31 Oct 2010, 04:13
ލޯކަލްކައުންސިލް އިންތިހާބުގައި މާލޭ ސިޓީގެ މޭޔަރުކަމަށް މާލޭ މުނިސިޕަލްޓީގެ ރައީސް ކަމުގައި ހުންނެވި، ސަރަނގު އާދަމް މަނިކު ކުރިމަތި ލައްވާނެކަން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އިއްލާން ކުރައްވައިފި އެވެ.
ރައީސް ނަޝީދު މިކަން އިއުލާން ކުރައްވާފައި ވަނީ އެމްޑީޕީގެ ދެވަނަ ކޮންގްރެސްގެ ނިމުން ފާހަގަ ކުރުމަށް ދަރުބާރުގޭގައި ރޭ ބޭއްވި ޖަލްސާގައި ކޮންގްރެސްގެ ބައިވެރިންނާ މުހާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރޭގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ، މާލޭ ސިޓީ ކައުންސިލްގެ ގޮނޑި އެމްޑީޕީގެ ފަރާތުން އާދަމް މަނިކު ކާމިޔާބު ކުރައްވާނެ ކަމާ މެދު އެ މަނިކުފާނު ޝައްކު ނުކުރައްވާ ކަމަށެވެ.
"މާލޭ ސިޓީއަށް ވިސްނާ ނަމަ މި ފާއިތުވި ދެ އަހަރު ސަރަނގު އާދަމް މަނިކު މާލޭ މުނިސިޕަލްޓީގެ ރައީސްގެ ގޮތުގައި ބޮޑަށް ނަމޫނާ ދައްކާފައި ވަނީ ލޯކަލް ގަވާމަންޓްގެ އާދަތައް ހިފޭއްޓުމަށް. އާދަމް މަނިކަކީ ދުނިޔެ އަށް ޖެހޭ ހެޔޮ ވަޔާއި، ތަހުޒީބު އިންސާނުން ދިރިއުޅޭ ގޮތާއި، ޑިމޮކްރަސީގެ ހަމަތައް ވަރަށް ރަނގަޅަށް ދެނެވަޑައިގެން ހުންނެވި ކުޅަދާނަ ގާބިލު ބޭފުޅެއް. އެބޭފުޅާއަކީ އެމްޑީޕީ އުފެދުނީއްސުރެން އޭނާގެ އުފަން ބޭފުޅަކަށް ދޭނެ ކުލުނާއި އެހީތެރިކަން އެމްޑީޕީ އަށް ދެއްވަމުން [އަންނަ ބޭފުޅެއް]. އަޅުގަނޑަށް ޔަގީން އާދަމް މަނިކު ހުންނަވާނީ އަޅުގަނޑާ އެކު އަޅުގަނޑު ހުރިތަނަކުކަން،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ރޭގެ ޖަލްސާއަށް ފަހު ދަރުބާރުގޭ ފުރަގަހުން އޮންނަ އުސް ފަސްގަނޑުގައި އެމްޑީޕީގެ ލޯކަލް ކައުންސިލް އިންތިހާބުގެ މި ކެމްޕެއިން ވެސް ރަސްމީގޮތުން ވަނީ ފަށައިފަ އެވެ. މި ކެމްޕެއިން ފައްޓަވައިދެއްވީ ވެސް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދެވެ.