07 Jun 2013, 14:58
މޫސުމް ގޯސްވެ ދަތުރުކުރެވޭވަރު ނުވެގެން ހުޅުމާލެ ފެރީ ދަތުރުތައް އެމްޓީސީސީން ހުއްޓާލައިފި އެވެ.
ހުޅުމާލެ އާއި މާލެއާ ދެމެދު ފެރީގެ ހިދުމަތްދޭ ސަރުކާރުގެ ކުންފުނީގެ ހެޑް އޮފް ޓްރާންސްްޕޯޓް އިސްމާއިލް ފާރިގް މިއަދު ސަން އަށް ވިދާޅުވީ ހުޅުމާލެ ފެރީ ދަތުރުތައް ހުއްޓާލި އިރު، ކަނޑުގަދަވެގެން ދަތުރުނުކުރަން ކޯސްޓްގާޑުން ވެސް އިލްތިމާސްކޮށްފައިވާ ކަމަށެވެ.
"މިއަދު މެންދުރު 1:30ން ފެށިގެން ޝެޑިއުލާއެއްގޮތަށް ދަތުރުކުރެވޭ ވަރެއްނުވޭ. އެހެންވެ ދަތުރުތައް މެދުކަނޑާލީ. އެ ރަށުގެ ފަޅުތެރެ ވަރަށް ގަދަ،" އޭނާ ވިދާޅުވި އެވެ.
ފާރިގު ވިދާޅުވީ ހުޅުމާލެ ދަތުރުތައް ހުއްޓާލި ނަމަވެސް ވިލިމާލެއާ ދެމެދު ދަތުރުކުރަމުންދާ ކަމަށެވެ. އެކަމަކު އެ ރަށުގެ ނެރު ކައިރި ވަރަށް ގަދަވުމުގެ ސަބަބުން ދަތުރުކުރަން ދަތިތަކާ ކުރިމަތިވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ހުޅުމާލެ ދަތުރުތައް އަލުން ފަށާނެ އިރެއް އެމްޓީސީސީން ނުބުނެ އެވެ.
މޫސުމް ގޯސްވެ ވައިގަދަ ވުމުގެ ސަބަބުން ނައިޓް މާކެޓް ސަރަހައްދުގައި ހުރި ގިނަ އަދަދެއްގެ ޓެންޓްތަކެއް ވެސް ރޭ ވަނީ ހަލާކުވެ އެވެ.
މޫސުމް ގޯސްވެ ވިއްސާރަ، އަދި ކަނޑުގަދަ ދުވަސްވަރަކަށް ވެފައި ރާއްޖޭގެ އެކިހިސާބުތަކަށް ވިއްސާރަކުރަމުންދާތީ ހިކިފަސްތަންތާގައި ތިބެ، ފުރައިގެން ނުދިއުމަށާއި މޫސުމަށް ހާއްސަ ސަމާލުކަމެއްދީ، މޫސުމާއި ބެހޭ އެންމެ ފަހުގެ މައުލޫމާތުތައް ހޯއްދައިގެން ދަތުރުފަތުރު ކުރުމަށް ކޯސްޓްގާޑުން ވަނީ އިލްތިމާސްކޮށްފަ އެވެ.