ރަޝިޔާގެ ރައީސް ވްލަޑްމިއާ ޕޫޓީންއާއި އޭނާގެ އަނބިކަނބަލުން ލިޔުދްމިލާ ޝްކްރެބްނިވާ، އެ ދެ ބޭފުޅުންގެ 30 އަހަރު ދުވަސްވީ ކައިވެނިފުޅު ރޫޅާލައްވައިފި ކަމަށް އެދެބޭފުޅުން މިއަދު ރަސްމީކޮށް އިއުލާނު ކުރައްވައިފި އެވެ.

ޕޫޓީންއާއި ލިޔުދްމިލާގެ ކައިވެނީގެ ގުޅުން ނިމުމަކަށް ގެންނެވިކަން އެ ދެބޭފުޅުން އިއުލާނު ކުރައްވާފައި ވަނީ "ބެލޭ ޑާންސިން" ހަފްލާއެއްގައި ބައިވެރިވެ ވަޑައިގަތުމަށް ފަހު އެގައުމުގެ ސްޓޭޓް ޓެލެވިޒަން މެދުވެރިކޮށެވެ.

"އެއީ އަހަރުމެން ދެމީހުން ބޭނުންވެގެން ނިންމި ނިންމުމެއް. އަހަރެމެން ދެމީހުން ބައްދަލުވަނީ ވަރަށް މަދުން. އަހަރެމެން ދެމީހުންވެސް ހޭދަކުރަމުން ގެންދަނީ މުޅިން ތަފާތު ދިރިއުޅުމެއް،" ޕޫޓިން ވިދާޅުވި އެވެ.

މިފަހަކަށް އައިސް ލިޔުދްމިލާ އާންމުންގެ ތެރެއަށް ނުކުމެވަޑައިގަންނަވަނީ ވަރަށް މަދުންނެވެ. އަދި ވައިގެ ދަތުރުފަތުރުގައި ބައިވެރިވެވަޑައިގަތުމަކީ އުނދަގޫފުޅު ކަމެއްކަމަށް މީޑިއާގައި ވިދާޅުވެފައިވެ އެވެ.

"ވްލަޑްމިއާ އަބަދު އުޅުއްވަނީ މަސައްކަތުގައި، އެއްތަނުން އަނެއްތަނަށް ދަތުރުފުޅު ކުރެއްވުމުގައި،" ލިޔުދްމިލާ ވިދާޅުވި އެވެ. "އަޅުގަނޑުމެން ވަރިވިކަން އާންމު ކުރިނަމަވެސް އަބަދުވެސް ދެމީހުންގެ ދެމެދުގައި ގާތް ގުޅުމެއް އޮންނާނެ"

ލިޔުދްމިލާ ވިދާޅުވީ ޕޫޓިންއަކީ ވަރަށް ރަނގަޅު އޯގާތެރި ބޭފުޅެއް ކަމަށާއި، އަދި އެ ކަމަނާއާއި ދަރިންނަށްވެސް މިހާރުވެއް ވަރަށް ބޮޑަށް ހެޔޮކޮށް ހިއްތަވައި ގާތް ގުޅުމެއް ބާއްވަވާ ކަމަށެވެ.

ޕޫޓިންއާއި ލިޔުދްމިލާ ކައިވެނިފުޅު ބައްލަވައިގަތީ 1983ގަ އެވެ. އަދި އެ ދެބޭފުޅުންގެ އަންހެން ދެ ދަރިކަނބަލުން، މާރިޔާ އަދި އެކަތެރިނާ ތިއްބަވައެވެ. އެ ދެ ދަރިކަނބަލުންގެ އުމުރުފުޅު އުޅުއްވަނީ 20 އަހަރުން މަތީގައެވެ.

ޕޫޓިންއާއި ލިޔުދްމިލާ ދެބޭފުޅުން އެންމެފަހުން އެކުގައި އާންމުންގެ ތެރެއިން ފެނިފައިވަނީ 7 މޭ 2012ގަ އެވެ. އެއީ ޕޫޓިން ތިން ވަނަ ދައުރަކަށް ރައީސްކަމާއި ހަވާލުވެވަޑައިގަތުމުގެ ރަސްމިއްޔާތުގަ އެވެ.