މޫސުމް ގޯސްވެ ދަތުރުކުރެވޭވަރު ނުވެގެން މެދުކަނޑާލި ހުޅުމާލެ ފެރީ ދަތުރުތައް ތިން ގަޑިއިރަށް ފަހު އެމްޓީސީސީން އަލުން ފަށައިފި އެވެ.

ހުޅުމާލެ އާއި މާލެއާ ދެމެދު ފެރީގެ ހިދުމަތްދޭ ސަރުކާރުގެ ކުންފުނީގެ ހެޑް އޮފް ޓްރާންސްްޕޯޓް އިސްމާއިލް ފާރިގް ވިދާޅުވީ މެންދުރު 1:30 އެހާކަންހާއިރު މެދުކަނޑާލި ފެރީ ދަތުރުތައް އަލުން ފެށީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ފަހު ހަވީރު 5:00 ގައި ކަމަށެވެ.

އެ ކުންފުނިން ހުޅުމާލެ ފެރީ ދަތުރުތައް ހުއްޓާލީ ކަނޑުގަދަވެގެން ދަތުރުނުކުރަން ކޯސްޓްގާޑުން ވެސް އިލްތިމާސްކޮށްފައި ވަނިކޮށެވެ.

"ޝެޑިއުލާ އެއްގޮތަށް ދަތުރުނުކުރެވުނު ނަމަވެސް މަދުމަދުން ދަތުރުކުރަމުން ދިޔައީ. ފަހުން މޫސުމް ކޮންމެވެސް ވަރަކަށް ރަނގަޅުކޮށްފި،" އޭނާ ވިދާޅުވި އެވެ.

ފާރިގު ވިދާޅުވީ ހުޅުމާލެ ދަތުރުތައް މެދުކަނޑާލި އިރު ވިލިމާލެއާ ދެމެދު ދަތުރުކުރަމުންދިޔަ އެވެ. އެކަމަކު އޭރު އެ ރަށުގެ ނެރު ކައިރި ވަރަށް ގަދަވުމުގެ ސަބަބުން ދަތުރުކުރަން ދަތިތަކާ ކުރިމަތިވި ކަމަށް އޭނާ ވިދާޅުވި އެވެ.

މޫސުމް ގޯސްވެ ވައިގަދަ ވުމުގެ ސަބަބުން ނައިޓް މާކެޓް ސަރަހައްދުގައި ހުރި ގިނަ އަދަދެއްގެ ޓެންޓްތަކެއް ވެސް ރޭ ވަނީ ހަލާކުވެ އެވެ.

މޫސުމް ގޯސްވެ ވިއްސާރަ، އަދި ކަނޑުގަދަ ދުވަސްވަރަކަށް ވެފައި ރާއްޖޭގެ އެކިހިސާބުތަކަށް ވިއްސާރަކުރަމުންދާތީ ހިކިފަސްތަންތާގައި ތިބެ، ފުރައިގެން ނުދިއުމަށާއި މޫސުމަށް ހާއްސަ ސަމާލުކަމެއްދީ، މޫސުމާއި ބެހޭ އެންމެ ފަހުގެ މައުލޫމާތުތައް ހޯއްދައިގެން ދަތުރުފަތުރު ކުރުމަށް ކޯސްޓްގާޑުން ވަނީ އިލްތިމާސްކޮށްފަ އެވެ.