓީތަކުން އެޅި އަނެއް ފިޔަވަޅަކީ ޓްރޭ ބޭނުންުކުރުން ހުއްޓާލުމެވެ. އެއީ ވެސް ކެއުމަށް އެއް ފަހަރާ ނަގާ ތަކެތި މަދުވުމަށް އެޅުނު ބާރަކަށް ވި އެވެ.

މިފިޔަވަޅުތަކުގެ ސަބަބުން އިސްރާފު ނުވެ ރައްކާކުރެވުނު ތަކެތީގެ ތެރެއިން ހަމަ އެކަނި ފެނުގެ މިންވަރަށް ބަލައިިލިއަސް އަހަރަކު 100000 ލީޓަރުގެ ފެން ވަނީ ސަލާމަތް ވެފަ އެވެ.

ކާބޯތަކެތި އިސްރާފުކުރުމުގެ ސަބަބުން ތިމާއަށާއި ތިމާވެއްޓަށް ލިބޭ ގެއްލުންތައް ކުޑަ ކުރުމަށްޓަކައި ކުރެވިދާނެ މިފަދަ ކުދި ކުދި އެތައް ކަމެއް ރާއްޖޭގައި ވެސް ވަނީ ނުކުރެވި އެވެ. މިސާލަކަށް ރޯދަ މަހު ރޯދަވީއްލުމަށް ތައްޔާރުކުރާ ތަކެތީގެ ތެރެއިން ކޮންމެ ރެއަކު ބާކީވެ، އުކާލާ އެތައް އެތައް ބާވަތް ތަކަކީ އައިސް އަލަމާރީގައި ރައްކާކޮށް، ފަހުން ބޭނުން ކުރެވިދާނެ ތަކެެއްޗެވެ.

މިފަދަ ކުދި ކުދި ކަންތައްތަކާ މެދު އަޅުގަނޑުމެން ވިސްނާ ނުލައި ތިބި އިރު އިސްރާފުކުރުމަކީ ކިހައި ގެއްލުން ހުރި ކަމެއް ކަން ، ޔުނެޕްގެ ރިޕޯޓުން އެވަނީ ހާމަވެފަ އެވެ.