07 Jun 2013, 16:42
މިއަހަރުގެ ފުރަތަމަ ތިންމަސްދުވަހުގެ ތެރޭގައި ޓޫރިޒަމް އިންޑަސްޓްރީން ވަރަށް ބޮޑުކުރިއެރުމެއް ހޯދާފައިވާ ކަމަށާއި އެއާއެކު މުޅި އިގްތިސާދަށް ވެސް ބޮޑުކުރިއެރުމެއް ލިބުނު ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.
މަރުކަޒީ ބޭންކުން އިއްޔެ އާއްމުކުރި މިއަހަރުގެ ތިންވަނަ ކުއާޓަރުގެ އިކޮމިކް ބުލެޓިންގައި ބުނެފައި ވަނީ، ތަފާސް ހިސާބުތަކަށް ބަލާއިރު މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހު އިގްތިސާދީ ތަފާތު ދާއިރާތަކުން ކުރިއެރުން ހޯދާފައިވާ ކަމަށެވެ. އަދި އޭގެ މައިގަނޑު ސަބަބަކީ ޓޫރިޒަމް ދާއިރާއަށް ލިބުނު ބޮޑުކުރިއެރުން ކަމަށް އެމްއެމްއޭ އިން ބުނެފައިވެ އެވެ.
އިގްތިސާދީ ތަފާސް ހިސާބުތަކާ ހަވާލާދީ އެމްއެމްއޭ އިން ބުނެފައި ވަނީ ޓޫރިސްޓް ބެޑްނައިޓާއި ޓޫރިސްޓުން އައި މިންވަރު މިދިޔަ އަހަރުގެ ފަހު ހަތަރު މަސް ދުވަހަށް ވުރެ އިތުރުވެފައިވާ ކަމަށެވެ.
އެމްއެމްއޭ އިން ބުނެފައި ވަނީ މިއަހަރުގެ ފުރަތަމަ ތިންމަސްދުވަހުގެ ތެރޭގައި މަސްވެރިކަމުގެ ދާއިރާއިން ވެސް ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ. އެގޮތުން މަސް އެކްސްޕޯޓްކޮށްގެން ލިބުނު އާމްދަނީ އިތުރުވެފައިވާ ކަމަށް ބުނެފައިވެ އެވެ.
މަރުކަޒީ ބޭންކުން ބުނީ ކޮންސްޓްރަކްޝަން ދާއިރާއަށް ބޭނުންވާ ހިލަ އާއި ހިލަވެލި ނުލިބުމުގެ ސަބަބުން މަސައްކަތްތައް ހުއްޓި، މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި އެ ދާއިރާއަށް އެކަށީގެންވާ ކުރިއެރުމެއް ނުލިބޭ ކަމަށެވެ.
އިކޮނޮމިކް ބުލެޓިންގައި ބުނެފައި ވަނީ މާޗް މަހުގެ ނިޔަލަށް ހޯސޭލް އަދި ރީޓެއިލް ވިޔަފާރި ވެސް ކުރިއަރާފައިވާ ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި އަމިއްލަ ފަރާތްތަކުން އެތެރެކުރި މުދަލުގެ އަދަދު ވެސް އިތުރުވެފައިވާ ކަމަށް އެމްއެމްއޭ އިން ބުނެފައިވެ އެވެ.
އިގްތިސާދީ ހާލަތު ބަޔާންކޮށް އެމްއެމްއޭ އިން ނެރުނު އިކޮނޮމިކް ބުލެޓިންގައި ބުނެފައި ވަނީ މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ކޮންސިއުމާ ޕްރައިސް އިންޑެކްސް ނުވަތަ އިންފްލޭޝަން 4.7 ޕަސެންޓަށް ދަށްވެފައިވާ ކަމަށެވެ. އޭގެ ސަބަބެއް ކަމަށް ބުނެފައި ވަނީ މަހުގެ އަގު ދަށްވުމާއި ދުނިޔޭގެ ބާޒާރުގައި ކާބޯތަކެތީގެ އަގު ބޮޑުނުވެ ހުރުން ވެސް ހިމެނޭ ކަމަށް ބުނެފައިވެ އެވެ.
އެމްއެމްއިން ބުނީ ދައުލަތަށް ލިބޭ އާމްދަނީ އިތުރުވި ނަމަވެސް، ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ސަރުކާރުގެ ހަރަދުތައް އިތުރުވެފައިވާ ކަމަށެވެ. އޭގެ ސަބަބެއް ކަމަށް ބުނެފައި ވަނީ ދަރަނި އަދާކުރުމާއި މުސާރައާއި އިނާޔަތްތައް އެ މުއްދަތުގެ ތެރޭގައި އިތުރުވެފައިވާތީ ކަމަށް މަރުކަޒީ ބޭންކުން ބުންޏެވެ.
އެމްއެމްއޭގެ އިކޮނޮމިކް ބުލެޓިންގައި ބުނެފައި ވަނީ މާޗްގެ ނިޔަލަށް އެކްސްޕޯޓާއި ރީ އެކްސްޕޯޓް އިތުރުވެ، އިމްޕޯޓަށް ކުރި ހޭދަ މަދުވުމުން ޓްރޭޑް ޑެފިސިޓް ދަށްވެފައިވާ ކަމަށެވެ. ނަމަވެސް އަހަރުގެ ފުރަތަމަ ދެ މަސްދުވަހު ބޭރު ފައިސާގެ ރިޒާވް އިތުރުވި ނަމަވެސް މާޗް މަހަށްފަހު ފެންނަނީ ރިޒާވް ދަށްވަމުން އަންނަ ތަން ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.