07 Jun 2013, 22:29
ޓޫރިޒަމް މިނިސްޓަރުގެ ނާއިބު މުހަންމަދު މަލީހު ޖަމާލާއި އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ގައުމީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ އަމީން މަގާމުން ވަކިކުރުމަށް ގައުމީ ޕާޓީން ސަރުކާރަށް ހުށަހަޅައިފި އެވެ.
ގައުމީ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާގެ ޕޮލިޓިކަލް އެޑްވައިޒަރު ޑރ. ހަސަން ސައީދު ދެންމެ ސަން އަށް ވިދާޅުވީ އެ ދެ ބޭފުޅުން ސަރުކާރުގައި ތިއްބެވި މަގާމުން ވަކިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަށް ލިއުއްވާފައިވާ ކަމަށާއި އެ ދެ ބޭފުޅުން މަގާމުން ވަކިކުރެއްވުމަށް ހުށަހެޅުއްވީ ގައުމީ ޕާޓީން ރައީސް ޑރ. ވަހީދާ އެކު ކޯލިޝަން ހެދުމަށް ނިންމާފައި ނިންމުމަށް އަމަލު ކުރެއްވުމަށް އެ ބޭފުޅުންނަށް އެކަށީގެންވާ ވަގުތު ދެއްވުމަށް ފަހު، އެ ބޭފުޅުން އެ މަގުން މަސައްކަތް ކުރެއްވުމަށް ބޭނުން ފުޅުނުވުމުން ކަމަށެވެ.
ޑރ. ހަސަން ވިދާޅުވީ އެ ދެބޭފުޅުންގެ ބަދަލުގައި ދެ ބޭފުޅަކު އެ ދެ މަގާމަށް ހަމަޖެއްސުމަށް ވެސް މިހާރު ދަންނަވާފައިވާ ކަމަށެވެ. އެ ގޮތުން އެކޮނަމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހަމަޖެއްސުމަށް ދަންނަވާފައި ވާނީ އޮސްޓްރޭލިއާ އިން ބިޒްނަސް ދާއިރާ އިން މާސްޓާސް ހާސިލު ކުރައްވާފައިވާ، ޕްރައިވެޓޭޝަން ބޯޑުގެ ސިވިލްސާވިސް ހެޑް، އަހުމަދު ސިރާޖު ކަމަށެވެ. އަދި ޓޫރިޒަމް މިނިސްޓްރީގެ ނާއިބަކަށް ލެއްވުމަށް ދަންނަވާފައި ވާނީ އިނގިރޭސި ވިލާތުން ޑިގްރީ ހާސިލު ކުރައްވާފައިވާ، ގައުމީ ޔުނިވަސިޓީގެ ލެކްޗާ އަނިލް އާދަމް ކަމަށެވެ.
އަމީން ދެންމެ ސަން އަށް ވިދާޅުވީ އޭނާ އަދާކުރައްވާ ވަޒީފާއަކީ ސިޔާސީ ވަޒީފާއެއް ކަމަށާއި މަގާމުން ވަކިކުރެއްވުމަކީ ވަޒީފާ ދެއްވި ފަރާތަށް ލިބިގެންވާ އިހްތިޔާރެއް ކަމަށެވެ. އަދި އެއީ ޕާޓީއެއް މެދުވެރިކޮށް ދިން މަގާމެއް ނަމަ އެކަން ކުރުމުގެ އިހްތިޔާރު ޕާޓީއަށް ލިބިގެންވާ ކަމަށެވެ.
އަމީން ވިދާޅުވީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވަހީދަށް ތާއީދު ކުރައްވަން ނުވިސްނަވާ ކަމަށެވެ.
މަލީހާ ފޯނު ކުރި އިރު އޭނާ ހުރީ ޓޫރިޒަމް ޕްރޮމޯޝަން ބޯޑުގެ މަސައްކަތެއްގައި ރާއްޖެ އިން ބޭރުގަ އެވެ. އޭނާ ވިދާޅުވީ ވަޒީފާ އިން ވަކިކުރެއްވުމަށް ހުށަހެޅުއްވިކަން އަދި އޭނާ އަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ.