07 Jun 2013, 17:21
މާލޭގެ ހުޅަނގު ދެކުނު ފަރާތަށް އުދައަރައި، އެ ސަރަހައްދުގައި ގާތްގަނޑަކަށް ފޫޓަކަށް ފެން ބޮޑު ވެއްޖެ އެވެ.
މާލޭގެ ހުޅަނގު ދެކުނު ފަރާތު އައިޖީއެމްޗް ސަރަހައްދާއި، ދިރާގް ހެޑް އޮފީސް ހުންނަ ސަރަހައްދާއި، އަދި ބޮޑުތަކުރުފާނުމަގު ތިން ރުއްސަރަހައްދުގައި ވަރަށް ބޮޑަށް ފެން ބޮޑުވެފައިވެ އެވެ. އަދި މާލެ އަށް އުދައަަރަމުން ދަނީ ވެސް އެ ސަރަހައްދުންނެވެ.
މާލެއަށް އުދައަރައި ބޮޑުވެފައިވާ ފެންގަނޑު ހިއްކުމުގެ މަސައްކަތް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) މިހާރު ދަނީ ކުރަމުންނެވެ.
ރޭ ދަންވަރުން ފެށިގެން ރާއްޖޭގެ އެކި ސަރަހައްދު ތަކަށް ދަނީ ގަދަ ވަޔާއިއެކު ވިއްސާރަ ކުރަމުންނެވެ. އަދި ކަނޑުގަދަވެ ވިއްސާރަ ވުމުގެ ސަބަބުން ކަނޑުމަތީގެ ދަތުރުތަކަށް ސަމާލުވުމަށް އެމްއެންޑީއެފްއިން ވަނީ އިލްތިމާސް ކޮށްފަ އެވެ.
ވައިގަދަވެ ވިއްސާރަ ވުމުގެ ސަބަބުން މެޓް އޮފީހުން ވަނީ ޔެލޯ އެލާޓް އިއުލާން ކޮށްފަ އެވެ. މީގެ އިތުރުން މެޓް އޮފީހުން ބުނެފައި ވަނީ އުތުރާއި މެދެތެރޭގެ އަތޮޅު ތަކުގައި ވަރަށް ވައިގަދަ ކަމަށެވެ. އެގޮތުން އުތުރާއި ދެކުނުގެ އަތޮޅު ތަކުގައި ކުރިއަށް އޮތް 24 ގަޑިއިރު 17 މޭލާއި 24 މޭލާދެ މެދު މިނުގެ ބާރުމިނެއްގައި ވައިގަދަ ވާނެ ކަމަށެވެ. އަދި މިއަދު މެންދުރު 12 އާއި އިރު އޮއްސި ހަޔަކާއި ދޭތެރޭ 30 މޭލާއި 40 މޭލާއި ދެމެދުގެ ބާރު މިނެއްގައި ވައިގަދާ ވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް މެޓް އޮފީހުގެ އޮފިޝަލް ވިދާޅުވި އެވެ. އަދި ވިލާގަނޑުގައި ގާތްގަނޑަކަށް 55 މޭލަށް ވައިގަދަވާނެ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ ކުރިއަށް 24 ގަޑިއިރު ރާއްޖޭގެ ހުރިހައި ހިސާބެއްގައި ވެސް ގަދަވާނެ ކަމަށެވެ.