07 Jun 2013, 17:39
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އިންސާފުވެރިކަމާއިއެކު އިއުލާން ކުރާ ކޮންމެ ނަތީޖާ އެއް ވެސް ގަބޫލު ކުރައްވާނެ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން ރޭ ގއ. ވިލިގިލީގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ކުރިއަށް ރިޔާސީ އިންތިހާބުގެ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން އިންސާފުވެރިކަމާއިއެކު އިއުލާން ކުރައްވައިފިނަމަ އެ ނަތީޖާ އެއް ގަބޫލު ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަށް އަރުވާ ކަމަށެވެ.
"އަޅުގަނޑު އިލެކްޝަންސް ކޮމިޝަނަރަށް ޔަގީކޮށް އަރުވަން ބޭނުން ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އިންސާފުވެރިކަމާއިއެކު އިއުލާން ކުރާ ކޮންމެ ނަތީޖާ އެއް ވެސް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން އުފަލާއިއެކު ބަލައިގަންނާނަމޭ، " ރައީސް ނަޝީދު ވިދާޅުވި އެވެ.
ރާއްޖޭގެ އެއާޕޯޓްތައް ތަރައްގީ ކުރުމާއި ބެހޭ ގޮތުން ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ޢުމްރާނީ ބޮޑެތި މަސައްކަތް ކުރެވޭނީ އަމިއްލަ ފަރާތްތަކާ ގުޅިގެން ކަމަށާއި އެގޮތުގެ މަތީން އެމްޑީޕީ ސަރުކާރުގެ ތިން އަހަރުގައި ތަރައްގީގެ ބޮޑެތި އުމްރާނީ މަސައްކަތް ކުރުމަށް ނިންމީ ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްގެ އުސޫލުން ކަމަށް ވިދާޅުވި އެވެ. އެގޮތުން ކޫއްޑޫ އެއާޕޯޓަކީ ވެސް އެ އުސޫލުގެ މަތިން ތަރައްގީކުރެވުނު ތަނެއް ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި އިބްރާހިމް ނާސިރް އިންޓަނޭޝަނަލް އެއާޕޯޓު ވެސް އެންމެ ފައިދާހުރި ގޮތަށް ތަރައްގީކުރެވޭނީ އަމިއްލަ ފަރާތްތަކާ ގުޅިގެން ކަމަށް ނަޝީދު ވިދާޅުވި އެވެ.
ރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީއަކީ ދިވެހި ރައްޔިތުންގެ ހެވާއި ލާބައާއި މަންފާއަށްޓަކައި ރާއްޖޭގެ ހިންގުން ކުރިއަށް ގެންދިއުމަށް ސިޔާސަތުތަކެއް ކަނޑައަޅައިގެން މަސައްކަތްކުރާ ޕާޓީ އެއް ކަމަށެވެ. އެގޮތުން އެމްޑީޕީގެ ސަރުކާރުގައި ތަރައްގީގެ ހުރިހާ މަސައްކަތެއް ވެސް ބާރަށް ކުރިއަށް ގެންދަވާނެ ކަމަށާއި އަދި ކެނޑިނޭޅި އެ މެސައްކަތް ކުރައްވަމުން ގެންދަވާނެ ކަމުގައި ނަޝީދު ވިދާޅުވި އެވެ.