މޫސުމް ގޯސްވެ ރާއްޖޭގެ ކަނޑުތައް ގަދަވުމުގެ ސަބަބުން ކަނޑުމަތީގައި ތަފާތު ހާދިސާތައް ހިނގައި، މާލެއިން ފުރައިގެން 30 މީހުންނާއިއެކު ބ.ދަރަވަންދޫއަށް ދަތުރުކުރި ބޯޓެއް މިއަދު ހެނދުނު ކ. ގާފަރު ފަރަށް އަރައިފި އެވެ.

އެމްއެންޑީއެފް އިން ބުނީ އެރަށު "ކުރިމަގު" ބޯޓް ފަރަށް އެރީ މޫސުން ގޯސްވުމުގެ ސަބަބުން ގާފަރަށް ވަންނަން އުޅުމުގެ ތެރޭގައި ކަމަށެވެ. އަދި ގާފަރު ނެރުމައްޗަށް ބޯޓް އެރުމާއި ގުޅިގެން 10:35 ހާއިރު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބުނު ރިޕޯޓަކާއި ގުޅިގެން، އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

"މިބޯޓް ފަރަށް އެރިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ވަނީ ފުންވެފައި. މިހާރު މިބޯޓް ވަނީ ގާފަރު ފަޅުތެރެއަށް ވަދެފައި. އަދި މިބޯޓަށް ދިޔަވަމުންދާތީ ގާފަރު ކައުންސިލުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުން،" އެމްއެންޑީއެފް އިން ބުންޏެވެ.

އެމްއެންޑީއެފް އިން ބުނީ މޫސުމް ގޯސްވެ ރާއްޖޭގެ ކަނޑުތައް ގަދަވުމުގެ ސަބަބުން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ކަނޑުމަތީގެ ގިނަ ހާދިސާތަކެއް ހިންގާފައިވާ ކަމަށެވެ.

އެމްއެންޑީއެފް ބުނީ މިއަދު މެންދުރު ތ. އަތޮޅާއި ލ. އަތޮޅާއި ދޭތެރެއިން 11 ގެސްޓުންނާއެކު ދަތުރުކުރަމުންދިޔަ ''އެންސިސް ބައުންޓީ'' ކިޔާ ސަފާރީގެ ދެ ކުނބު ބިންދައިގެން ދިއުމުން އެސަފާރީއަށް އެހީތެރިވުމުގެ ގޮތުން، އެސަރަހައްދުން ދަތުރުކުރަމުންދިޔަ ''ނޯޓިޕްލަސް1 '' ނަމަކަށްކިޔާ ސަފާރީއާ ގުޅައި ހާލުގައި ޖެހިފައިވާ ސަފާރީއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެދިފައިވާ ކަމަށެވެ. އަދި އެ ސަފާރީއަށް އެހީތެރިވުމަށް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ދ. ކުޑަހުވަދޫން ހާބާ ކްރާފްޓް ލޯންޗެއް އެ ސަރަޙައްދަށް ދިޔުމަށް ފުރުވާލެވިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

ކޯސްޓްގާޑާ ހަވާލާދީ އެމްއެންޑީއެފް ބުނީ އިއްޔެ މާލެއިން ފުރައިގެން 106 މީހުންނާއިއެކު ނ. ހޮޅުދޫއަށް ދަތުރުކުރި "ހޮޅުދޫ ބޯޓް" ކޮޅުފަސްކޮޅަށް ރާޅެއް އަރައި، ބޯޓަށް ދިޔަވުމާއި ގުޅިގެން ރޭ މެންދަމު2:00 ހާއިރު ލިބުނު ރިޕޯޓަކާ ގުޅިގެން، އެ ބޯޓުން މާލެ އައުމަށް އެދުނު ފަސް މީހުން ފަތިހު ހަތަރެއް ޖެހިއިރު ކޯސްޓްގާޑް ނޫރައްދީން ލޯންޗްގައި މާލެ ގެނެސްފައިވާ ކަމަށެވެ.

އެމްއެންޑީއެފް އިން ބުނީ މިއަދު ހެނދުނު އަށް މީހުންނާއިއެކު މަސްވެރިކަމަށް ނުކުމެ އުޅުނު "ހެދޭކުރި" ކިޔާ ދޯންޏެއް އދ. މަހިބަދޫ ހުޅަނގުފަރާތު ފަރަށް އެރުމާއި ގުޅިގެން ހެނދުނު 11:00 ހާއިރު މައުލޫމާތު ލިބުމާ ގުޅިގެން އެ ދޯންޏަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތުގައި މަހިބަދޫގެ ރައްޔިތުންނާއި ކައުންސިލް އަދި މަހިބަދޫ ޕޮލިސް ސްޓޭޝަނުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

މިދުވަސްވަރަކީ ރާއްޖެއަށް މޫސުމް ގޯސްވެ ވިއްސާރަ، އަދި ކަނޑުގަދަ ދުވަސްވަރަކަށް ވެފައި ރާއްޖޭގެ އެކިހިސާބުތަކަށް ވިއްސާރަކުރަމުންދާތީ ހިކިފަސްތަންތާގައި ތިބެ ފުރައިގެން ނުދިއުމަށާއި މޫސުމަށް ހާއްސަ ސަމާލުކަމެއްދީ، މޫސުމާއި ބެހޭ އެންމެ ފަހުގެ މައުލޫމާތުތައް ހޯއްދައިގެން ދަތުރުފަތުރު ކުރުމަށް ކޯސްޓްގާޑުން އިލްތިމާސްކުރެ އެވެ.